ބައިތުލް މަގްދިސުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި މިދިޔަ ހޯމަ ދުވަހު ތެލް އަވީވުގެ ސެނެގޯޖު ކައިރީގައި ބޮމެއް ގޮއްވާލާފައިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި ”އިސްލާމިކް ޖިހާދު“ އިން ކަމުގައި އެ ޖަމާއަތުން ބުނެފައިވާ ޚަބަރު ފާހަގަކުރެވެއެވެ. އިސްރާއީލުގެ ފުލުހުންނާއި ޝިން ބެޓްގެ އިންޓެލިޖެންސް (އިސްރާއީލުގެ އެތެރޭގެ ސަލާމަތާބެހޭ އިދާރާ) އިން ބުނެފައިވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ( ޓެރަރިސްޓް ހަމަލާއެއް ދުވަހަކު ދެކިފައިވެސް ނުވާ ބަޔަކަށް އެއީ ޓެރަރިސްޓް ހަމަލާއެކޭ ބުނަން އެނގުނީ ކިހެނެއް ބާވައެވެ !)
އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ތެލް އަވީވުގެ ފުލުހުން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެ ބޮން ހިފައިގެން ހުރި މީހާ މަރާލާފައިވާ ކަމަށާއި އެ ހާދިސާގައި އޭނާގެ ކައިރީ ހުރިމީހާއަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.
އިސްރާއީލު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ޑޭވިޑް މެންސަރ ބުނެފައިވަނީ ގޮވާތަކެތި އަޅާ ބަރުކޮށްފައި އޮތް ބެކްޕެކެއް ހިފައިގެ ދިޔަ އެމީހާ އެ ސަރަހައްދުގައި ގިނަމީހުންތަކެއް އެއްވެ ތިބި ހިސާބަށް ނުދެވެނީސް އޭނާ މަރާލާފައިވާކަމަށެވެ. އެ ވަގުތު އޭނާއަތުގައި ހުރި ބޮން ތައް ގޮއްވާލާފައިވާ ކަމަށެވެ.
ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާރު ކުރަމުން ގެންދާ އެ 2 ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުގެ ތެރޭގައި އަހަރެމެން ހިންގަން ގަސްދުކުރާ “ ޝަހީދު ވުމުގެ އޮޕަރޭޝަންތައް “ މި ފެށުނީ ކަމަށާއި އިސްރާއީލުގެ ހަމަލާތައް ކުރިއަށް ގެންދާހާ ހިނދަކު އަހަރެމެންގެ ހަމަލާތައް ވެސް މެދުނުކެނޑި ހިންގަމުން ގެންދާނެ ކަމަށެވެ. މިފަހަރުގެ ހަމަލާއަކީ ހަމައެކަނި ފެށުމުގެ އިޝްތިހާރެކެވެ.
ހަމާސްގެ މި ހަމަލާ ހިންގާފައިވަނީ އިސްރާއީލް-ހަމާސް ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ތެލް އަވީވަށް ވަޑައިގަތުމުގެ ގަޑިއެއްހާއިރުގެ ތެރޭގައެވެ.
އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކާތެރިކަން ބޮޑުވެފައި އޮތުމާއެކު އިސްރާއީލް- ހަމާސްގެ ހަނގުރާމަ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ހުއްޓުވަން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުގެ ސިނަގޯޖް ކައިރިއަށް ދިން ބޮމުގެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް އިސްރާއީލުން ބުނުމާގުޅިގެން ހިއުމަންރައިޠް ވޮޗް ގުރޫޕުން ހޯމަ ދުވަހު ބުނެފައިވަނީ މި ހުސްވި މަހު ޔަމަނުގެ ހުދައިދާ ބަނދަރަށް އިސްރާއީލުން ދިން ވައިގެހަމަލާއަކީ އަދި މާ ބޮޑު ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. އެ ހަމަލާގެ ސަބަބުން އެތައް މިލިއން އިންސާނުންނަށް ކާބޯތަކެއްޗާއި އެހެނިހެން ބޭނުންތަކަށް މުދާއެތެރެކުރެވޭނެ ވަސީލަތް އެކުގައި ހަލާކުވެގެން ދިއުން ސިފަކުރަން ޖެހޭނީ ޓެރަރިސްޓް ހަމަލާއަކަށްވުރެން ބޮޑަށް ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައެވެ. އިސްރާއީލުން ދިން އެ ހަމަލާގައި ނުވަމީހުން މަރުވެ 80 ވަރަކަށް މީހުން ޒަޚަމް ވެފައިވާކަމަށްވެސް ހިއުމަން ރައިޓް ވޮޗުން ވަނީ ބުނެފައެވެ.
ހިއުމަން ރައިޓް ވޮޗްގެ ވާހަކަތަކަށް ރައްދު ދެމުން އިސްރާއީލުން ބުނެފައިވަނީ ހުދައިދާ ބަނދަރަށް ހަމަލާ ދިނީ އެ ބަނދަރު ބޭނުންކޮށްގެން އީރާނުގެ ހަތިޔާރު ހޫތީން މުޖާހިދުންނަށް ފޯރުކޮށްދެމުންގެންދާތީ ކަމަށެވެ. އިސްރާއީލުގެ ކޮންމެ ވާހައެއް ގަބޫލުކުރާނެ އަވަށްޓެރި ގައުމުތައްވެސް އޮތުމާއެކު ހިއުމަން ރައިޓް ވޮޗްގެ ވާހަކަތަކުގައި ކުލަ ޖެހޭގޮތެއް ނުވެއެވެ.