ޝާހިދު އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަށް ވުމަކީ ތުރުކީގެ ޚާރިޖީ ސިޔާސަތަށް އޮތް ނުރައްކަލެއް.

781

ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާއާއި އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަމަށް 2021 ވަނައަހަރު ގެނައުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. 

މީޑިއާތަކުން  ރިޕޯޓުކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ޢަބްދުލް ބިން އަހްމަދު އަލް ޖުބައިރު ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސެއް ހޮވުމަށް ބާއްވާ އިންތިޚާބުގައި  ދިވެހިރާއްޖެއަށް ތާއީދުކުރާނެ ކަމަށެވެ.

އދ. ގެ 76 ވަނަ ޖެނެރަލް އެސެންބްލީ ބާއްވަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެންބަރު 14 ވަނަދުވަހުއެވެ. އެތާރީޚުގެ ތިންމަސްކުރިން އާ ރައީސަކު ހޮވާނެއެވެ. އެހެންކަމުން ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވާނެކަމަށް ބެލެވެނީ މިއަންނަ އަހަރުގެ މެދުތެރޭ ހިސާބުގައެވެ. 

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދަކީ އިންޑިއާއަށް ވަރަށްބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ސަޢުދީ އަރަބިއްޔާއިން އޭޝިއާއާއި މެދުއިރުމަތީގައި ގެންގުޅޭ ސިޔާސަތަށް ވަރަށް ތާއީދުކުރައްވާ ބޭފުޅެކެވެ. މިދެ ގައުމުގެ ޚާރިޖީ ސިޔާސަތަށް ތާއީދުކުރައްވައިގެން ޝާހިދު މަސައްކަތްކުރައްވަނީ އދ. ގެ މަތީ ފެންވަރުގެ ވަޒީފާއެއް ހޯއްދެވުމަށް ކަމުގައި ރިޕޯޓުތަކުން ބުނެއެވެ. 

ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި ބައިނަލްއަގުވާމީ ފޯރަމްތަކުގައި މިދެ ގައުމުގެ ސަރުކާރުންވަނީ، އެގައުމުތަކުގައްޔާއި ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ އުސޫލުތަކަށް ތާއީދުކުރާ ސިޔާސީ ހަރަކާތްތައް ނައްތާލާނެކަމަށް ވަޢުދުވެފައެވެ. އެދެ ގައުމުން ދެކޭގޮތުގައި އިސްލާމީ އުސޫލުތަކަށް ތާއީދުކުރާ ސިޔާސީ ހަރަކާތްތަކަކީ އެގައުމުތަކުގެ ސަރުކާރުތަކަށް އޮތް ނުރައްކަލެކެވެ. 

ސައޫދީ އަރަބިއްޔާއާއި އިންޑިއާއިން ވަނީ ފާޅުކަންބޮޑު ގޮތެއްގައި ތުރުކީގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔައި، ދެކޮޅުހަދާފައެވެ. އަދި މިދެގައުމުން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދަނީ، މުސްލިމުންގެ މެދުގައި ތުރުކީއަށް އިތުރުވަމުންދާ ތާއީދު ކުޑަކުރުމަށް އެހެންގައުމުތަކުގެ އެހީތެރިކަން ހޯދުމަށެވެ. މިކަމުގައި ސައޫދީ އަރަބިއްޔާ، އިންޑިއާއަށްވުރެ މާ ހަރަކާތްތެރިއެވެ. ތުރުކީގެ އުސްމާނީ ޚިލާފަތަކީ އިސްލާމީ ވެރިކަމެއްނޫން ކަމަށާއި އެއީ ގައުމުތަކަށް ވެރިވުންކަމުގައި މީހުންނަށް ވިސްނައިދީ، ތުރުކީއާއި ދެކޮޅު ޕްރޮޕަގެންޑާ ހިންގުމަށް ސައޫދީ އަރަބިއްޔާއިން ދަނީ އެތައް ސަތޭކަ މިލިއަން ޑޮލަރު ހޭދަކުރަމުންނެވެ. 

އިޒުރޭލާއިއެކު ސިޔާސީގުޅުންތައް ގާއިމު ކުރަން އެހެން ގައުމުތަކަށް ބާރުއަޅާ ގައުމުތަކުގެ ތެރެއިން އެންމެ އިސްދައުރެއް އަދާކުރާ ގައުމެއް ކަމުގައި ސައޫދީ އަރަބިއްޔާ ވެއެވެ. މިކަމަކީ މުސްތަގުބަލުގައި އިޒުރޭލާއި ގުޅުން ގާއިމުކުރަން އެގައުމުން ކޮށަމުންދާ މަގެއްކަމުގައި ބުނެވެއެވެ.  

އިންޑިއާއަކީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނާއި ދެކޮޅު ސިޔާސަތުތަކާއި ގާނޫނުތައް ހަދައި، މުސްލިމުން އަނިޔާވެރިކޮށް މަރައި، މުސްލިމުންގެ ވިޔަފާރިތައް އަންދާ، އިންޑިއާއިން ބިން މިލްކުކުރުން މަނާކޮށް، މިސްކިތްތައް ތަޅާ ސުންނާފަތިކޮށް، މިސްކިތްހުރި ބިމުގައި ފައްޅިއަޅާ، މުސްލިމުންނަށް އަނިޔާވެރިވުމުގައި މަޝްހޫރު ބައެކެވެ. މީގެ އިތުރުންއިންޑިއާ ސިފައިން މެދުވެރިކޮށް ކަޝްމީރުގެ އިންޑިއާވީފަޅީގައި އަނިޔާވެރި އަމަލުތައް ހިންގާ ގައުމެކެވެ. 

މިނިސްޓަރު ޝާހިދުވަނީ އެބޭފުޅާއަކީ މިދެގައުމަށް ވަރަށް ވަފާތެރި ބޭފުޅެއްކަން ދެއްކެވުމަށް ފާއިތުވި އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެފަދަ %100 މުސްލިމު ގައުމަކުން، ތުރުކީއާއި ދެކޮޅަށް މެދުއިރުމަތީގައި ހިންގާ ސިޔާސަތުތަކަށާއި، ޕާކިސްތާނާއި ދެކޮޅަށް އޭޝިއާގައި މިގައުމުތަކުން ހިންގާ ސިޔާސަތުތަކަށް، މިހާރުމިވަނީ ތާއީދު ކުރަން ފަށާފައެވެ.  

މިތާގައި ފާހަގަކޮށްލަން ޖެހޭ މުހިއްމު އެއްކަމަކީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ ތުރުކީއަށް ތާއީދު ކުރުމުގެ ގޮތުން، ތުރުކީގެ ގިނަ ޚާރިޖީ ސިޔާސަތުތައްއް އެގައުމުގައި ތަންފީޒުކުރައްވަން ވަރަށްފަހުން ފައްޓަވާފައެވެ. 

މިހާރު ދިވެހިރާއްޖެ މިވަނީ ބައިނަލްއަގުވާމީ ސިޔާސީ ކުޅިގަނޑުގެ ތެރެއަށް ދަމާ ގެންގޮސްފައެވެ. މި ކުޅިގަނޑު ބިނާވެފައިވަނީ އިސްލާމްދީނާއިދެކޮޅު ކަންތައްތަކުގެ މައްޗަށެވެ. އިސްލާމްދީނުގެ ކަންކަމަށް ތާއީދުކުރާ ކަންކަމުގެ މައްޗަކަށް ނޫނެވެ. 

އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސަކަށް ޚާރިޖީ ވަޒީރު ޝާހިދު ގެނައުމަށް އަމާންކަމަށް ލޯބިކުރާ އެއްވެސް ގައުމަކުން ތާއީދުކުރުމަކީ ރަނގަޅުކަމެއްނޫނެވެ. ސަބަބަކީ ޝާހިދުގެ ލީޑަރޝިޕް ވެގެންދާނީ އެއްފަރާތަށް ވަރަށް ބޮޑަށް ޖެހިފައިވާ ލީޑަރޝިޕަކަށް ކަމަށްވާތީއެވެ. 

Source: https://www.maldiveswire.com/a-threat-to-turkey-foreign-policy-as-maldives-fm-shahid-gets-support-from-saudi-india-as-unga-president/

4 ހިޔާލުތައް

  1. ތުރުކީ ކަހިރުވަކެކޭ އިސްތަށްޓެކޭވެސް ހީނުވާނެ. ސައުދީގައި ނޫޅެނެ ހަނގުރާމައެއް ކޮށްލެވާވަރުގެ ސިފައިންނެއް. ދެން އިންޑިއާ. ޕާކިސްތާނަށް ޙަމަލެދީފާ ޗައިނާއާއި ތޮޅިފާ ދެން ކިހިނެއް ތުރުކީއާއި ތޮޅޭނީ. އީރާނާއީ ތުރުކީއާއި ގަތަރާއި އެކުވެލީމާ ދެން ސައުދީގައި އެއުޅޭ ގަސްބުރިކުރާ ކީސްހުން މީހުންކޮށާ ޕްރިންސް ކީއްކުރާނީ. ބުނޭ އެސޮރުކައިރީ ކަޝޯޖީ ވަރަށް ސަލާމް ފޮނުވައޭ! ހޭބަލިވެދާނެ ދޯ؟

  2. ޝާހިދަކީ ސިޔާސީ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދިވެހިރާއްޖެއަށް ދެރައެއް ވެދާނެ ގޮތަކަށް ކަމެއް ކުރައްވާފާނެކަމަކަށް ގަބޫލެއްނުކުރެވެއެވެ. އަމިއްލަ ބޭނުމެއް ފުއްދަވަން މަސައްކަތްކުރެއްވުމަކީ އަދި އެހެންކަމެކެވެ. އަހަރެމެން ކޮންމެމީހަކީވެސް އަމިއްލަ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރާބަޔަކީމުތާއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ