ތިންވަނަ ޓެލެކޮމް އޮޕަރޭޓަރަކަށް ހުއްދަދެނީ

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ތިންވަނަ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ނުވަތަ ކުންފުންޏަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުންނެވެ.އަންނަ އަހަރު އާމްދަނީ ހޯދުމަށްޓަކައި މުޅިން އަލަށް ހަ ކަމެއް ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެތެރެއިން އެއްކަމަކީ އަލަށް ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ހުއްދަދިނުމެވެ. އެގޮތުން، ބަޖެޓުގައިވާ ގޮތުގައި ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް އަންނަ އަހަރު އަލަށް 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދޭނެ އެވެ.

ބަޖެޓު ބަޔާން މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލުތަކުން އާ އާމްދަނީ ހޯދުމެވެ. އެގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް ވައުދަކީ އިންޓަނެޓް އަގުހެޔޮ ކުރުމެވެ. އެގޮތުން އިންޓަނެޓްގެ އަގުހެޔޮކުރުމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ވަނީ މީގެކުރީން ސިޔާސަތެއް އެކުލަވާލާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ބަލައިގަނެފައެއް ނުވެ އެވެ.

ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި އިތުރު ސަބްމެރީން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއަށް އިތުރު ޓެލެކޮމް ކުންފުންޏެއް ތައާރަފުކޮށްގެން އިންޓަނެޓްގެ އަގުހެޔޮ ކުރާ ފަދަ ވާހަކަތަކެއްވެސް ވަނީ މީގެކުރިން ވެސް ދެކެވިފަ އެވެ.

މިހާރު ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެނީ، ދިރާގު އުރީދޫ އެވެ. އަދި އާރުއޯއެލްއިން އިންޓަނެޓުގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް