ބޭސްފަރުވާ އަށް އައްޑު އަށްދާ މީހުން ތިބުމަށް ތަނެއް ހަދަނީ

Loading

Facebook
Twitter
WhatsApp

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޭސް ފަރުވާ ހޯދުމަށް ދާ ފަރާތްތަށް ތިބުމަށް ޚާއްސްކޮށްގެން އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މިމަޝްވަރާ ތަކުގައި ވާހަކަ ދެކެވިފައިވަނީ، އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް ބޭސްފަރުވާ ކުރުމަށްޓަކައި، މީހުން އަންނަ ހޮސްޕިޓަލަކަށް އޭއީއެޗް ހެދުމަށްޓަކައި، ހޮސްޕިޓަލުގެ ކައިރި ޞަރަޙައްދުތަކުގައި އެހެން އަތޮޅުތަކުން އަންނަ ފަރާތްތަކަށް ޚާއްޞަ ކޮށްގެން އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުންނެވެ.

މި މަޝްވަރާ ކޮށްފައިވަނީ އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ޞާލިޙާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެކު މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިޤާއި އޭއީއެޗްގެ ސީއީއޯ، މުހައްމަދު ޞާލިޙުގެ އިތުރުން އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އަވަށު އޮފީސްތަކުގެ އިސްވެރިންނާއި، އޭއީއެޗްގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި އެފަރާތްތަކުން ވަނީ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.

ޞާލިޙު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އޭއީއެޗްއަކީ ރަނގަޅު ފެންވަރެއްގެ ޓާޝަރީ ކެއާ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ކަމަށެވެ.

އޭއީއެޗްގައި މިވަގުތު އެކަށީގެންވާ މިންވަރަށް ޑޮކްޓަރުން ނެތްކަން ފާހަގަކުރައްވައި ޑރ. ޞާލިޙު ވިދާޅުވީ ހޮސްޕިޓަލަށް އިތުރު ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކުންނާއި ބޭރު ގައުމުތަކުންވެސް އެ ހޮސްޕިޓަލަށް ރަނގަޅު ޑޮކްޓަރުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މިހާރު ހޮސްޕިޓަލުގައި ތިއްބެވި ޑޮކްޓަރުންގެ ތެރެއިން އެކަށީގެންވާ ފެންވަރު ނެތް ޑޮކްޓަރުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޑރ. ޞާލިޙު ވިދާޅުވިއެވެ.

ޑރ. ޞާލިޙު އިތުރަށް ވިދާޅުވީ އެ މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

ހަމައެއާއެކު އޭއީއެޗްގެ މުޅި އިދާރީ އޮނިގަނޑު ބަދަލުކޮށް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އޭއީއެޗް އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހިލޭ ގުޅޭ ހަތަރު ނަންބަރުގެ ހާއްސަ ފޯނު ނަންބަރެއްވެސް ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކަކީވެސް އޭއީއެޗްގެ ބައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ތާވަލްކޮށްގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ބެއްލެވުމަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ޑރ. ސޯލިހް ވިދާޅުވިއެވެ.

އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ލޭ ޓެސްޓު ހެދުމަށް މިހާރު އޭއީއެޗް އަށް ދާން ނުޖެހޭނެ ކަމަށާއި، ސާމްޕަލް ނެގުމަށްފަހު ފެރީ އިން ފޭދޫ އަށް ފޮނުވުމުން، ފޭދޫ ސިއްހީ މަރުކަޒުގެ ސާމްޕަލްތަކާއެކު އެ ސާމްޕަލްތައް އޭއީއެޗް އަށް ފޮނުވި، ސާމްޕަލް ނަގާ ދުވަހު ޓެސްޓުގެ ނަތީޖާ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ޞާލިޙު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު، ޞާދިޤް ވިދާޅުވީ އޭއީއެޗް އާއި އައްޑޫ ސިޓީން ލިބެން ހުންނަ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް