އާޒިމާގެ މައްސަލަ ބައްލަވާ ފަނޑިޔާރު ތަނާޒުލްވެ ވަޑައިގެންފައި ވަނީ ޤާނޫނާ ޚިލާފަށް – ވަކީލުން

29
maldives news

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވެވި ޢައިޝާތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލަ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދީ އޮޅުވާލުމު ކުށުގެ ދައުވާ ބައްލަވާ ފަނޑިޔާރު އެ މައްސަލަ ތަކުން ތަނާޒުލްވެފައިވަނީ ވަރަށް ޒިންމާދާރުކުޑަ ގޮތަކަށްކަމަށާއި އެގޮތަށް ތަނާޒުލްވުމަކީ ޤާނޫނާ ޚިލާފަށް ކަމެއްކަމަށް ވިދާޅުވެ، އާޒިމާގެ ވަކީލުންގެ ޓީމުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އާޒިމާގެ ވަކީލުންގެ ޓީމުގެ ފަރާތުން، މަރިޔަމް ނިހާޔަތާއި އާއިޝަތު ފަޒްނާ އަޙުމަދާއި އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ، އެ ދެމައްސަލައިން ފަނޑިޔާރު ތަނާޒުލްވެ ވަޑައިގެންފައި ވަނީ މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލް ވުމަށް އޮންނަ ޤާނޫނީ ޖާގައިން ބޭރުން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ތަނާޒުލްވެ ވަޑައިގަތުން ކްރިމިނަލް ކޯޓުން ބަލައިގެންފައިވަނީވެސް ޤާނޫނީ އުސޫލުން ބޭރުން ކަމަށް ގަބޫލުުރައްވާ އެބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ފަނޑިޔާރުންނަކީ އެބޭފުޅުން ބައްލަވާ މައްސަލަތައް (އަމިއްލައަށް އިޚުތިޔާރު ކުރުމުގެ ބާރު) ލިބިދީފައިވާ ބައެއް ނޫންކަމަށް އާޒިމާގެ ވަކީލުންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެބޭފުޅުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކަކުން މެނުވީ ތަނާޒުލްވެވަޑައިގެން މައްސަލަ ދޫކޮށްލައި އެހެން ފަނޑިޔާރަކާއި ޙަވާލުކުރުމުގެ ބާރު ލިބިފައިވާ ބައެއް ވެސް ނޫނެވެ.

އެކަމުގެ ބޭނުމަކީ އާޒިމާގެ ވަކީލުން ދެކޭގޮތުގައި މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ޙައްގުތައް ޙިމާޔަތްކޮށް މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީންކުރުމާއި އަދި ފަނޑިޔާރުންގެ މަސައްކަތް ކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން ޔަގީން ކުރުމެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމީ އެ ދެމައްސަލަ ބައްލަވާތާ އަހަރެއްހައި ދުވަސްވެ، އެތައް އަޑުއެހުމެއް ބާއްވާފައި ވަނިކޮށް، އަދި މައްސަލައިގެ ޝަރީއަތުގެ ކުރީން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމައި މައްސަލަ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބޯމަތިވެފައި ވަނިކޮށް މައްސަލައިގެ ފަނޑިޔާރު ޤާނޫނީ އުސޫލުން ބޭރުން މައްސަލައިން ތަނާޒުލުވުމުން އަދި ޤާނޫނީ އުސޫލުން ބޭރުން އެކަން ގަބޫލުކުރައްވައި އެހެން ފަނޑިޔާރަކާ މައްސަލަ ޙަވާލުކުރެއްވުމުން މި މައްސަލައިގައި އެހެން ނުފޫޒެއް ފޯރާފައިވާކަމާއި އަދި މިނިވަންކަން ގެއްލިފައިވުމުގެ ފުރުޞަތު އޮތް ކަމަށެވެ.

މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމުޙޫރިއްޔާގެ ޤާނޫނު އަސާސީން އަޅުގަނޑުމެންގެ މުވައްކިލަށް ޔަގީންކޮށްދީފައިވާ މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރެވުނު ޙައްގު ގެއްލިގެންދާނެތީކަމުގައި ވަކީލުން ބުނެފައިވެއެވެ.

1 ހިޔާލު

  1. ޗާންސް ލިބުމުން މިހާރު ތިއްބެވި ބޭފުޅުންގެ ޙާލާމެދުވެސް ވިސްނާލާށެވެ. ޢަލީވަހީދު، ބުރޯ، އަމީނު، ދެން ކޮވިޑްގެ ކާތަކެތި ސަޕުލައި. ގިނަމީހުން މިހާރު ކިޔަނީ ހަމަ ހައްތާވެސް ބޮޑެތި ވަގުންނޯ އަހަރެމެންނަކީ. ވަރަށް ދެރަ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ