ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ: ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

ކޯވިޑް-19އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”މިބަލީގެ (ކޯވިޑްގެ) ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭވަރަށްވުރެ ބޮޑެތި ގެއްލުންތަކެއް.“ ރައީސް އިބްރާހީމް ޖުމްހޫރީދުވަހުގެ މުނާސަބާގައި ގައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. “ އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއެކު، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް.“

ރައީސް އިބްރާހީމްގެ ވާހަކަފުޅުގައި ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުންހުރި މަޝްރޫޢުތަކަށާއި އިޖުތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަލަށް ތަޢާރަފުކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރަމުންދަނީ ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުންއައި ރަސްކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައި ފުރަތަމަ ޖުމްހޫރީ ރައީސެއްގެ މަގާމު އަދާކުރެއްވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މުޙައްމަދު އަމީންގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުވެގެންދިޔައެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ ބޮޑު ވަޒީރު އިބްރާހީމް ނާސިރު ރާއްޖޭގައި ޖުމްހޫރީ ނިޒާމެއް ގާއިމުކުރެއްވިއެވެ. މިއަދާއި ހަމަހައަށް ދެމިގެން އައިސްފައި ވަނީ ރައީސް އިބްރާހީމް ނާސިރު 11 ނޮވެމްބަރ 1968 ގައި ރާއްޖޭގައި ގާއިމު ކުރެއްވި ޖުމްހޫރީ ވެރިކަމެވެ.

ރައީސް އިބްރާހީމް މިއަދު ގައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދިވެހި ޖުމްހޫރިއްޔާގެ ދެ ބަޠަލުން ކަމަށްވާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށާއި، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް