ނުރައްކަލުން ފުރިގެންވީ ޙިމާޔާތް

57

ފުރަމާލޭ ގުޅީ އީސާކަލޭފާނާއި ތިނަދޫ ރަނަހަމައިދި ކަލޭފާނާއި ކުޅުދުއްފުށީ ބޮޑުމުޙައްމަދު ކަލޭފާނާއި ނައިފަރު އާދަމްޙާޖީ ކަލޭފާނުގެ މުދާ ވަނީ ސަރުކާރަށް ނަގައިފައެވެ. އެމީހުންނަކީ ދައުލަތުގެ މުދަލަކުން ވައްކަން ކުރިބައެއްނޫނެވެ. އަމިއްލަ މަސައްކަތުން ކުރިއަރައި، ދިރިއުޅުންހޯދި ބައެއްކަން ތާރިޚުން އެގެއެވެ.

ނަމަވެސް އެއީ އޭރުގެ ސިޔާސީ މުޙައްނިކުން ވެސްމެއެވެ. ރަދުންގެ މަޖިލީހަށް މުޅިރާއްޖެ އަރާއިރު އެ އަށިމަތީ މިބޭބޭކަލުން ތިއްބަވައެވެ. ރަދުންނަށް ލަފާއަރުވާ ބޮޑުބާރަވެރިންގެތެރޭ ހިމެނިގެންނެވެ. އޭރު އޮތްގޮތުން މިއީ ވަޒީރުން (ކިލެގެ ބޭކަލުން) ނެއްނޫނެވެ. ނަމަވެސް ނަވާބުން (ކަންގަތިން)ނެވެ. ވަޒީރުންގެ ކަންކަން ހުރިނެތްގޮތް މިބޭބޭކަލުންގެ ކިބައިން އެހެއެވެ. އަދި އެއީ ގައުމީ ލަފާއަކަށްވެސް ވެގެންދެއެވެ. އެހާމެ ދައުލަތަށްބޭނުންތެރި އިއްޒަތްތެރީންވެސްމެއެވެ.

ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލޭގެފާނަށް މިރާއްޖޭގެ ރަސްކަން ލިބޭނެ ހަމައެއްގޮތެއް ނެތިގެން އެގޮތްމިގޮތަށް އެނބުރި ގޭސްގަނޑަކުން ގަނޑެއްގައި ޖެހި ހަފުސްވުމުގެ ކުރިން މިއިން ކޮންމެ ކަލޭފާނަކީ، އެބޭކަލަކު އުފަން އަތޮޅާއި ރަށުގައި، އެންމެ ފުންނާބުއުސް ވިޔަފާރިވެރިޔާއެވެ. އިމްޕޯޓް އެކްސްޕޯޓް ވިޔަފާރީގައި ދުއްވާ އުޅަނދުފަހަރާއި ފުރެއްދެއޮޑިޔާއި ކުފުރާ އުފައްދާ ރުއްދަނޑުތަކާއި، ފޭރާންވިޔާ ހަރުތަކުގެ ވެރިންނެވެ. ޝައްކެއްނެތް ގޮތުގައި އެޒަމާން ސިފަކުރާމީހުން ސިފަކުރާއިރު އެއީ ހަގީގީ ލާމަރުކަޒީއެއް މިރާއްޖޭ ދުށް ޒަމާނެއްކަމުގައި ބެލެވެއެވެ. އަތޮޅުން ފުރައިގެން އުތުރުކަރައަށާއި ދެކުނުކަރައަށާއި އަސޭކަރައަށާއި އަރަބިކަރައަށް ދިވެހި ނާޒޯގުގައި ދަތުރުކޮށް އިގްތިސާދީ ދުޅަހެޔޮކަމެއްގައި މުޅިރާއްޖެ ހަމަހަމައަށް ހިއްސާކުރުވިއެވެ.

ނަމަވެސް އަމިއްލަ އެދުން ބޮޑު ޙަސަދަވެރި އަތިރީގޭ ޚާންދާނަކަށް މިކަމެއް ހަޖަމެއް ނުކުރެވުނެވެ. ކުޅެލީ ހައެއް ހަތަރަކަށެވެ. ކައިރީގައި ގެންގުޅުނު ކެނަކެނަ، ލައިގެން އެވެރިން އަޑިއަޅުވައި ނުލެވުނީމާ ދެންހިފީ އެންމެ ނުރައްކާތެރި ހަތިޔާރުގައެވެ. ބާރުގަދަ އަނިޔާވެރި އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ހަތިޔާރެވެ. ޙީލަތްތެރިގޮތަކަށް  ބޭނުންކުރީ ހިންދުކަރަ އާބާދުކުރުމަށް ކޮހިނޫރު ޖަވާހިރު ވަގަށްނެގުމުގައި އެވެރިން ބޭނުންކުރި އިޔަހޫދީއުކުޅެކެވެ.

ދިވެހި ރަސްކަމުގެ ތަޙުތާއި އަތިރީގޭ ޚާންދާނުގެ ވިޔަފާރިތައް އިނގިރޭސިން ޙިމާޔަތްކޮށްދިނީ ރާއްޖޭގެ އެހެން ވިޔަފާރި އެންޕެރަރތައް ފުޑައި ސުންނާފަތި ކޮށްލާފައެވެ. ކޭހުރިހައި އެއްޗެއް ކެއީ އަތިރީގޭ ޚާންދާނާއި އިގިރޭސިންގެ ކޮމާންޑަރުން ގުޅިގެންނެވެ. އަބަދުވެސް ދިވެހިރާއްޖޭގެ ވެރިކަމުގައި ތިބޭ ވެރީން ދިވެހިންނާއި ދައުލަތަށް ހަރާމްކޯރުވަނީ އެބައިމީހުން ގުޅޭ ބޭރުގެ ބާރުގަދަ ނުފޫޒުބޭނުންކޮށް ބައިއަޅައިގެނެވެ. އެގޮތުނެ މިދެންނެވި ބޭފުޅުންގެ ބޮލުގައި ވަގުބަދުނާމު އަޅުވައި ބަޢާވާތް ކުރިކަމުގެ ތުޙުމަތު އެޅުވީ ރޯނު ދަމާތަށް ލޯނުދެކި ތިބިބައެއްގެ ބޮލުގައެވެ.

ދިވެހިރާއްޖެ އޭރުގެ ބަދަވި އިނގިރޭސި ދައުލަތުގެ ޙިމާޔަތުގައި އޮވެ، ދިވެހި ބޮޑެތި ވިޔަފާރިވެރި ބައެއްމީހުންގެ މުޅިމުދާ ހިފެވި އެމީހުން ޣަސްބުން ފޭރެވުނުއިރު، އެރައްޔިތުންގެ އަތުގައިއޮތީ އިނގިރޭސި ރަސްކަމުގެ ޙިމާޔަތް އޮތްކަމަށް ސިއްކަޖެހި މޯލްޑިވް އައިލެންޑްސްގެ ޕާސްޕޯޓެވެ. މިއީވެސް ދިވެހި ތާރީޚުގެތެރެއިން އެނގުން މުހިންމު ބާބެކެވެ. ވީއިރު ގައުމުގެ މިސްރާބު އެދުވަސްވަރަކު ވެރިކަމުގައިތިބޭ ބައެއްގެ ހަމަބުއްދިބޭނުން ނުކޮށް، ރައްޔިތުން ޙިމާޔަތްކޮށް ކުރިއެރުވުމަށް ރޭވުންތެރިކަމެއްނެތި، އަމިއްލަ ބޮޑުންގެ ދުނިޔެވީ މަންފާގެ ދަހިވެތިކަމުގައި މިފަދަ ޖަރީމާތަށް ތަކުރާރުވެނުދިނުމަށް ބަޔަކު ގައުމުގެ ޙައްގުގައި މަސައްކަތްކުރުން ލާޒިމުކަމުގައި ދެކެމެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިކަމާމެދު ބަހެއް ވިދާޅުވާނެނަމައެވެ.

1 ހިޔާލު

  1. ތާރީޚުގެ ސަފްޙާތަކަށް އަލިއަޅުވާލާއިރު ތަންކޮޅެއްބޮޑަށް މަޢުލޫމާތު ހާމަކުރަންޖެހޭނެއެވެ. މި ލިއުމުގައި އިޝާރާތް ކުރައްވާފައިވާ ބޭފުޅުންގެ މުދާތައް ސަރުކާރަށް ނެންގެވީ ކޮންބޭފުޅެއްގެ ވެރިކަމުގައި ކަމެއް ނޭގުނެވެ. ތާރީޚުގެ ހާދިސާތައް ރަންނަމާރީގެވާހަކަ ގޮތަށް ލިއުނީމާ ތެދުދޮގު އަބަދުއޮންނާނީ ހޯދަންޖެހިފައެވެ. މި ލިއުމުގައިވާ އެއްބޭފުޅެއްގެ ގޯތިގެދޮރުގެ މައްސަލައެއްގެވާހަކަ ދާދިފަހުންވެސް ދެކެވުނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ