ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ލިމިޓަށް އެ ބޭންކުން މިއަދު ހެނދުނު ގެނައި ބަދަލުތައް ހަވީރު އުވާލައިފި އެވެ.
ބީއެމްއެލުން މިއަދު ހެނދުނު ބުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެހެންކަމުން ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ރުފިޔާ އެކައުންޓެއް ކަނޑައަޅާފައިވާނަމަ ޑޮލަރުގެ ހިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިކަމަށް އިޝާރާތްކޮށް މިއަދު ހަވީރު ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނީ 25 އޯގަސްޓް 2024 ގައި އިއުލާންކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެވިފައި ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން މިއަދު ހެނދުނު ނިންމި ނިންމުމާއި ގުޅިގެން ސަރުކާރުން ބުނީ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައި އެކަން އިއުލާންކުރީ އެގޮތަށް އަމަލު ނުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައި ވަނިކޮށް ކަމަށެވެ.