މާޗު 6ގައި ކައުންސިލް އިންތިޚާބު ބާއްވަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން 2021ވަނަ އަހަރަށް ލަސްކުރި ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު 2021ވަނަ އަހަރުގެ މާޗުމަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ރޭގެ ”ފަލަ ސުރުހީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައެޅުން ހާއްސަ ޤާނޫނުން ލާޒިމްކުރަނީ، ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

ޤާނޫނުގައި އެހެން އޮތް ނަމަވެސް، އިންތިޚާބުގެ ކަންކަމަކީ ކުއްލިއަކަށް ނިންމޭނެ ކަންކަމަށް ނުވާތީ، އެކަމަށް ދުރާލާ ތައްޔާރުވެ، ޝެޑިއުލް ހަދާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ޝެޑިއުލްކޮށްފައި އޮތް ގޮތުން، އަދި ކޮމިޝަންގެ ތެރޭގައި މަޝްވަރާކުރެވި، ކޮމިޝަނުން ތާރީޚް ނުނިންމާ އޮތް ކަމުގައި ވިޔަސް، އިންތިޚާބު ބޭއްވޭނެ ކަމަށް ލަފާކުރައްވަނީ، އަދި ޝެޑިއުލްކޮށްފައި މިހާރު އޮތީ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ހޮނިހިރު ދުވަހަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެއީ އަދި ފައިނަލް ތާރީޚް ނޫން ކަމަށާއި، މާޗު ހައެއްގައި އިންތިޚާބު ބާއްވަން ޝެޑިއުލް ކުރީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު ގައި ކަމަށެވެ.

އެ އިންތިޚާބާއި ގުޅޭ ޚާއްސަ ޤާނޫނު ބުނާގޮތުން ރައީސް ބިލް ތަސްދީގުކޮށް ޤާނޫނަކަށް ވާތާ އެއް އަހަރުގެ ތެރޭގައި އިންތިޚާބު ބާއްވާ ނިންމަން ޖެހެއެވެ.

ޝަރީފް ވިދާޅުވީ އެ އެއް އަހަރު ދުވަސް ހަމަވާނީ މެއި މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ ތާރީޚްގެ ތެރޭގައި ރޯދަ މަސް އަންނަ ކަމަށެވެ.

ނަމަވެސް ރޯދަ މަހުގެ ތެރޭގައި އިންތިޚާބު ބާއްވައި، ކެމްޕޭނާއި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ، އީސީގެ ވިސްނުން ހުރީ ރޯދަމަހުގެ ކުރިން އިންތިޚާބު ބޭއްވުން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

”އެހެން ނަމަވެސް އަދި ކޮމިޝަނުގައި ވަކި ގޮތަކަށް ނިންމީއެއް ނޫން. އެ ނިންމުން ނިންމާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާނުކުރާތާ އެ މުއްދަތުގައި އަޅުގަނޑުމެން އެ ތާރީޙް އިއުލާނުކުރާނަން،“ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނީ، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ޤާނޫނުން ދިނުން ލާޒިމުކުރާ މުއްދަތު ދިނުމަށްފަހުގައި ކަމަށެވެ.

ކޮވިޑް19އާއި ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކުރި ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 ކެންޑިޑޭޓުން ކުރިމަތިލިއެވެ.

ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ޤާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓްގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެއީ އެންމެ ފުރަތަމަ އެ އިންތިހާބަށް ކަނޑައެޅި ބަޖެޓަށްވުރެ 31.5 މިލިއަން އިތުރުވުމެކެވެ. މިއަހަރު އެންމެ ފުރަތަމަ ބާއްވަން ތާވަލް ކުރި އެ އިންތިހާބަށް ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް