ރާއްޖެއަށް ކުރި ވިއްސާރައިގައި 208 ގެއަކަށް ސިފައިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފި

Loading

August 20, 2024
sandhaanu news
Facebook
Twitter
WhatsApp

ނިމިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި 208ގެއަކަށް ސިފައިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ލިބުނު ގެއްލުންތަކުގައި ސިފައިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. 

މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ސިފައިން އެހީތެރިކަން ފޯރުކޮށްދިން ރަށްތަކުގެ ތެރޭގައި، ހއ. ބާރަށް، ހއ.ކެލާ، ހއ.އިހަވަންދޫ، ހއ.ހޯރަފުށި، ކުޅުދުއްފުށި ސިޓީ އަދި ޅ.ނައިފަރު ހިމެނެއެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދިން ރަށްތަކުގެ ތެރޭގައި، އައްޑޫ ސިޓީ މަރަދޫ، ހިތަދޫ އަދި ފޭދޫ ހިމެނެއެވެ. މީގެ އިތުރުން ގްރޭޓާ މާލެ އޭރިއާ ހިމެނޭ ސަރަޙައްދުގައި ވެސް ސިފައިން ދިޔައީ މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ، އިމާރާތްތަކަށް ފެންވަންނަން ފެށުމުން، ސިފައިން ނިކުމެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދަތިވެ، ވެހިކަލްތައް ދުއްވަން ދަތިވުމާއި އަދި އިމާރާތްތަކަށް ފެން ވަންނަން ފެށުމުން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ނުކުމެ، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިގޮތުން، މާލޭގެ 14 ވަރަކަށް ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން، ހުއްޓުމެއްނެތި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗް، ވެސްޓް ޕާކް، ދިރާގު އޮފީސް، ފުށް ގުދަން، ބޮޑުތަކުރުފާނުމަގު ބޮޑުވަޅު ސަރަހައްދުގެ އިތުރުން، ޖެލީ ޕިއްޒާ، ދަރުބާރުގެ، ފުޑް ކޯޓް، ސޯޝަލް ސެންޓަރ އަދި އެސްޓީއޯ އިމާރާތް ހުންނަ ސަރަހައްދުތައް ހިމެނެއެވެ. 

މީގެ އިތުރުން އިމާރާތްތަކަށް ފެންވަދެ، އާންމުން އެހީތެރިކަމަށް އެދުމުން ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުން ސިފައިން ވެސް ވަނީ ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން، ސިފައިން ވަނީ 208 ގެއަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި މަހުގެ 18ވަނަ ދުވަހާ ހަމައަށް ފެންހިންދުމުގެ މަސައްކަތް ކުރިއަށްދިޔައިރު 12016000 ލީޓަރުގެ ފެން ޕަންޕުން ބޭރުކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް