ރެސިޑެންޓް ވިސާގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ އިނާޔަތްތަކެއް ސަރުކާރުން ދޭނެ ކަމަށް ބުނެ ދައްކަމުން އަންނަނީ ދޮގު ވާޙަކަތަކެއް ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެ އެވެ.
އިކޮނަމިކް މިނިސްޓްރީ އިން މިހެން ވިދާޅުވީ އެމިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައެވެ. އެނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ އިމިގްރޭޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް ހިއްސާކުރަމުން އަންނަ ކަމަށާއި އެކަން ކުއްވެރިކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން 27 އެޕްރިލް 2015 ގައެވެ.
އެ ޤަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވީސާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސަރވިސް ފަދަ ޚިދުމަތްތައް ޕްރޮމޯޓުކުރަމުން އެދުވަސްވަރު އައިސްފައިވާ ކަމަށާއި ނަމަވެސް މި ފަދަ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވީސާ އާއި ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީ އިން ވިދާޅުވީ، އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިޞްލާޙު ގެޒެޓުކުރެވުމުން، ކޯޕަރޭޓް ރެސިޑެންޓް ވީސާ ދޫކުރާނީ، އެ އިޞްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރަރ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށެވެ.
މި އިޞްލާޙުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި، ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީސާ 5 އަހަރުން އައު ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
”މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން، ޓޫރިސްޓު ވީސާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެ“ އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް، ރާއްޖޭގައި، އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޤާނޫނު ނަންބަރު 79/25 ”ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު“ ގެ ދަށުން ހުއްދަ ހޯދައި، ޤާނޫނު ނަންބަރު 2014/18 ”ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު“ ގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނޭ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ދިވެހިރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ތަޢާރަފުކޮށްފައިވާކަމަށް ބުނެ، މަޢުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޢާންމުންނާއި ޙިއްޞާކުރުމަށް އިލްތިމާޞްކުރާ ކަމަށް އެމިނިސްޓްރީ އިން ނެރުނު ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.