މުމްބާއީގެ ތޭން ޑިސްޓްރިކްޓްގެ ސްކޫލެއްގައި، އުމުރުން 4 އަހަރުގެ ދެ އަންހެން ކުދިންނަށް ޖިންސީގޯނާ ކޮށްގެން ސްކޫލްގެ ޕްރިންސިޕަލް އާއި ކްލާސް ޓީޗަރުގެ އިތުރުން އަންހެން އެޓެންޑަންޓަކު ސަސްޕެންޑް ކޮށްފިއެވެ. މި އަމަލު ހިންގާފައި ވަނީ އެޓެންޑަންޓް މީހާއެވެ.
މިހާދިސާ އާއި ގުޅިގެން ސްކޫލްގެ އެޑްމިނިސްޓްރޭޝަނުން ވަނީ ޚާއްސަ އިންކުއަރީ ކޮމިޓީ އެއްވެސް އުފައްދާފައެވެ.އަދި މިކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ ސްކޫލްގެ އެކި ހިސާބުގައި ސީސީޓީވީ ކެމެރާތައްވެސް ދަނީ ހަރު ކުރަމުންނެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި އެކަންކުރި އަންހެންމީހާ ވަނީ ވަޒީފާއިން ކަނޑާލުމަށްފަހު ހައްޔަރު ކޮށްފައެވެ.އޭނާ އެކަން ކުރީ ފާޚާނާ ތެރޭގައި ކަމަށް ވެއެވެ. މިކަން ހިނގި ސްކޫލްއަކީ މަތީ ފަންތީގެ ސްކޫލްއެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރަން ދިއުމުން އެފް.އައި.އާރު ރިޕޯޓް ލިއުން ލަސްކޮށްފައިވާތީ ބެލެނިވެރިންނާއި އާންމުން އެއްވެ މުޒާހަރާ ކުރަން ފަށާފައިވެއެވެ.މި އިހުތިޖާހުތަކުގައި އެތައް ޔޫނިއަން އަކުން ބައިވެރިވެ ވިޔަފާރިތައް ބަންދު ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
އަންގާރަ ދުވަހު ބެލެނިވެރިންނާއި އާންމުންގެ ބަޔަކު ވަނީ ރޭލްވޭ ސްޓޭޝަން އަށްވެސް އެއްވެ އެމީހުންގެ ޑިމާންޑްތަކަށް ސަރުކާރުގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކޮށްފައެވެ.
މިކަމާ ގުޅިގެން މަހާރާޝްތުރާ ގެ ޗީފް މިނިސްޓަރު ވަނީ މި މައްސަލަ އަވަހަށް ބަލާ އަދި ކުށްވެރިވާ އެންމެނަށް އަދަބު ދެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓަރުވެސް ވަނީ މި މައްސަލަ ބެލުމަށް 4 ސިވިލް ސާވަންޓުންނާއި ހަވާލު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.