ރައީސް ޓަރަމްޕް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގަތަސް އަދި ދިފާއީ ވުޒާރާގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެވުނަސް އެމެރިކާގެ ސިފައިން ބަލިކަށިނުވާކަމުގައި އެމެރިކާގެ އައު ދިފާއީ ވަޒީރު ވިދާޅުވެއްޖެއެވެ.
ދިފާއީ ވަޒީރު ކްރިސްޓޮފަރ މިލަރ ވިދާޅުވިގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެތެރެއަށް ބޭރު ގައުމެއްގެ ނުފޫޒެއް ވަދެފައެއްނުވެއެވެ. އަދި އިންތިޚާބުގައި ކޮރަޕްޝަންގެ އަމަލުތަކެއް ވެސް ހިންގާފައެއްނުވެއެވެ.
އެމެރިކާގެ ދިފާއީ ވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ކްރިސްޓޮފަރ މިލަރ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމެރިކާގެ އާއްމު ރައްޔިތުންނަށާއި އެމެރިކާގެ އިއްތިހާދީންނަށާއި އެމެރިކާގެ ބައިވެރިންނަށް ޔަގީންކަން ދެއްވީ ދިފާއީ ވުޒާރާ އޮތީ ވަރުގަދަކޮށްކަމަށެވެ. ގައުމާއި ރައްޔިތުންގެ ފައިދާއާއި ރައްކާތެރިކަމަށްޓަކައި ދުނިޔޭގެ ހުރިހާ ދިމާއެއްގައި ވެސް އެމެރިކާއިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގައި ނުރައްކާތެރި ދަރަޖައަކަށް ކޮރޯނާ ވައިރަސް ފެތުރި އެތައްހާސް ބަޔަކު މަރުވަމުންދާ ދަނޑިވަޅެއްގައި ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ. ނަމަވެސް ރައީސް ޓްރަމްޕާ ވާދަކުރެއްވި ޖޯ ބައިޑެންއަށް ލިބިވަޑައިގެންނެވި ކާމިޔާބީ ގަބޫލު ނުކުރައްވައި ޓްރަމް ގެންދަވަނީ ތަފާތު ބަހަނާތައް ތަކުރާރުކޮށް ދައްކަވަމުންނެވެ.
އިންތިޚާބީ ރައީސް ބައިޑެންއާއި އެމަނިކުފާނުގެ ޓީމުން ގެންދަވަނީ ރައީސް ޓްރަމްޕް އިންކާރު ކުރައްވަމުން ގެންދެވިކަމަށް ވިޔަސް ޖެނުއަރީމަހު ހުރިހާބާރަކާ ހަވާލުވެވަޑައިގަތުމަށް ތައްޔަރުވެވަޑައިގަންނަވަމުންނެވެ.
ރިޕަބްލިކް ޕާޓީގެ ބައެއް ބޭފުޅުން ކުރީން ހިމޭނުން ތިއްބެވިކަމަށް ވިޔަސް މިހާރު ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށް ޓްރަމްޕަށް ލަފާ ދަންނަވަމުންނެވެ. އަދި އިންތިޚާބީ ރައީސް ބައިޑެންއާ އިންޓެލިޖެންސާ ބެހޭ މައުލޫމާތުވެސް ހިއްސާ ކުރެއްވުމަށް ދަންނަވަމުންނެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވައި އެކަމާ ގުޅޭގޮތުން ކޯޓަށް ވަޑަގަތުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ގުޅިގެން ޓްރަމްޕުގެ އާއިލާ ވެސް ވަނީ ދެބައިވެފައެވެ.
ޓްރަމްޕުގެ ދެ ފިރިހެން ބޭފުޅުން ޓްރަމްޕުގެ ސިޔާސަތަށް ތާއިދު ކުރައްވަމުން ގެންދަވާއިރު ޓްރަމްޕް ސަރުކާރުގައި އިސް މަގާމެއް އަދާކުރެއްވި އިވެންކާއާއި ދަނބިދަނރިފުޅު ޖެރާޑް ކުޝްނާ ލަފާދެއްވަމުން ގެންދަވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި އިންތިޤާލީ މަރުހަލާގައި އިންތިޚާބީ ރައީސް ބައިޑެންއަށް އެހީތެރިވެދެއްވުމަށެވެ.
ޓްރަމްޕަށް މިފަހަރު ވެރިކަން ލިބިވަޑައިނުގެންފިނަމަ އޭނާ ބޭނުންފުޅުވަނީ 2024 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ރައީސްކަން ހޯއްދެވުމަށެވެ.
ރައީސް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި ޑިކޮމްރެޓިކްޕާޓީން އިންތިޚާބު ވަގަށްނެގީކަމަށް ވާހަކަފުޅުދައްކަވަމުން ގެންދަވާއިރުވެސް އެވާހަކަތަކާ ހިތްޕުޅާނުވާ ސެނެޓަރުންނާއި ގަވަރުނަރުން މިހާތަނަށް ތިއްބެވީ ހަމަހިމޭކަން އިޚުތިޔާރުކުރައްވައިގެންނެވެ. ނަމަވެސް އެފަދަ ބައެއް ބޭފުޅުން މަޑުމަޑުންނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށް މިހާރު މަޝްވަރާ ދެއްވަމުން އެބަގެންދަވައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މަކަރާއި ހީލަތާއި އޮޅުވާލުންތަކެއް ހިންގާފައިވާކަމަށް އެމެރިކާގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ބުނެފައެއްނުވެއެވެ.
އެމެރިކާގެ ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި ރައީސް ޓްރަމް ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ދައްކަވަމުން ގެންދަވަނީ ބޯގޯސް ވާހަކަތަކެކެވެ. އެންމެ ފަހުންޓްރަމްޕް ވިދާޅުވެފައި ވަނީ އިންތިޚާބުގައި ބޭނުންކުރި މެޝިންތަކުން އޭނާއަށް ލިބިވަޑައިގެންނެވި 27 ލައްކަ ވޯޓު އެއީ ނުލިބޭއެއްޗަކަށް ހަދާފައިވާކަމަށެވެ.
އެމެރިކާގެ ހޯމް ލޭންޑް ސެކިއުރިޓީ، ސައިބަރ ސެކިއުރިޓީ، އަދި އިންފްރާސްޓްރެކްޗަރ ސިކިއުރީގެ ކަމާބެހޭ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގެ ތެރެއަށް ބޭރުގައުމަކުން ވަދެ ނުފޫޒު ފޯރުވާފައެއްނުވެއެވެ. އަދި ގަވައިދާ ޚިލާފު ބޮޑެތި ކަންތައްތަކެއް ހިންގާފައެއްވެސް ނެތެވެ. އެމީހުން ސިފަކުރިގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބު މިފަހަރު ނިމިގެންދިޔައީ ވަރަށް ރައްކާތެރި ގޮތެއްގައެވެ.
ދިފާއީ ވަޒީރު ކްރިސްޓޮފަރ މިލަރ ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. އިންތިޚާބުން ނާކާމިޔާބު ލިބިވަޑައިގަތީ ރައީސް ޓްރަމްޕަށެވެ. އެމެރިކާ ބައްޔެއްނުވެއެވެ. ރައީސް ޓްރަމްޕް ޖެހިވަޑައިގަންނަވަނީ ހަގީގަތް ގަބޫލުކުރައްވާށެވެ. ބަލި ގަބޫލުކުރައްވާށެވެ. ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވާށެވެ.