އައިޖީއެމްއެޗް އިން ކޮވިޑް-19 އާއި ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އުވާލައި، ބައެއް ޙިދްމަތްތައް ޢާންމު ޙާލަތަށް ގެނައުމަށް ނިންމަވއިފިއެވެ.
އެ ހޮސްޕިޓަލުން ވިދާޅުވެފައިވަނީ މީގެ ކުރިން ރޫޓިންކޮށް ދެމުންދިޔަ މެމޮގްރާމް ފަދަ ޙިދުމަތްތައް ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށާއި ނަމަވެސް އެ ހިދުމަތްތައް އަލުން ކުރިއެކޭ އެއްގޮތަށް އާންމު ޙާލަތުގައި ދޭ އުސޫލުން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުންދާތީ، ހޮސްޕިޓަލުގެ ޙިދުމަތްތައް އާންމު ޙާލަތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުން ދެމުންދިޔަ ޙިދުމަތްތަކުގެ ތެރެއިން ބައެއް ޙިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފައެވެ. ބައެއް ޙިދުމަތްތައް އޮންލައިންކޮށް ވެސް ދޭން ފަށާފައިވާއިރު ބައެއް ހިދުމަތްތައް ދޭ އުސޫލަށްވެސް ބަދަލުތައް ގެނެސްފައިވެއެވެ.
މީގެ އިތުރުން ބަލިމީހުންނަށް ޒިޔާރަތްކުރުންވެސް ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.