އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މޮރޮކޯ، މިޞްރު، ރިޕަބްލިކް އޮފް ގިނީ، ދަ ގެމަބިއާ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖެއާއި އެފްރިކާގެ ޤައުމުތަކާއި އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކާ ރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ޤަބޫލުކުރާ ޤައުމުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކުވެރި ޤައުމުތަކުން ކޮވިޑް-19ގެ ޙާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.