ހަލަބޮލި މާލޭ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެތް؟

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ވެރިރަށް މާލޭ ސިޓީއަކީ ގިނަ ޚިދުމަތްތައް ލިބެންހުރުމާއެކު ދިވެހިންގެ އާބާދީގެ އެންމެ ގިނަ އިންސައްތަ ބަޔަކު ދިރިއުޅޭ ސިޓީއެވެ. އެހެންކަމުން އާބާދީގެ ގިނަ ބަޔަކު ދިރިއުޅޭ ދުނިޔޭގެ އެހެނިހެން ސިޓީތަކެކޭ އެއްފަދައިން މާލެ ސިޓީގައި އެއްގަމު އުޅަނދުތަކާއި ހިނގާ މީހުންގެ މެދުގައި އެކްސިޑެންޓްތަކުގެ ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސިޓީގެ ގިނަ މަގުތަކަކީ ހަނި މަގުތަކެއް ކަމުން ތޮއްޖެހުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވެއެވެ.

މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައެވެ.

ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނައިރު މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެކެވެ.އަދި މަގުމަތީގެ ރައްކާތެރިކަން އިތުރު ކުރުމަށް ފިޔަވަޅުތައް އެޅުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ މަސައްކަތެކެވެ. ފެންނަ ފެނުމަށް ބަލާއިރު ނުރައްކާތެރި އެކްސިޑެންޓުތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

އެންމެފަހުން އިއްޔެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލްނުވެ ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

އިއްޔެ ރޭ ހިނގި މި އެކްސިޑެންޓާއި ގުޅިގެން ސަރުކާރުން ވަނީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުން ކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ކުރަންޖެހޭ އެންމެހާ ކަންކަން މި ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަންދީ ފިޔަވަޅުތަކެއް އަޅާފައެވެ.

މިގޮތުން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ މީހާގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ރައީސް ވަނީ އަންގަވާފައެވެ. ހަމައެހެންމެ މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ފުލުހުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރަށް ހަރުދަނާ ކުރުމަށްވެސް އަންގަވާފައި ވެއެވެ.

ސްޕޯޓްސް ކާރެއް ކޮންޓްރޯލްނުވެ ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އާންމުންގެ ކަންބޮޑުވުންތައް އިތުވެފައިވާ މި ދަނޑިވަޅުގައި ރޭސިން އަދި ޑްރިފްޓިންގްއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އޮކްޓޫބަރު 19، 2023 ގައި އެޗްޑީސީން ދީފައިވާ ހުއްދަ ވަގުތުން ބާތިލު ކުރުމަށްވެސް ރައީސް މުޢިއްޒު ވަނީ އަންގަވާފައެވެ.

އިތުރުވަމުން އަންނަ މިފަދަ އެކްސިޑެންޓްތައް އަޅުގަނޑުމެންގެ ސަމާލުކަމަށް އިރުއިރުކޮޅާ އަންނައިރު ހަމައެހާމެ އަވަހަށް އެ ހާދިސާތަކުގެ މަތިން އަޅުގަނޑުމެން ހަނދާންނެތި މި މައްސަލައަށް ”ފޯކަސް“ ދަނީ ގެއްލެމުންނެވެ. މިފަދަ އެކްސިޑެންޓުތައް ހިނގުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި އާންމު ރައްޔިތުންގެވެސް ފަރުދީ ޒިންމާއެއް އެބައޮތް ކަމަށް ޤަބޫލުކުރެވެއެވެ. މީގެ އިތުރުން ފަރުވާކުޑަކޮށް މަގުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކާމެދު ހަރުކަށި އަދަބުތަކާއި ޖޫރިމަނާތައް ކަނޑައެޅުމުންވެސް މި ކަންކަން ހައްލުކުރުމަށް ކޮންމެވެސް ވަރަކަށް އެހީތެރިވެދޭނެއެވެ. 

ހަމައެހެންމެ ބާރު ސްޕީޑުގައި ދުއްވާ ވެހިކަލްތައް ހުއްޓުވާ މަގުމަތި އަމާންތަނަކަށް ހަދާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށްޓަކައި ޓްރެފިކް ފުލުހުން އިތުރު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. 

އެގޮތުން ސްޕީޑް ލިމިޓްތަކަށް އަމަލުކުރޭތޯ ބެލުމާއި، ހެލްމެޓް ބޭނުން ކުރުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅާކަން ބެލުމާއި ގަވާއިދުން ޗެކްޕޮއިންޓްތައް ބެލެހެއްޓުމަކީ ފަރުވާކުޑަކަމުގެ ސަބަބުން ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރެވޭނެ ކަމެކެވެ.

މަގުމަތީގެ ނިޝާންތަކާއި ސިގްނަލްތަކާއެކު އިތުރަށް ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަ ކަފިހި ހުރަސްތައް ކަނޑައެޅުމާއި  ރޭގަނޑު ނަމަވެސް އެ މަގެއްގައި އެކަށީގެންވާ އަލިކަން ބެހެއްޓުމަކީ މަގު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުކޮށްދޭނެ ކަމެކެވެ.

ހަމައެހެންމެ ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި މަގުމަތީގެ ނިޝާންތައް އެންމެ އެކަށޭނެހެން ކަނޑައެޅުމަކީ ޑްރައިވަރުންނާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވިދާނޭ ކަންކަމެވެ.

މަގު ބޭނުންކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަކީވެސް މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމެކެވެ.

އަދި ޓްރެފިކް ފްލޯ މޮނިޓަރ ކުރުމަށް ރިއަލް ޓައިމް ޑޭޓާ ބޭނުންކޮށްގެން ކުރިއަރާފައިވާ ޓްރެފިކް މެނޭޖްމަންޓް ސިސްޓަމްތައް ބޭނުންކުރުމަކީ ތޮއްޖެހުން ކުޑަކޮށް މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޓްރެފިކް ގާނޫނުތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ކެމްޕޭންތައް ހިންގުމަކީ މަގުމަތީގެ ރައްކާތެރި ކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭނެ ކަންކަމެވެ. 

 މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އެއްގަމު އުޅަނދުތަކަށް ލައިސަންސް ދިނުމުގެ ”ޕްރޮސެސް“ ހަރުކަށިކޮށް ކަނޑައަޅާ ތަންފީޒުކޮށް ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެއެވެ.

ނުރައްކާތެރި އެކްސިޑެންޓްތައް ކުޑަކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

މިފަދަ ނުރައްކާތައް ކުޑަކޮށް މާލެ ސިޓީގެ މަގުތަކަކީ އަމާންތަނަކަށް ހެދިއްޖެނަމަ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ބިރެއް ނެތި ވެރިރަށް މާލެ ހިތްހަމަޖެހޭ ރައްކާތެރި މާހައުލެއް އޮންނަ ސިޓީއަކަށް ހެދޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް