16/11 ވަނަ ދުވަހުގެ ހެނދުނު 9:11 - މުޅި ހޯރަފުށި އުފަލުން ރޮއްވާލި ވަގުތުކޮޅެއް!

Loading

Facebook
Twitter
WhatsApp

ނޮވެމްބަރު 16  ވަނަ ދުވަހުގެ އިރު އުދަރެހުން ފާޅުވެގެން އެހެރަ އަންނަނީއެވެ. އެއިރު ހޯރަފުށި އޮތީ އަދި ހަމަ ނިންޖެއް ނުހޯދައެެވެ. އެއްބަޔަކު އުޅެމުންދިޔައީ ”ކަރުތާފެނުން ހޯދި ރަން ލޯބި ތޯތާ“ ކަމަށްވާ ހޯރަފުށީ އެއަރޕޯޓް ޒީނަތްތެރި ކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. އަނެއްބަޔަކު މަގުތައް ކުނިކަހާ އޮމާން ކުރަނީއެވެ. ދެން ތިބި މީހުން ރަށުތެރެ ދިދަފަތިތަކާއި ބެނާތަކުން ޒީނަތްތެރި ކުރަނީއެވެ. ހެނދުނު އަށެއް ޖަހަންވީއިރު ރަށު ހުރިހާ ރައްޔިތުން ވެވުން އެންމެ ނަލައެއް ވެލައިގެން އެއްދިމާލަކަށް ހިނގާތަން ފެނެއެވެ. ދުރުން މަންޒަރު ބަލަން ހުރި މީހަކަށް ސިފަވެގެންދާނީ އީދެއް އައިސްގެން އުޅޭ މަންޒަރެވެ. ކަސަބު ލިބާސްތަކުގައި ކަނބަލުން ނަލަހެދިލައިގެން ތިބިއިރު، ފިރިހެނުން ތިބީ އަތުގައި އޮތް އެންމެ ޗާލު ގަމީސްލައި ހުވަނދު ލައިގެންނެވެ. ކުޑަކުދިންތައް ތިބީ އެކި ކުލަކުލައިގެ ހެނދުންތަކުގައެވެ. ކުދިބޮޑު ހުރިހާ ރައްޔިތުން އެއްވަމުން ގެންދިޔައީ އެއަރޕޯޓް ސަރަހައްދަށެވެ.

ގަޑިން ނުވައެއް ޖަހާ ކުޑަވަގުތުކޮޅެއް ހިނގައިފިއެވެ. މާދުރުން އުދުހިފައި އަންނަ ހޯރައެއް ފަދައިން، ހޯރަފުށީގެ ފަސްގަނޑާ ދިމާލަށް އުދުހިފައި އެއަންނަނީ އެރަށު ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރި އުއްމީދެއްގެ ނިމުމެވެ. އިސާހިތަކު އެބޮޑު މާހޯރަ އައިސް ގަޑިން 9:11 ގައި ”ހޯރަފުށީ އެއަރޕޯޓް“ގެ ރަންވޭ މައްޗައް ތިރިކޮށްލައިފިއެވެ. ރަށުގެ ގިނަ ރައްޔިތުންގެ ލޮލުން އުފަލުގެ ކަރުނަ ހިލުނެވެ. ތަރައްޤީއަށްޓަކާ ރަށެއްގެ ރައްޔިތުން ވީޤުރުބާނީއާއި، ދުށް ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހިގެން ދިޔައީއެވެ.

”ތަރައްގީގެ ވިސްނުން އެންމެ ރަނގަޅަށް ލިބިގެން ތިބީ ހޯރަފުށީގެ ރައްޔިތުންނަށް!“ މި ޖުމްލަ އަކީ ހަމަ ޙަޤީޤަތުގައި ވެސް ޙައްޤު ތެދެއްކަން ހޯރަފުށީގެ ލޮބުވެތި ރައްޔިތުން ސާބިތު ކޮށްދީފިއެވެ. ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފަދަ ބޮޑު މަޝްރޫޢެއް ނިންމާލެވުމަކީ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިކަމުގައި ހޯރަފުށީ ރައްޔިތުން ދެއްކީ މުޅި ދުނިޔެއަށް ވެސް ލާމަސީލު ނަމޫނާއެކެވެ. އެއަރޕޯޓްގެ މަސައްކަތް ފެށުނީއްސުރެން އެމްޓީސީސީގެ މުވައްޒަފުންނަކީ ހޯރަފުށީގެ އަޚުންތަކެއް ގޮތުގައި އެރަށު ރައްޔިތުން ބަލައިގަތެވެ. މިހެން މިދެންނެވީ އެބޭފުޅުންނާއި ބެހެއްޓެވި ގާތްކަމާއި، އޯގާތެރިކަމާއި، އަދާކުރި މެހެމާންދާރީގެ ސަބަބުންނެވެ. އެއަރޕޯޓްގެ ބިންހިއްކުން ނިމި، ރަންވޭގެ މަސައްކަތް ފެށުމަށްފަހު އެމްޓީސީސީއިން އިތުރު ވަޒީފާތަކެއް ހުޅުވާލިއެވެ. އިސާހިތަކު ހޯރަފުށީގެ ޒުވާނުންގެ ލޭގައި ހިތްވަރު ހުރިކަން ދައްކުވައިދީފިއެވެ. ރަށުގެ ޒުވާނުންނާއި ހަރުއުމުރުގެ ބޭފުޅުންގެ ހިތްވަރުން ދެމަހެއްހާ ދުވަހުގެ ތެރޭގައި އެއަރޕޯޓްގެ ޓާމިނަލާއި، ފަޔަރ ބިލްޑިންގ ނަގާ ކޮޅަށް ޖަހާ މިއަދު އެހުރީ ނިންމާލައިފައެވެ. އަދި ކޮބާތޯއެވެ. އެތަނުގެ މަަސައްކަތް އެއްވެސް ހާލެއްގައި މުވައްޒަފުން އަތަށް ދޫކޮށްލީކީ ނޫނެވެ. ކޮންމެ ދުވަހަކީވެސް ރަށުގެ އަންހެން ވެރިންގެ ބަޔަކު، ނުވަތަ ކޮންމެސް މުއައްސަސާއަކުން ނުވަތަ ކޮންމެވެސް ޖަމިއްޔާއަކުން ނުވަތަ އަމިއްލަ ފަރާތަކުން މަސައްކަތްތެރިންނަށް ސައި ފޮދު އަރުވާ ދުވަހެކެވެ. ސައިފޮދަކުން ނިންމާލެއްވީކީ ނޫނެވެ. ރަަށުގެ ކޮންމެ މީހަކުވެސް ބަލަނީ ހުސްވަގުތެއް ލިބޭތަނާ އެއަރޕޯޓް ނިންމުމަށް އެހީގެ އަތެއް ދިށްކޮށްލުމަށެވެ. ދަންވަރެއް މެންދުރެއް ހެނދުނެއް ބެލުމެއް ނެތި، ހިލޭ ސާބަހަށް ހޯރަފުށީ ރައްޔިތުން ޤުރުބާންވީއެވެ. ކޮންފަދަ ރީތި ނަމޫނާއެއް ތޯއެވެ. އެއްބައިވަންތަކަމުގެ މިއަށްވުރެން ބަދަހި ގުޅުމެއް ދުށިންތޯއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް، އަލްފާޟިލް މުޙައްމަދު ވަހީދު، އެބޭފުޅާގެ ޝުޢޫރުތައް އަޅުގަނޑުމެންނާއި ހިއްސާކުރައްވަމުން ވިދާޅުވިއެވެ. ”ހޯރަފުށީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި ވަގުތަކީ ވަރަށް އުފާވެރި ވަގުތެއް. އުފާވެރި ދުވަހެއް. ދިގު އިންތިޒާރެއްގެ ނިމުމެއް. ހިތަށް އަރަނީ ”ހޯރަފުށި“ މިނަން ރަށަށް ދެވުނީ ކިހިނެއްބާވައޭ. ނަމާއި މިފެށުނު އުދުމާއި މިއީ އިއްތިފާޤެއް ބާވައޭ. ރައްޔިތުން ވެލެއްވީ މަތިވެރި ޤުރުބާނީއެއް. ކުރެއްވީ ބޮޑު ހޭދައެއް. ދައްކުވައިދިނީ ރީތި ނަމޫނާއެއް.“

މީގެ އިތުރުން ކައުންސިލްގެ ރައީސްވަނީ ރައީސް ސޯލިހަށާއި، ދާއިރާގެ މެމްބަރު އަހްމަދު ސަލީމަށާއި، މިނިސްޓަރ ނަހުލާއަށާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމަށާއި، ފެނަކައިގެ އެމްޑީ ސައީދް އަދި ޖުމްލަކޮށް ހޯރަފުށީގެ ހުރިހާ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

ޝައްކެއްވެސް ނެތެވެ. ތަރައްޤީއަކީ އެތަނެއްގެ އަހުލުވެރިން ހޯދީމައި ލިބޭ އެއްޗެކެވެ. އެކަން މިވަނީ ހޯރަފުށީގެ ރައްޔިތުން ނުހަނު ސާފުކޮށް ދައްކުވައިދީފައެވެ. ހަސަދަވެރިންގެ ހަސަދައިގެ މައްޗައް ހޯރަފުށި ނަސްރު ހޯދައިފިއެވެ. މިދެދުވަހަކީ ރަށުގެ ރައްޔިތުންނަށް ހާދަ އުފާވެރި މެހެފިލްތަކެއް ތަސްވީރުވެގެންދާ ދެދުވަހެވެ. އިއްޔެ ދުށް ހުވަފެނެއްގައި އަމިއްލަ އަތުން ކުލަޖައްސާލި މަންޒަރު ބަަލަން މިއަދު އެތިބީ އުފަލުން ރޮވިފައެވެ. ”ހޯރަފުށި ޗާލުނަޔާ ޝުކުރޭ ދަންނަވަން އޮތީ“ މިފަދައިން ހިތާހިތުން ކިޔާލަ ކިޔާލައެވެ. ހޯރަފުށީ އެއަރޕޯޓަކީ ތަރައްޤީއަށްޓަކާ ރަށެއްގެ ރައްޔިތުން ވީ ޤުރުބާނީއެއްގެ ރަމްޒެކެވެ. ތާރީޚުގައި ރަންއަކުރުން ބިންވަޅު ނެގިގެން ދާނޭ މިސާލެކެވެ.

 

”ހޯރަ އަޅަމުން ތިރިކުރާ މާހޯރަ ފެނުމުން ލޯތަކުން

ކަރުނަ އުފަލުން އޮހޮރުވީ ޢީދެއް މިފުއްޓަށް ގެނުވަމުން“

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް