ބައިޑަން ސަރުކާރު އެކުލަވައިލައްވަން ފައްޓަވައިފި

11

 

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން ސަރުކާރު އެކުލަވއިލެއްވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ރައީސް ބައިޑަން އާއި ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ކަމަލާ ހަރިސްގެ ފުރަތަމަ މަސައްކަތަކަށް ވާނީ ކޮވިޑް-19 އެޑްވައިޒަރީ ޓީމެއް އެކުލަވައިލަވައިލެއްވުމެވެ. އެ ޓީމު ހޯމަ ދުވަހު އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހިމެނޭ ވެބްސައިޓަކާއި ޓްވިޓާ ފީޑެއް ވެސް މިހާރު ވަނީ އިފްތިތާހުކޮށްފަ އެވެ.

އެ ވެބްސައިޓުގައި ބައިޑަން އެންމެ އިސްކަމެއް ދެއްވާ ހަތަރު ކަމެއް ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި ކޮވިޑް-19، އިގްތިސާދު ކޮޅަށް ޖެހުން، ނަސްލީ ހަމަހަމަކަން ގާއިމްކުރުން އަދި މޫސުމަށް ބަދަލު އައުމުގެ މައްސަލަތައް ހިމެނެ އެވެ.

މި މަސައްކަތްތަކާއި ހަވާލުވެ ތިބި ޓީމުތަކުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާނެ ކަމަށް އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ވެރިކަމާ ބައިޑަން ހަވާލުވެވަޑައިގަންނަވާ ދުވަސްކަމަށްވާ ޖެނުއަރީ 20، 2021 އަށް އިޝާރާކޮށް ވެބްސައިޓުގައި ބުނެފައިވެ އެވެ.

ބައިޑަން އަކީ އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރި އެންމެ އުމުރުން ދޮށީ ރައީސް އެވެ. އުމުރުން 56 އަހަރުގެ ހަރިސް އަކީ އެމެރިކާގެ ނައިބް ރައީސް ކަމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާ އެވެ. އަދި ކަޅު ނަސްލުގެ ފުރަތަމަ އަންހެން ނައިބް ރައީސްގެ އިތުރުން އެއީ ސައުތު އޭޝިއާ އަށް ނިސްބަތްވާ ފުރަތަމަ ނައިބް ރައީސް ވެސް މެ އެވެ.

ޓްރަމްޕުގެ ސަރުކާރުން ވަކިވި ޕެރިސް، އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވާނެކަން ބައިޑަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ބައެއް މުސްލިމް ގައުމުތަކުން އެމެރިކާ އަށް މީހުން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު އުވާލައްވާނެ ކަމަށް ވެސް ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

ބައިޑަން ވިދާޅުވެފައި ވަނީ އެކުލަވާލާނީ ގައުމުގެ ހުރިހާ މައްސަލަތަކަށް ހައްލު ހޯދޭވަރުގެ ކެބިނެޓެއް ކަމަށެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީ އަށް ސެނެޓުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ބައިޑަންގެ ކެބިނެޓް ފާސްކުރުމުގައި ދަތިތައް ދިމާވާނެ އެވެ.

ރިޔާސީ އިންތިޚާބުގައި ބައިޑަން 74.6 މިލިއަން ވޯޓު ހޯއްދެވި އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 70.4 މިލިއަން ވޯޓެވެ. ބައިޑަން އަށް ރައީސްކަން ޔަގީންވެފައި ވަނީ 279 އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު އެވެ. ނަމަވެސް އަދިވެސް ޓްރަމްޕު ބަލި ގަބޫލު ކުރައްވައިފައެއް ނުވެއެވެ..

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ