ޓްރަމްޕް ބަލި ޤަބޫލު ނުކުރެއްވުމަކީ މާޔޫސް ވެވަޑައިގަންނަވާ ކަމެއް: ބައިޑަން

Loading

Facebook
Twitter
WhatsApp

މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ޤަބޫލު ނުކުރެއްވުމަކީ ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާ ކަމެއް ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

 

އިންތިޚާބު ކާމިޔާބު ކުރެއްވެވި ޑިމޮކްރެޓިކް ކެންޑިޑޭޓް ބައިޑަން ވިދާޅުވީ ޓްރަމްޕް ކިތަންމެ ވަރަކަށް ހުރަސް އެޅުއްވި ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ ކަންކަން ނުހުއްޓުވޭނެ ކަމަށެވެ.

ޓްރަމްޕް ބަލި ޤަބޫލު ކުރައްވާފާނެ ކަމަށް ލަފާ ކުރެއްވެވޭތޯ ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ އެގޮތަށް ކަންކުރެއްވުމަކީ ބޮޑު މާޔޫސް ކަމެއް ކަމަށެވެ.

ވެރިކަން ބަދަލުކުރުމުގެ ކަންކަން ކޯޑިނޭޓްކުރާ ޖެނެރަލް ސަރވިސަސް އެޑްމިނިސްޓްރޭޝަނުން ވެސް ގެންދަނީ ބައިޑަން އަށް އޮފީސް ޖާގަ ދިނުމަށް ދެކޮޅު ހަދަމުންނެވެ. ބައިޑަން ވިދާޅުވީ އެ ގޮތަށް ކަންތައް ކުރެއްވި ނަމަވެސް އެމަނިކުފާނުގެ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ.

އަނެއްކޮޅުން ޓްރަމްޕް ވަނީ އެންމެ ފަހުން މޮޅުވާނީ އެމަނިކުފާން ކަމަށް ވިދާޅުވެ ކެޕިޓަލް އަކުރުން ޓްވީޓެއް ކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ ބައިޑަން މޮޅުވިކަން އިއުލާންކޮށްފައި ވަނީ ޓީވީތަކުން ކަމަށެވެ. އެކަމަކު ކޮންމެ އަހަރެއްގެ އިންތިޚާބުގައި ވެސް ޓީވީތަކުން ޕްރޮޖެކްޝަންތައް އިއުލާން ކުރަނީ އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓެއް ގާތްގަނޑަކަށް ޔަގީންވުމުންކަމަށެވެ.

އެމެރިކާގެ އެއްވެސް ސްޓޭޓަކުން އިންތިޚާބުގެ ނަތީޖާތައް އަދި ސެޓިފައިކޮށްފައެއް ނުވެ އެވެ. ބައެއް ސްޓޭޓްތަކުގެ ވޯޓު ގުނުން އަދިވެސް ދަނީ ކުރިއަށެވެ. އިންތިޚާބުގެ ނަތީޖާ މުޅިން ކަށަވަރުވާނީ އިލެކްޓޯރަލް ކޮލެޖުން ޑިސެމްބަރު 14 ވަނަ ދުވަހު ބައްދަލު ކުރުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް