ހޯރަފުށީ އެއާޕޯޓަކީ، ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއް:ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

ހޯރަފުށީ އެއަރޕޯރޓަކީ، އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއްކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު (އިބްރާހީމް) ވިދާޅުވެއްޖެއެވެ.

”އަޅުގަނޑު ދެކޭގޮތުގައި މިހާރު މިއޮތީ، މި ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެ ވަގުތު ޖެހިފައި.“ ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވިއެވެ. ”މި ރަށުން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިންގ މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު އަޅުގަނޑު ވާނީ ކަނޑައަޅާފައި. ރަށު ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރަށުގެ ކައުންސިލަށް އަޅުގަނޑު މިއަދު ގޮވާލަން.“

ރައީސް ވިދާޅުވިގޮތުގައި މިހާތަނަށް ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތަސް، މިއެއާޕޯޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، އެ ސަރަޙައްދުގައި ތަނަވަސްވެގެންދާނެއެވެ. އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް، އެރަށުގެ އަށްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް މިދިޔަ އާދީއްތަ ދުވަހު ވަނީ ބީލަމަށް ހުޅުވައިލެވިފައިކަމަށާއި އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، ދެވަނަފަހަރަށް، ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލެވޭނެކަމަށް ވިދާޅުވިއެވެ. އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް، އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ފުރަތަމަ ފަހަރަށް، ބީލަމަށް ހުޅުވައިލުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައެއްނުވެއެވެ.

ރައީސް އިބްރާހީމް ވިދާޅުވިގޮތުގައި ދެން އެންމެ އަވަހަށް ރިޒޯޓް ތަރައްޤީކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރު ފިނޮޅު ހިމެނޭނެއެވެ. އަދި އޭގެފަހުން، ހޯރަފުށީގެ އުތުރުން އޮތް މެދަފުށިވެސް، ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ ކަމަށާއި އޭގެ އިތުރުން، ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ބައެއް ރަށްތައް، އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ވިދާޅުވިގޮތުގައި ހޯރަފުށީ އެއާޕޯޓާއެކު، ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެއެވެ.

”އަދި މި އެއާޕޯޓް އިތުރަށް ތަރައްޤީވެ ފުރިހަމަވެގެންދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް، މި އެއާޕޯޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ.“ ރައީސް ވިދާޅުވިއެވެ. ”މިއަދު މި ހުޅުވުނީ ހޯރަފުށީ އެއާޕޯޓް ކަމަށްވިޔަސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އަޅުގަނޑުމެން އެޅި ވަރަށް މުހިންމު ފިޔަވަޅެއް. މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ފެށުން. މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ، މާރަންދޫގެ ރައްޔިތުންވެސް، އުންމީދުކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް.“

ރައީސްގެ ވާހަކަފުޅުގައި ހޯރަފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުތައް ހެދުމާއި، ކައުންސިލް އިދާރާގެ ޢިމާރާތާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިމާރާތް، ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާކަމަށް ވިދާޅުވިއެވެ.

”އަދި އަޅުގަނޑު ހަނދާން އެބަހުރި، ކެމްޕެއިންތެރޭގައި އަޅުގަނޑު މި ރަށަށް ކުރި ދަތުރުގައި، އިތުރު ވަޢުދުތައް ވެފައިހުރިކަން. އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މި ރަށުގައި ފެށިގެންދާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.“

ހޯރަފުށީ އެއާރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިި ހޯރަފުށީގެ ގިނައަދަދެއްގެ ރައްޔިތުންނާއި ރަސްމިއްޔާތުގައި ބައިވެރިވުމަށް މާލެއިންނާއި ރަށްރަށުން ދިޔަ މީހުން ބައިވެރިވިއެވެ.

 

Loading

One Response

  1. ރައީސް ޔާމީނު ވިދާޅުވިހެން ހޯރައިގެ ބަދަލު ފުލައިޓު ޖެއްސީދޯ؟ ކާކުގެ ދުރުވިސްނުމަށް ކާކު ފެއްޓީ މަސައްކަތެއް ނިމި ކާކުކަށްތޯ ހުޅުވާލުމުގެ ނަސީބު މިލިބުނީ. ދެން އޯކޭ. ހޯރަފުށީ ރައްޔަތުންނަށް މަރުޙަބާ! ވަކި މީހަކަށް ބަލާނެކަމެއްނެތެވެ. ލިބޭ ކޮންމެ ކުރިއެރުމަކީ ރައްޔަތުންނަށް ލިބޭފައިދާއެކެވެ. އަދި ކޮންމެމީހަކު ކޮށްދިނަސް ޚަރަދުކުރަނީވެެސް ރައްޔަތުންގެ މާލިއްޔަތުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް