މެމްބަރު ޔައުޤޫބުގެ ގޮނޑިކޮޅު ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ނިންމަވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ޔައުޤޫބުގެ ގޮނޑިއާ މެދު ސުވާލު އުފެއްދުނީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ޤާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމަކީ ދައުލަތުގެ މުއައްސަސާއެއްގެ މުސްތަގިއްލު މަގާމެއް ކަމަށް ބުނެ، އެ މަގާމާ ހަވާލުވުވަޑައިގަތުމަކީ ޔައުޤޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.

އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި މެމްބަރަކު، ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތެކެވެ. ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓުގެ ކައުންސިލު މެމްބަރު ކަމާއި ހަވާލުވެވަޑައިތުމުން އެ ޝަރުތު އުނިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ޔައުޤޫބާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ޔައުޤޫބު ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އޭނާ ފުރުއްވަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުމަށް މިމައްސަލައިގައި އެދިވަޑައިގެންފައިވެއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި މެމްބަރުންގެ ޝަރުތުތައް ބަޔާންކުރަމުން، މަޖިލީހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށް ބުނެފައި އޮވެއެވެ. އަދި ހަމަ އެ މާއްދާގެ (ނ)ގައި މެމްބަރުކަމުން ވަކިވާނެ ސަބަބުތައްވެސް ވަކިން ކަނޑައެޅިގެން ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔަށް އެ ހުރިހާ ފަނޑިޔާރުންވެސް ތާއީދުކުރެއްވި އެވެ.

ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓަކީ ދައުލަތުގެ މުއައްސަސާއެއް ނޫންކަމަށް ވިދާޅުވެ، ފަނޑިޔާރު ސުއޫދު އިއްވެވި ތަފްސީލީ އެ ހުކުމުގައި ވަނީ ދައުލަތުގެ ވަޒީފާއަކީ ކޮބައިކަމާއި، ފަންނުތަކުގެ ޖަމާއަތްތަކަކީ ކޮބާ ކަމާއި، މުސްތަގިއްލު ކޮމިޝަންތަކަކީ ކޮބައިކަން ކިޔައިދެއްވައިފަ އެވެ.

ހުކުމުގައި ބުނެފައި ވަނީ ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓަކީވެސް އެއީ ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންވެ، ޔައުޤޫބު ހަވާލުވެވަޑައިގެންނެވި ޗާޓާޑް އެކައުންޓެންޓްސްގެ އިންސްޓިޓިއުޓުގެ ކައުންސިލް މެމްބަރުކަމުގެ މަގާމަކީ، ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް އެހުކުމުގައިވެ އެވެ.

73 ވަނަ މާއްދާގެ (ރ)އާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި،
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނާކޮށްފައިވާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކޮށްފި ނަމަ އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ބަލާނެ ހަމައެއްވެސް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ގާނޫނުއަސާސީއިން މަނާކޮށްފައިވާ ކަމެއް ކޮށްފި ނަމަ އެކަން ވާނީ ބާތިލު ކަމަކަށް ކަން ހުކުމުގައި ފާހަގަ ކުރި އެވެ. ބާތިލުވުމުގެ އިތުރުން އެކަމުން ނުކުންނާނެ އެހެން ނަތީޖާއެއް ގާނޫނުއަސާސީގައި ސަރީހަ ބަހުން ނުވާ ހިނދު، އެކަން ކުރުމުން ވަކި ނަތީޖާއެއް ނުކުންނާނެ ކަމަށް ކޯޓުން ބުނެފި ނަމަ އެއީ ގާނޫނުއަސާސީގައި ނެތް ކަމެއް ގާނޫނުއަސާސީއަށް އިތުރު ކުރުން ކަމަށް ބެލޭނެ ކަމަށް ހުކުމުގައިވެ އެވެ.

އޭގެ އިތުރުން ހުކުމުގައި ވަނީ، ގާނޫނުއަސާސީ ޑްރާފްޓު ކުރި މީހުންގެ މަގުސަދަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނާ ކަންކަން ކުރުމުން މެމްބަރު ކަމުން ވަކިވާ ގޮތަށް އެ މާއްދާ އެކުލަވާލުން ނޫން ކަމަށެވެ. އެ މާއްދާގެ މަގުސަދަކީ މަޖިލީހުގެ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ނުކުރުން ކަމަށްވެސް ޔައުމިއްޔާތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، މެމްބަރު ކަމުގައި ހުރެ އަދާ ކުރުން މަނާ ވަޒީފާއެއް އަދާ ކުރުމަކީ މެމްބަރު ކަމުން ވަކިވާނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އަދި ޔައުޤޫބު ހަވާލުވެވަޑައިގެންނެވީ ގާނޫނުއަސާސީއިން މަނާކޮށްފައިވާ ފަދަ ވަޒީފާއަކާ ނޫން ކަމަށްވެސް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް