މޮޑާނާގެ ވެކްސިން 95އިންސައްތަ ކާމިޔާބު ކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ކޮވިޑް-19 އިން ދިފާޢުވާ ވެކްސިން، 95 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޮޑާނާގެ ވެކްސިން ކާމިޔާބު ކަމަށް ހާމަކުރި އިރު، އެމެރިކާގެ އެހެން ކުންފުންޏެއް ކަމަށްވާ ފައިޒާ ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ 90 އިންސައްތަ ކާމިޔާބު ކަމަށް ވަނީ ބުނެފަ އެވެ..

މޮޑާނާ އިން ބުނީ މިއީ މުހިންމު ދުވަހެއް ކަމަށާއި ވެކްސިނަށް ހުއްދަ ހޯދުމަށް ކުރިއަށް އޮތް ހަފުތާތަކުގައި ހުށަހަޅާނެ ކަމަށެވެ.

މޮޑާނާގެ ވެކްސިންގެ ތަހުލީލްތަކުގައި ވަނީ 30،000 މީހުންނަށް ވެކްސިން ދީފަ އެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ހަތަރު ހަފުތާގެ ދުރުމިނުގައި އަސްލު ވެކްސިން ދީފަ އެވެ. ބާކީ ތިބި މީހުންނަށް ދިނީ ޑަމީ އިންޖެކްޝަނެވެ. ކުންފުނިން ބުނެފައި ވަނީ ވެކްސިންދިން 94.5 ޕަސެންޓް މީހުން ވެކްސިނުގެ ސަބަބުން ބަލިން ދިފާޢުވެފައިވާކަމަށެވެ. .

މޮޑާނާގެ ރައީސް ސްޓެފަން ހޮޖް ވިދާޅުވީ ވެކްސިންގެ 94 ޕަސެންޓް ކާމިޔާބުވާނެ ކަމަށް އެކަކު ވެސް ގަބޫލް ނުކުރާނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޮޑާނާ އިން އުއްމީދު ކުރަނީ ހުއްދަ ލިބުމާ އެކު އެމެރިކާ އަށް 20 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށެވެ. އަދި އެ ކުންފުނިން ބުނެފައި ވަނީ އަމާޒަކީ އަންނަ އަހަރު މުޅި ދުނިޔޭގައި ބޭނުން ކުރުމަށް އެއް ބިލިއަން ޑޯޒް އުފެއްދުން ކަމަށެވެ.

އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޮޑާނާގެ ވެކްސިން ތައްޔާރުކޮށްފައި ވަނީ މިހާތަނަށް އަދި ވެކްސިނެއް އުފައްދާފައި ނުވާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. ވެކްސިންގެ މައިގަނޑަކީ ކޮރޯނާވައިރަސްގެ ޖެނެޓިކްގެ ބައެއް ކަމަށްވާ އެމް-އާރުއެންއޭ އެވެ. ޓްރަޔަލްގައި ބޭނުންކުރި މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދުމުން އެ ނަގައި، ލެބޯރަޓަރީގައި ޓެސްޓް ހެދީ، ކޮރޯނާވައިރަސްގެ ސަބަބުން އިންފެކްޓްވެފައި ހުރި ސެލްތަކެއް ބޭނުންކޮށްގެންނެވެ. ނަތީޖާ ދެއްކީ ވައިރަސް އިތުރުވުން ހުއްޓުވާ ކަމެވެ. ވައިރަސްގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ތެރެއަށް ވަދެ ސެލްތައް ބޭނުންކޮށްގެން ގިނަވެގަންނާތީ އެވެ. ވެކްސިނެއް ކާމިޔާބުވާނީ ވައިރަސްގެ އެ ގިނަވުން ހުއްޓުވައިދޭ ނަމަ އެވެ.

މޮޑާނާ އިން ބޭނުންކުރާ ޓެކްނޮލޮޖީގައި މިހާތަނަށް އެއްވެސް ވެކްސިނެއް ތައްޔާރުކޮށް އިންސާނުންނާ ހަމައަކަށް ނާދެ އެވެ. އާންމުކޮށް ވެކްސިން ހަދަނީ އަސްލު ވައިރަސް ބޭނުންކޮށްގެންނެވެ. އެކަމަކު ވައިރަސްގެ ޖެނެޓިކް މެޓީރިއަލްސް ހިމަނައިގެން ވެކްސިނެއް އުފެއްދިއްޖެ ނަމަ އެއީ ގިނަ އަދަދަކަށް ތައްޔާރުކުރަން ވެސް ފަސޭހަވާނެ އީޖާދެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް