ރައްޔިތުންގެ މަޖިލިހުގެ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހް އަވަހާރަކޮށްލަން ސިހުރު ހެދި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަަށް ފޮނުވައިފިއެވެ.
މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މެއި 3 ވަނަ ދުވަހު ހުށަހަޅާފައިވާ، ށ. ފުނަދޫގައި ސިހުރުހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޖުލައި ދެ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައި ވަނީ 60 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެ މައްޗަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މެންބަރު މަމްދޫހުއަށް ސިހުރު ހަދާފައި ވަނީ ތ.ވިލުފުށިން އެ ރަށަށް އައިސް އުޅުނު މީހެކެވެ. އެގޮތުން އޭނާ ހުރިގެއިން ސިހުރު ހަދަން ބޭނުންކުރާ ބައެއް ސާމާނު ފެނިފައި ވާއިރު، ފުނަދޫގެ ފަސް ގަހަކުން ވަނީ މަމްދޫހަށް ސިހުރު ހަދާ ޖަހާފައި ހުރި ލޮއި ތަކެއް ފެނިފައެވެ.