އެމެރިކާގެ ބައެއް މީހުން ބުޅަލުގެ ގައުމީ ދުވަސް ފާހަގަކުރެއެވެ. އަނެއްބަޔަކު ކުއްތާތަކުގެ ގައުމީ ދުވަސް ފާހަގަކުރެއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ބުޅަލުގެ ދުވަހެއް ވެސް ކުއްތާގެ ދުވަހެއްވެސް ފާހަކަކުރައްވާ ރައީސެއް ނޫނެވެ. އެހެނީ ރައީސް ޓްރަމްޕަކީ ކުއްތާއެއްވެސް ބުޅަލެއްވެސް އަދި އެހެން ބާވަތެއްގެ ޖަނަވާރެއް ވެސް ގެންގުޅުއްވާ ބޭފުޅެއްނޫނެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރިޔާސީ ގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވުމާއެކު، އެމަނިކުފާނު އޮޅުކުރައްވައިގެން ގެންގުޅުއްވާ ދެކުއްތާވެސް ވައިޓު ހައުސްގައި ދިރިއުޅެންފަށާނެއެވެ.
ބައިޑެންގެ ދެ ކުއްތާގެ ނަމަކީ ޗޭމްޕް އަދި މޭޖަރ އެވެ.
ރިޔާސީ ގަނޑުވަރު، ވައިޓުހައުސްގައި އައު ރައީސަކު ދިރިއުޅުއްވަން ފެށުމާއެކު ގަނޑުވަރަށް ގިނަގުނަ ބަދަލުތައް ގެނެވެއެވެ. ބައިޑެން ވައިޓު ހައުސްގައި ދިރިއުޅުއްވަން ފެއްޓެވުމާއެކު ގެނެވޭ ބަދަލުތަކުގެ ތެރޭގައި ކުއްތާތަކަށް ޚާއްޞަ ތަންތަން ހެދުން ހިމެނިގެންދާނެއެވެ.
ޓްރަމްޕްގެ ހަތަރު އަހަރުގެ ދައުރުގައި ކުއްތާއެއް އަދި އެނޫންވެސް އެހެން ޖަނަވާރެއް އޭނާ ވައިޓު ހައުސްގައި ނުގެންގުޅުއްވައެވެ. އޭނާއަކީ ވައިޓު ހައުސްއަށް އެއްވެސް ޖަނަވާރެއް ނުގެންދަވާ ރައީސެކެވެ.
އެމެރިކާގެ ވަރަށް ގިނަ ރައީސުން ކޮންމެވެސް ޖަނަވާރެއް ވައިޓު ހައުސްއަށް ގެންދަވައި ގެންގުޅުއްވިއެވެ. ޓްރަމްޕްގެ 4 އަހަރުގެ ދައުރުގައި އޭނާ އެއްވެސް ޖަނަވާރެއް ވައިޓު ހައުސްގައި ނުގެންގުޅުއްވައެވެ.
ބައިޑެން ގެންގުޅުއްވާ ދެކުއްތާގެ ތެރެއިން ޗޭމްޕް ބައިޑެން ގެންގުޅުއްވަނީ 2008 ވަނަ އަހަރުން ފެށިގެންނެވެ. މޭޖަރ ގެންގުޅުއްވަން ފެއްޓެވީ 2018 ގައެވެ.
ފަހުގެ ތާރީޚަށް ބަލާއިރު ޖޯޖް ބުޝްއާއި ބަރަކް އޮބާގެ ދައުރުގައި އެ ދެ ބޭފުޅުން ވެސް ވައިޓް ހައުސްގައި ކުއްތާ ގެންގުޅުއްވިއެވެ.
ނޮވެމްބަރ 3ގައި ބޭއްވި އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވީ 279 އެލެކްޓޯރަލް ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޓްރަމްޕަށް ލިބިވަޑައިގަތީ 217 އެލެކްޓޯރަލް ވޯޓެވެ.
ޖޯ ބައިޑެން ރައީސްކަމުގެ ހުވައި ކުރައްވާނީ ޖެނުއަރީ މަހުގެ 20 ވަނަދުވަހުގައެވެ.