އެމެރިކާ ޢަސްކަރީ ވުޒާރާ ޕެންޓަގަންގެ ވެރިންތަކެއް މަޤާމުން ދުރުކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަފާތެރި ބޭފުޅުންތަކެއް އެމަޤާމުތަކަށް އައްޔަން ކޮށްފިއެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބުން ބަލިވުމުން ވެސް ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދަމުން ގެންދާ ޑޮނަލްޑް ޓްރަމްޕް ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ މަޤާމުން ދުރުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް ވަނީ ޕެންޓަގަންގެ އިތުރު ގިނަ މަޤާމުތަކަކަށް ވަނީ ބަދަލު ގެނެސްފައެވެ.
ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ޢަސްކަރީ އަދި މަދަނީ ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި ހިމެނޭ ހަތަރު ބޭފުޅަކު ވަނީ މަޤާމުން ދުރުކޮށްފައެވެ. އޭގެތެރޭގައި ޑިފެންސް ސެކްރެޓަރީގެ ޗީފް އޮފް ސްޓާފް އާއި އިންޓެލިޖެންސްގެ އިސް ވެރިންތަކަކާއި ޕޮލިސީ އެންޑް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔާ ވެސް ހިމެނެއެވެ.
މިމަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުން ދުރުކުރެއްވުމަށް ފަހު ޓްރަމްޕް އަށް ތާއީދު ކުރައްވާ ބޭފުޅުން އެމަޤާމުތަކަށް އައްޔަނު ކުރައްވައި ފައިވާ ކަމަށް އެމެރިކާގެ މީޑިއާ ތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.
އެގޮތުން ޓްރަމްޕްގެ ވަފާތެރިއެއްގެ ގޮތުގައި ޕެންޓަގަންގެ އިސް މަގާމަކަށް އިއްޔެ އައްޔަން ކުރެއްވި އެއް ބޭފުޅަކީ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އެންޓަނީ ޓާޓާއެވެ. އޭނާ އައްޔަން ކުރައްވާފައި ވަނީ ޑެޕިއުޓީ އަންޑާ ސެކްރެޓަރީ އޮފް ޑިފެންސް ފޯ ޕޮލިސީގެ މަގާމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުތައް ނިމި ވެރިކަން ބަދަލުވުމާއި ދޭތެރޭ އޮންނަ މުއްދަތުގައި ސަރުކާރުގެ އިސް މަޤާމުތަކަށް ބަދަލުތައް ގެނައުން އެއީ އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ.
އެމެރިކާގެ އަސްކަރީ ވެރިންގެ މަޤާމުތަކަށް ޓްރަމްޕް ބަދަލު ގެންނަވަމުން ދާއިރު ޓްރަމްޕް ވެރިކަން ދޫކޮށްލެއްވުމަށް ދެކޮޅު ހައްދަވައި ބޮޑު ހަމަނުޖެހުންތަކެއް އެމެރިކާގައި ހިނގާފާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން ރައީސް ކަމުގެ ހުވާ ކުރެއްވެވުން އޮންނާނީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެވެ.