ދޮންމަންމަ އަހަރެންނަށް އަގުބޮޑު ވެކޭޝަންހޯމް ދޫކޮށްފަދިޔައީ ކީއްވެގެންބާވައެވެ.

Loading

Facebook
Twitter
WhatsApp

އަހަރެންގެ އުމުރުން 12 އަހަރުގައި މަންމަ މަރުވުމުން ބައްޕަ ދެވަނަ ކައިވެންޏެއް ކުރިއެވެ.އޭނާގެ ދެއަންހެން ކުދިން ތިބެއެވެ.ބައްޕަގެ އެކައިވެންޏަށްފަހު އަހަރެންނަށް އުޅެން ޖެހިފައިއޮތީ ހިތްދަތި ދިރިއުޅުމެކެވެ.އަބަދުވެސް ހުންނަންޖެހުނީ އެމީހުންގެ ހިޔަނީގެ ނިވަލުގައެވެ.އާއިލާގެ ތަރިންނަކީ ދޮންމަންމަގެ ދެދަރިންނެވެ.ބައްޕަގެ ބާރެއް ނޯންނަ ކަހަލައެވެ.ޗުއްޓީގަ ދާނެ ތަނެއް ނިންމާނީވެސް އެމީހުންނެވެ.އަހަރެންކައިރީ އެއްވެސް ކަމެއް އަހާލުމެއް ނޯވެއެވެ.އެމީހުން ސިޓިންގރޫމްގަ ހޭން ތިބޭއިރު އަހަރެންނަށް ހުންނަން ޖެހިފައޮތީ ބަދިގޭގަ ތަށިދޮންނާށެވެ.ބޭނުން ކުރަން ލިބެނީ އެމީހުންގެ ބާހެދުމެވެ.


ދޮންމަންމަ އަހަރެންނަށް ސީދާ އަނިޔާކޮށް އިހާނެތިކޮށް ނުހެދިނަމަވެސް ދުވަހަކުވެސް އަހަރެންނާމެދު އޯގާތެރިކަމެއް ދައްކާފައެއް ނުވެއެވެ.އަހަރެން އެމީހުންނާ ގާތްވުމުގެ ގޮތުން އިސްވެ ކަމެއް ކޮށްލިނަމަވެސް އަޅާވެސް ނުލާނެއެވެ.
މިގޮތުގައި އަހަރެންނަށް އެގޭތެރޭގައި ކެތް ކުރެވުނީ އުމުރުން 18އަހަރު ވަންދެނެވެ. ގާނޫނީ ގޮތުން ބޮޑުމީހަކަށް ވުމުން އަހަރެން އަމިއްލަ ތަނެއް ހޯދައިގެން އެކަނި އުޅެން ފެށީމެވެ.އޭރު ބައްޕަވެސް މިދުނިޔެ ދޫކޮށްފިއެވެ. އަހަރެން ކޮލެޖަށްގޮސް ކިޔެވުން ފުރިހަމަ ކުރީމެވެ.ދޮންމަންމަ ގެ އާއިލާ އާއި މާބޮޑު ގުޅުމެއް ނުބާއްވަމެވެ.
އަހަރުތަކެއް ފާއިތުވެ ހިގައްޖެއެވެ.އަހަރެންގެ ފިރިމީހާއާއި ބައްދަލުވެ، ކައިވެންޏެއް ކޮށް އަމިއްލަ ހަޔާތެއް ފަށައިފީމެވެ.ދޮންމަންމަ މަތިން ހަނދާނެއްވެސް ނުވެއެވެ.އޭނާގެ ފަރާތުން އޭނާގެ ލޯޔަރު އެއްދުވަހަކު ގުޅަންދެނެވެ.
ލޯޔަރު ބުނި ގޮތުގައި ދޮންމަންމަ ފުއްޕާމޭގެ ކެންސަރު ޖެހިގެން އެއްހަފްތާ ކުރިން މަރުވެއްޖެއެވެ.އޭނާ އުޅުނީ ބަލިވެ ކަމެއްވެސް އަހަރެންނަކަށް ނޭގެއެވެ. ލޯޔަރު ބުނިގޮތުގައި ދޮންމަންމަ ވަނީ އޭނާގެ ގަނޑުވަރެއްފަދަ، އަގުބޮޑު ”ވެކޭޝަން ހޯމް“ އަހަރެންނަށް ދީފައެވެ.އޭނާގެ ދެދަރިންނަށް ދިނީ ހަމައެކަނި މީހަކަށް 5ހާސް ޑޮލަރު ކަމަށް ވެއެވެ.
ދޮންމަންމަގެ މި އަމަލުން އަހަރެން ހައިރާންވިއެވެ.އަހަރެންމީ ހުންނަ ކުއްޖެއްކަމަށްވެސް ބަލައިގަންނަން ބޭނުންނުވި ދޮންމަންމަ މިވަރުގެ ހަދިޔާއެއް އަހަރެންނަށް ދޭންވީ ކީއްވެގެން ހެއްޔެވެ؟
މިސުވާލުގެ ޖަވާބު ލިބޭތޯ އަހަރެން އެބޮޑު ގެޔަށް ދިޔައިމެވެ.އަދި އެކިތަންތަން ހޯދާ ބަލަމުން ދަނިކޮން އަހަރެންނަށް އެޑްރެސް ކޮށްފައިވާ ސިޓީއެއް ފެނުނެވެ.އޭގައިވަނީ އޭނާގެ ރަހުމުކުޑަ އަމަލުތަކަށް އިއުތިރާފްވެ، މައާފަށް އެދިފައެވެ.
”އަހަރެންގެ ފެމިލީ ކަމަށް ބެލިމީހުންގެ ތެރެއިން އަބަދުވެސް އެންމެ ފުލުގަ ބާއްވަނީ ކަލޭގެ ނަމެވެ.އެހެންކަމާއެކުވެސް މަށާ މަގޭދެދަރިންގެ ފުށުން ކުރިމަތިވާ ހިތްދަތި ކަންކަމާ ކަލޭ ކުރިމަތިލީ ކެތްތެރިކަމާއެކުއެވެ.އަދި އެކަމާމެދު އަޅާނުލާ ދޫކޮށްލީމުއެވެ.މަގޭ ދެދަރިން ބޮޑާކަމާ ކިބުރުވެރިކަމާއެކު ބޮޑުވަމުން އައިއިރު ކަލޭގެ ކިބައިގައި އަށަގަންނަމުންއައީ ހަރުދަނާ ސިފަތަކެކެވެ. މިކަންކަން ފެނިވެސް އަހަރެންނަށް އެކަން ބަލައިނުގަނެވުނީތީ އަހަރެން ހިތާމަ ކުރަމެވެ.ލޯބި ނުދީ ހިފެހެއްޓުމަކީ އަނިޔާގެ އިންތިހާކަން އަހަރެން މިއަދު ގަބޫލުކުރަމެވެ.
މިގެ، އަހަރެން ކަލެޔަށް މިދެނީ އަހަރެންނަށް ނުދެވުނު ލޯބީގެ ބަދަލުގައެވެ.ނުދެވުނު އޯގާތެރިކަމުގެ ބަދަލުގައެވެ.އަހަރެންނަށް ދީފަ ހުރިނަމަވެސް ގެޔަކީ ބައްޕަގެ ގެއެކެވެ.އެހެންކަމުން ގޭގެ މިލްކުވެރިކަން ހައްގުވަނީވެސް ކަލެއަށެވެ. ބައްޕަ ހަމަގައިމުވެސް ކަލޭދެކެ އިންތިހާޔަށް ލޯބިވިއެވެ.އަހަރެންގެ ނުފޫޒު ގަދަކަމުން ބައްޕަޔަށްވެސް ކަމެއް ކުރަން ނުކެރިފަ ހުރީއެވެ. ބައްޕަވެސް އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރިކަން އަހަރެން ދެނަހުރީމެވެ.
ލަހުން ނަމަވެސް އަމިއްލަ ރަހުމުކުޑަކަން ގަބޫލު ކުރެވުނު މަންމަ އަކަށް މައާފްކޮށް މިގެ ގަބޫލުކުރާށެވެ.“
ސިޓީ ކިޔާނިމުނުއިރު އަހަރެންނަށް ރަނގަޅަށް ރޮވިއްޖެ އެވެ.ދޮންމަންމަ އަމިއްލަ ”ގިލްޓް“ ހިފަހައްޓައިގެން އެހާގިނަ ދުވަހު ހުރީ ކީއްވެގެން ބާވައެވެ.ދުނިޔޭގައި ހުރެ އަހަރެންނާއި ނުގުޅީ ކީއްވެބާވައެވެ؟ އަހަރެން ބަލާ ނުފޮނުވީ ކީއްވެބާވައެވެ؟މިގެޔަކީ ހަމައެކަނި ވާރުތަ މުދަލެއް ނޫނެވެ.އޭނާގެ ކުށަށް ތައުބާވުމުގެ ގޮތުން ކުރި ސަދަގާތެއްވެސް މެއެވެ.
ފަހުން އެނގުނު ގޮތުގައި ދޮންމަންމަގެ ދެބެންނަށް ވަނީ އިތުރު ޝަރުތެއް ކުރިމަތިކޮށްފައެވެ.އެއީ ހެޔޮހިތުން އޭނާގެ ވަސިއްޔަތް ގަބޫލު ކުރުމެވެ. އެގޮތަށް ވަސިއްޔަތް ގަބޫލު ކޮށްފިނަމަ 5 މިލިއަން ޑޮލަރުގެ ޓްރަސްޓް ފަންޑެއް އެމީހުންނަށް ހުޅުވާފައި ވާކަމަށް ވެއެވެ.އަހަރެންނަށް ހުރަސް އެޅުމުގެ ގޮތުން އެމީހުން ކަމެއް ކޮށްފިނަމަ އެލާރި ކޮންމެވެސް ޗެރިޓީ އަކަށްދާގޮތަށް ވަނީ ހަމަ ޖައްސާފައެވެ.އެހެން ކަމުން އެދެމީހުން ރުޅިއައި ނަމަވެސް އެއްޗެއް ބުނެ،ނުވަތަ ގާނޫނީގޮތުން ކަމެއް ކުރުމުގެ ފުރުސަތެއް ނެތެވެ.
ދޮންމަންމަޔަށް އަމިއްލަ ދަރިންގެ ގޮތާއި ނުރަނގަޅު ހަސީލަތް ރަނގަޅަށް އިނގެއެވެ. އެދެމީހުން ރުޅިއައިސް ރަތްވެގެން އަހަރެންނަށް ގުޅާ އެއްޗެތި ކިއެވެ.އަހަރެން އެމީހުންގެ މުދަލެއް ވަގަށް ނެގީކަމަށް ބުންޏެވެ.ނަމަވެސް އެމީހުންނަށް ކުރެވޭނެ ކަމެއް ނެތެވެ.
ހަޔާތުގައި ކުރެވޭ ނުރަގަޅު އަމަލުތަކަށް އިއުތިރާފްވެ،ވީހާވެސް އަވަހަކަށް ތަޢުބާ ވުމަކީ ދެދުނިޔޭގެ ނިއުމަތް އެމީހަކަށް ލިބޭނެ ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް