ސުކޫކު އިޝޫކުރުމަށް ދަރުމަވަންތަ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އެންމެ ފުރަތަމަ ނައިބ ރައީސް ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އެސެޓް ބޭސްޑް ފައިނޭންޝަން އިންސްޓްރޫމެންޓެއް އިޝޫ ކުރަން އުޅޭތީ، މިހާރު ސޮވެރިން ގެރެންޓީވެސް ގަބޫލު ނުކުރާ ހިސާބަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔައީތޯ ސުވާލު އުފައްދަވައިފަ އެވެ.
ޖަމީލް ވިދާޅުވީ ”ދަރުމަވަންތަ ވިއްކަނީ“ ރާއްޖެ ހަގީގަތުގައިވެސް ބޭންކްރަޕްޓު ވީމާ ކަމަށެވެ. އަދި އެކަން އޮޅުވާ ނުލުމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓެގް ކުރައްވާފައިވެސް ވެއެވެ. އަދި ވިދާޅުވެފައިވަނީ އެއީ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާ އެއް ކަމަށެވެ.
މި ކާރިސާގެ ތަކުލީފު ވިޔަފާރިތަކާއި މުވައްޒަފުން އަދިވެސް އުފުލަމުންދާއިރު، ސަރުކާރުގެ ހަރަދު ކުޑަކުރާނެ އެންމެ ކަމެއްވެސް 2021 ވަނަ އަހަރުގެ ބަޖެޓުގައި ނެތް ކަމަށް ޑރ ޖަމީލްގެ މިޓްވީޓްގައިވެއެވެ.
ރައްޔިތުން ޖޫރިމަނާކޮށް މުދާ ވިއްކައިގެން ވިޔަސް މަތިބަރު ސަރުކާރު ހިންގަން ޖެހޭތޯ ވެސް ޖަމީލް ސުވާލު އުފައްދަވާފައިވެއެވެ. ޖަމީލް ވަނީ މަޖިލިސް މެންބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތްރަކަށް ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހިސްޕިޓަލު ރަހުނު ކުރަން އުޅޭ ކަމުގެ ޙަބަރު އިއްޔެގެ ވަގުތެއްގައި ފެތުރިގެން ދިޔައެވެ. ޑރ ޖަމީލްގެ މިޓްވީޓަކީ އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްކަމަށް ލަފާ ކުރެވެއެވެ.
އެހެންނަމަވެސް، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމާއި ވިއްކުމަށް ސަރުކާރުން އުޅޭ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.