އަލުން ޕާކުތަކާއި މައިޒާންތައް ހުޅުވައިލަނީ

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 ފެތުރުމުން ދާތީ ޕާކުތަކާއި މައިޒާންތައް ހަމަހެއްހާ ދުވަސްވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން އެތަން ތަން ހުޅުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދެއްވައިފިއެވެ.

ޕާކުތައް ބަންދުކުރިތާ ހައެއްކަ މަސް ފަހުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދީފައި ވިނަމަވެސް ޢަމަލު ކުރަންޖެހޭނެ އުސޫލުތަކެއް އެޗްޕީއޭއިން ވަނީ ހާމަކުރައްވައިފައެވެ.

 

އެޗްޕީއޭ އިން އާންމުކުރެއްވި އުސޫލުގައިވާގޮތުން ޕާކުތަކާއި މައިޒާންތައް ހުޅުވާއިރު އެތަންތަނުގައި، ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ އާންމު އުސޫލުގެ އިރުޝާދުތައް ލިޔެ ހަރުކޮށްފައި ހުންނަން ޖެހެ އެވެ. އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި މާސްކު އެޅުމާއި ކުޅު ނުޖެހުމުގެ އިތުރުން ސާފުތާހިރުކަމާއި ގައިދުރުކަން ބެހެއްޓުމުގެ އިރުޝާދުތައް، ވަންނަ ދޮރު ކައިރީގަ އާއި ތަނުގެ އެތެރޭގައި ވެސް ފެންނާނެހެން ބަހައްޓަންޖެހެ އެވެ.

މީގެ އިތުރުން، އެކަކު އަނެކަކު ތިން ފޫޓު ދުރުމިނުގައި ތިބެވޭނެހެން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމު ހަމަޖައްސައި ކޮވިޑް-19ގެ އަލާމާތްތަކަށް ޗެކުކޮށް އެއްވެސް އަލާމާތެއް ހުރި މީހަކަށް ނުވަދެވޭ ގޮތް ހަދަންޖެހެ އެވެ. އަދި ވަންނަ މީހުންގެ އަދަދު ރެކޯޑްކޮށް ބެލެހެއްޓޭނެ އިންތިޒާމުތައް ވެސް ހުންނަން ޖެހޭ ކަމަށް އުސޫލުގައި ވެއެވެ.

ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލައި މިވަގުތު އެޗްޕީއޭއިން ހުއްދަދެއްވައިފައިވަނީ އެއްފަހަރާ ގިނަވެގެން 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް އެއްވެ އުޅެން ކަމަށްވާއިރު އެއަށް ވުރެ ގިނަ މީހުން އެއްވެ އުޅޭތޯ ބަލައި މޮނިޓާކުރުމަށް ވެސް އަންގާފައިވެ އެވެ.

އެޗްޕީއޭ އިން ވިދާޅުވަނީ ޕާކުތަކާއި މައިޒާންތައް ހުޅުވާއިރު އެ ތަންތަނުގެ ސާފުތާހިރުކަން ވެސް ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން މަދުވެގެން ދުވާލަކު އެއް ފަހަރު މުޅިތަން ސާފުކުރުމާއި އާންމުކޮށް މީހުންނާއި ކުޑަކުދިން އަތްލާ ތަންތަން ޕާކު ހުޅުވާފައި ހުންނަ ވަގުތު މަދުވެގެން ދެ ފަހަރު ސާފުކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

.

ދަގަނޑުން ހުންނަ އެއްޗެހި ބްލީޗް ފަދަ ތަކެތި ބޭނުންކޮށްގެން ސާފުކުރާ ނަމަ ދަބަރު ޖަހައި ހަލާކުވާނެ ކަމަށާއި އެހެންވީމާ އެތަންތަން ސާފުކުރާނީ 70 ޕަސެންޓު އަލްކޮހޯލް ހިމެނޭ ސައިބޯނި ފެންފޮތިން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރަށް ހޮޑު ކުޅު ފަދަ އެއްޗެއް ހުރެއްޖެ ނަމަ އަންގި ލައްވައިގެން ވަގުތުން ސާފުކުރަން ވަނީ ކަނޑައަޅުއްވައިފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮންމެ ޕާކަކާއި މައިޒާނެއްގައި ވެސް އެތަނެއްގައި އުފެދޭ ކުނި އަޅަން ބޭނުންވާ ވަރަށް މަތިޖެހި ޑަސްބިން ބަހައްޓަން ޖެހޭނެކަމަށެވެ. ޑަސްބިން ބަހައްޓާއިރު މާސްކާއި އަންގި ފަދަތަކެތި އަޅަން ވަކި ޑަސްބިނެއް، އެކަން އެނގޭ ގޮތަށް ލޭބަލްކޮށްފައި ބަހައްޓަން ޖެހޭނެކަމަށެވެ. އަދި އެ ކުނިތައް ކޮންމެ ދުވަހަކު ވެސް ނައްތާލެވޭނެ އިންތިޒާމު ހުންނަންޖެހެއެވެ.

ޕާކުތަކާއި މައިޒާންތަކަށް ދާ އާންމުން ރައްކާތެރިވާން ޖެހޭ ކަންކަން ވެސް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްދެއްވައިފައިވެއެވެ. އެގޮތުން ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެތަންތަނަށް ނުދިއުމާއި ޕާކުތަކަށް ގޮސް ގައިދުރުކަން ބެހެއްޓުމާއި، ތަންތަނުގައި އަތްލުން މަދުކޮށް މާސްކު އެޅުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ވެސް އިލްތިމާސްކުރަށްވައިފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް