ހުދު ބައްޔަކީ ހަށިގަނޑުގެ ހަން ހުދުވާ ބައްޔެކެވެ. ނުވަތަ ހަމުގެ ހަގީގީ ކުލަދާ ބައްޔެކެވެ. މި ބަލިޖެހުމުން ހަމުގެ އެކި ހިސާބުތަކުގައި ހުދުކުލައިގެ ލައްތަކެއް ޖަހައެވެ. މިލައްތައް ހުންނަނީ ހުދުކުލައިގެ ތިކިތަކެއް ނޫނީ ޕެޗްތަކެއްގެ ގޮތުގައެވެ. އަދި މިހުދުކުލައިގެ ލައްތައް ހުންނާނީ އާދައިގެ ހަންގަނޑެކޭ އެއްގޮތަކަށެވެ. މިގޮތަށް ހަން ހުދުވަނީ އެހިސާބުގައި ހުންނަ މުށިކުލަ ފިލައިދިއުމުންނެނެވެ. ނުވަތަ އެހިސާބުގައި ހުންނަ މެލަނިން ޕިގްމެންޓްތައް ފިލައި ދިއުމުންނެވެ.
ވައްތަރުތައް:
(ހ) ލޮކަލައިޒްޑް ވިޓިލައިގޯ (localized or focal vitiligo): މިއީ އެއްތަނެއްގައި ނޫނީ ދެތިން ތަނެއްގައި ހުދުކުލައިގެ ދެތިން ހުދުތިކި، ނޫނީ ހުދުކުލައިގެ ދެތިން ޕެޗް ނެގުމެވެ. ނުވަތަ ހަށިގަނޑުގެ މަދު ތަނެއްގައި ވަރަށް ކުޑަކޮށް ހަން ހުދުވުމެވެ. މިއީ ވަރަށް މަދުން ފެންނަ ވައްތަރެކެވެ. ހަން ހުދުވާނީ ހަމުގެ ވަރަށް ކުޑަ ތަންކޮޅެއްގެ އެވެ. އެއްއަހަރު ދެއަހަރު ވާއިރު ވެސް އިތުރަށް ނުފެތުރި ހުރެދާނެ އެވެ.
(ށ) ޖެނެރަލައިޒްޑް ވިޓިލައިގޯ (generalized vitiligo): މިއީ ހަށިގަނޑުގެ ތަފާތު ހިސާބުތަކުގައި ހުދުކުލައިގެ ޕެޗްތައް ނެގުމެވެ. ނޫނީ އުފެދުމެވެ. ނޫނީ ހަށިގަނޑުގެ ތަފާތު ހިސާބުތަކުގެ ހަން ހުދުވުމެވެ.
(ނ) ޔުނިވަސަލް ވިޓިލައިގޯ (universal vitiligo): މިއީ ހަށިގަނޑުގެ ބޮޑު ބައެއްގެ ހަން ހުދުވުމެވެ. ނުވަތަ ހަމުގެ %80 އަށްވުރެ ބޮޑުބައެއް ހުދުވުމެވެ. މިއީ ވެސް ނިސްބަތުން މަދު ވައްތަރެކެވެ.
(ރ) މިއުކޯޒަލް ވިޓިލައިގޯ (mucosal vitiligo): މިއީ ހަށިގަނޑުގެ ތެތްދުލިފަށަލަ ހިމެނޭ ހިސާބުތަކުގެ ހަން ހުދުވުމެވެ. މިސާލަކަށް ތުންފަތުގެ ނޫނީ ކުރިމަތި ފަރާތުގެ ހަން ހުދުވުމެވެ.
(ބ) ނަން-ސެގްމެންޓަލް ވިޓިލައިގޯ (non-segmental vitiligo): މިއީ ވަރަށް ލަހުން ފެތުރޭ ހުދު ޕެޗްތަކެއް ތަކެއް، ދޭތެރެ ދޭތެރެއިން އާޕެޗްތައް ފެންނަމުންދާ ހެން ހަން ހުދުވަމުން ދިއުމެވެ. މިހާލަތުގައި ހަށިގަނޑުގެ ދެފަރާތުގެ ނޫނީ ދެފަޅީގެ ހަމުގައި ވެސް ހުދުކުލައިގެ ޕެޗްތައް އުފެދިދާނެ އެވެ. މިސާލަކަށް ދެކަކޫ ނޫނީ ދެއަތްތިލައިގެ ހަން ހުދުވެދާނެ އެވެ. ނޫނީ މޫނުގެ ހަން ހުދުވެދާނެ އެވެ. ހުދުބަލީގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ.
(ޅ) ސެގްމެންޓަލް ވިޓިލައިގޯ (segmental vitiligo): މިއީ ވަރަށް އަވަހަށް ފެތުރި، ހަށިގަނޑުގެ އެއްފަޅީގެ ނޫނީ އެއްބައިގެ ހަން ހުދުވުމެވެ. ނޫނީ އެގޮތަށް ހަން ހުދުވާ ބައްޔެކެވެ. މިވައްތަރުގެ ހަން ހުދުވުން ހުންނާނީ އެއްވަރަކަށެވެ. ނޫނީ ހަން ހުދުވުން ހުއްޓޭނެ އެވެ. ހުއްޓުމަށްފަހު ގިނަ މީހުންގެ ހަމުގައި ހުދުކުލައިގެ އިތުރު ޕެޗްތަކެއް ނުއުފެދޭނެ އެވެ. މިވައްތަރަށް ޔުނިލެޗްރަލް ވިޓިލައިގޯ އޭ ވެސް ކިޔައެވެ.
(ކ) މިކްސްޑް ވިޓިލައިގޯ (mixed vitiligo): މިއީ މަތީގައި ބަޔާންކުރެވުނު ދެވައްތަރު އެއްކޮށް ޝާމިލްވާނެހެން ހަން ހުދުވުމެވެ
One Response
ބައްޔަށް ކުރެވޭ ފަރުވާގެ ވައްތަރުތައްވެސް ހިމަނާލިނަމަ ހަބަރު ފުރިހަމަވީސްކަމުގައި ދެކެން..