ރައީސް ޞާލިޙްގެ ހޯރަފުށީ ދަތުރުފުޅު މާދަމާ

Loading

Facebook
Twitter
WhatsApp

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހއ ހޯރަފުއްޓަށް މާދަމާ ދަތުރުފުޅެއް ކުރައްވަން ހަމަޖައްސަވައިފިއެވެ.

މިދަތުރު ފުޅަކީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓު ހުޅުވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅު ފުރަތަމަ ކުރައްވަން ހަމަޖެހިފައިއޮތީ މިއަދު ކަމަށް ވިޔަސް މިދަތުރުފުޅު މިވަނީ މާދަމައަށް ފަސްކުރައްވައިފައެވެ.

 

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހޫދު ވިދާޅުވީ މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ކަމަށާއި، ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވާ ގޮތަށް އޮތީ މިހާރު މާދަމާކަމަށެވެ.

ކުލަގަދަ ރަސްމިއްޔާތަކުން ހޯރަފުށީ އެއާޕޯޓް މިއަދު ހުޅުވާގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ކެންސަލްވި ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައެއް ނުވެއެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމި އެއާޕޯޓަށް އިއްޔެ ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. އަދި މިއަދު ޝެޑިއުލް ދަތުރުތައް ފަށާ ގޮތަށް އޮތީ ނިންމައިފަ އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. މި އެއާޕޯޓު އެޅީ މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ.

މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފައެވެ. ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް