ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ދައުލަތަށް ބޮޑު ލޯނެއްނަގަނީ

8

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ސަރުކާރުން ބޮޑު ލޯނެއް ނެގުމަށް ނިންމައިފިއެވެ.

ސަރުކާރުން 2021 ވަނަ އަހަރުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ބޭރަށް ވިއްކުމަށް ނިންމާފައިވާ ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ދަނީ ދައިރުވަމުންނެވެ.

ފިނޭންސް މިނިސްޓަރއަމީރުގެ މިސިޓީގައި ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓަށް 300 މިލިއަން ޑޮލަރު ހޯދުމަށް އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވޮލޮޕްމެންޓު އޮފް ދި ޕްރައިވެޓް ސެކްޓާ (އައި.ސީ.ޑީ)އާއެކު މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި އެކަން ކުރުމަށް، ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ސްޕްޝަލް ޕާޕަސް ވެސަލެއް (އެސް.ޕީ.ވީ) އުފައްދައި، އެ އެސްޕީވީގެ ބެނެފިޝަލް އޯނާޝިޕު ނުވަތަ ބޭނުންކުރުމުގެ މިލްކުވެރިކަމުގެ ދަށަށް، ޞުކޫކުގެ އަގުގެ 51 އިންސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއް ގެންދަންޖެހޭ ކަމުގައެވެ.

އަދި މިސިޓީގައި މިވަގުތު ދައުލަތުގެ އެސެޓުތައް އަގުކޮށް ބަލާއިރު، މިވަގުތު ސަރުކާރުގެ މިލްކިއްޔާތުގައި ހުރި އެސެޓުތަކުގެ ތެރެއިން އެ އަގު ހުރި އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލު ކަމުގައި ނިންމާފައިވާ ކަމަށާއި، އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލް އެކަމަށް ބޭނުންކުރަން ނިންމާފައިވާ ކަމުގައިވެސް އަމީރު ވިދާޅުވެފައިވެއެވެ.

އިސްލާމީ ޝަރީޢަތާ އެއްގޮތަށް އިޝޫކުރާ މި ޞުކޫކު އިޝޫކުރުމަށް ބޭނުންކުރާ އެސެޓަކީ ފިނޭންސް މިނިސްޓްރީގެ މިލްކުގައި އޮތް އެސެޓެއް ކަމުގައިވުން ލާޒިމުވާކަމަށްވާއިރު، މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން އޮތީ ހެލްތު މިނިސްޓްރީގެ ދަށުގައި ކަން ސިޓީގައި އަމީރު ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ޞުކޫކު އިޝޫކުރުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ ރަޖިސްޓަރީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުގައި ވިދާޅުވެދެއްވަން ރައީސް ސޯލިހުގެ އަރިހުން ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ..

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ