ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން: ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ، އިޤްތިޞާދު ކުރިއަރުވައި އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ދެކިގެން ކަމުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތާއި މިސްކިތް ވަށައިގެން އޮންނަ ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި، މި އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

”މި ޒަމާނުގައި ތަރިކަ އަގު ކުރެވޭގޮތަށް ބަލާއިރު، ތަރިކައަކީ އިޤްތިޞާދީ ވަރަށް މުހިންމު ވަސީލަތެއް. ޘަޤާފީ ތަރިކައަކީ، ފަތުރުވެރިކަން ވިއްކުމުގައި، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތް.“ ރައީސް އިބްރާހީމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި، ޘަޤާފަތާއި ތަރިކައާ ގުޅުވުމަކީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމެއް.“

ކަޅުވަކަރު މިސްކިތަކީ ރާއްޖޭގެ ސިޔާސީ ޙަޔާތާ، ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. މިސްކިތް ބިނާކުރަން ފެށީ ދިވެހި ރަސްކަން، ދިޔަމިގިލީ ދަރިކޮޅުން، ހުރާ ދަރިކޮޅަށް ފުރޮޅިގެންދިޔަ ޙާދިޘާގެ ދުވަސްވަރުގައެވެ.

މިސްކިތް ބިނާކުރުމަށް ފެށްޓެވީ މުޙައްމަދު ޝަމްސުއްދީން ދޭއްގެ ވެރިކަމުގައެވެ. މިސްކިތް ބިނާކުރުމަށް 16 އަހަރު ހޭދަވެގެންދިޔައިރު މިސްކިތް ނިންމައިލެވުނީ ޙަސަން ނޫރައްދީން އެކެއްގެ ވެރިކަމުގައި 1789 ވަނަ އަހަރުގައެވެ.

ކަޅުވަކަރު މިސްކިތަކީ އެއްތަނުން އަނެއްތަނަށް އެތައްފަހަރަކު ބަދަލުވެގެންދިޔަ މިސްކިތެކެވެ.

ކަޅުވަކަރު މިސްކިތް އެންމެ ފުރަތަމަ ބިނާކުރެވުނީ، ޗާނދަނީ މަގުގައެވެ. އެއަށްފަހުގައި ހީނާމާގޭ ދެކުނުން ކަރަންކާމަގާއި މަޖީދީ މަގާ ގުޅުނުތަނަށް ބަދަލުކުރެވުނެވެ.

ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މިސްކިތް ނީލަންކިޔައި، ފުރަނަފުށްޓަށް އެ މިސްކިތް ބަދަލުކުރެވުނެވެ. އޭގެ ފަހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެ މިސްކިތް ފުރަނައިން މާލެ ގެނެސް ސަލްޓަންޕާރކުގެ އިރު ދެކުނު ކަންމަތީގައި ބެހެއްޓިއެވެ. އޭގެ ފަހުން 2016 ވަނަ އަހަރު، ރައީސް ޔާމީނުގެ ވެރިކަމުގައި، އެ މިސްކިތް ރޫޅައިލީ ސަލްޓަން ޕާކް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެ ސަރަހައްދުގައި ހެދީ ވިންޓަރ ޕާރކެކެވެ.

”ދިވެހިންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ އެތައް ބާވަތެއް، މި މިސްކިތުން އަޅުގަނޑުމެންނަށް އެބަފެނޭ. އެއްކަމަކީ ގަލުވަޑާމުގެ މަސައްކަތް. ދެން ފެންނަނީ ލަކުޑީގައި ކޮށްފައިވާ ތެދުއުއި ވަޑާމުގެ މަސައްކަތާއި، ހިރިގަލުގައި ކަނޑައިނަގައިގެން ކުރެހުމާއި ލިޔުން. އޭގެ އިތުރުން، ލަކުޑީގައި ބިންވަޅު ނަގައިގެން ކުރެހުމާއި ލިޔުމާއި ލާފެންކުރުމުގެ މަސައްކަތްވެސް މި މިސްކިތުން ފެނިގެންދޭ.“ ރައީސް އިބްރާހީމް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. ”މި ހުރިހާ މަސައްކަތެއް، އޭގެ އެންމެ ފުރިހަމަ ދިވެހިވަންތަ ސިފަތަކާއެކު، މި ކުޑަކުޑަ މިސްކިތުން ފެންނަން އެބަހުރި. މިފަދަ ޘަޤާފީ ތަރިކައެއް އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދިޔަނުދީ ރައްކާތެރިކުރުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ރާއްޖޭގެ ތާރީޚީ ދިރާސާތަކަށްޓަކައިވެސް އެކަން އެބަ ކުރަންޖެހޭ.“

ރައީސް ޔާމީންގެ ވެރިކަމުގައި ސަލްޓަން ޕާކުން ނަގައި އެހެން ތަނަކަށް ބަދަލުކުރަން އުޅުނު ކަޅުވަކަރު މިސްކިތް މާލޭގައި ބެހެއްޓުމަކީ އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ވައުދެކެވެ. މިސްކިތް ބެހެއްޓިފައި ހުރީ މިސްކިތް ކުރީންވެސް ހުރި ކޮށީގައި ޗާނދަނީ މަގަށް ވާގޮތަށެވެ.

”ޢިމާރާތް ކުރުމުގެ ފަންނުވެރިކަމަށް ބެއްޔަސް، މިއީ ވަރަށް މުހިންމު މިސްކިތެއް. އަދި މި މިސްކިތް ބިނާކުރުމަށް ބޭނުންކުރެވިފައިވާ ތަކެއްޗަށް ބެއްޔަސް، މިއީ ވަރަށް ނާދިރު މިސްކިތެއް.“ ރައީސް އިބްރާހީމް ވިދާޅުވިއެވެ. ”ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތަކީ މި މިސްކިތް.“

ކަޅުވަކަރު މިސްކިތަކީ 230 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިސްކިތެކެވެ.

މިއަދަކީ ރާއްޖޭ އިސްލާވީ ތާރީޚީދުވަހެވެ.

ރާއްޖޭ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރެވުނު އެންމެ މުހިއްމު ކަމަކީ ކަޅުވަކަރު މިސްކިތް އަލުންބަލުން ހުޅުވުމެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ޢުމަރު ޒާހިރާއި ޢައްބާސް އިބްރާހީމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް