އިންސާނާ ހެއްދެވުމުގައި ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވައިފައިވާ ކަންތައްތައް

69

ޚިޞާލުލް ފިޠުރަތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ހެއްދެވުމުގައި އޭނާގެ ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވާފައިވާ ކަންކަމެވެ. އެއީ ފިޠުރަތީ އަދި ޠަބީޢީ ކަންކަމެވެ. އަދި އެކަންތައްތަކަކީ މާތްﷲ ބާވައިލެއްވި ހުރިހާ ދީނެއްގައިވެސް އެކިވަރުވަރަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކެއް ކަމުގައި އެތައްގޮތަކުން އެނގެން އެބަހުއްޓެވެ. އަދި މީގެ އިތުރަށް މުސްލިމުންނަށް ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމަށް އަމުރުކުރައްވާފައިވާތީ އެކަލޭގެފާނަށް އީމާންވެ އަދި ތަބާވުމުގެ ގޮތުން އެކަންތައްތައް އެއެންގެވިގޮތަށް ކުރުމެވެ. ފަހެ خِصَالُ الْفِطْرَة ގެ ނަމުން ނަން ދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތައް ޙަދީޘްފުޅެއްގައި މިދެންނެވި ވާހަކަތައް ބަޔާންކޮށްދެއްވައި އަންގަވާފައިވެއެވެ. މިދަންނަވާ ޙަދީޘްފުޅުތަކުގެ ތެރެއިން ދިހަކަމެއް އެކުލެވިފައިވާ ޙަދީޡްތަކާ އޭގެ ތަރުޖަމާ މިތާނގައި ލިޔެލަމެވެ.

“عَشْرٌ مِنَ الْفِطْرَةِ: قَصُّ الشَّارِبِ وَإِعْفَاءُ الِلّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْقُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ” قَالَ زَكَرِيَّا: قَالَ مُصْعَب: وَنَسِيْتُ الْعَاشِرَ إِلاَّ أَنْ يَكُونَ الْمَضْمَضَة. (رواه مسلم في كتاب الطهارة)

މިޙަދީޘްގެ މާނަ ލިޔަން ޤަޞްދުކުރަނީ ކޮންމެ ލަފުޒެއްވެސް ވަކިވަކިން ކުޑަ ޝަރަޙައަކާ އެކުގައެވެ. މިޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަ އުންމަތަށް އަނަގަވަނީ ފިޠުރަތުގެ ތެރެއިންވާ ދިހަކަމެއްގެ ވާހަކައެކެވެ. އެއީ

1: قَصُّ الشَّارب: (މަތިމަސް ކޮށުން)

މަތިމަސް ކޮށުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތައް ޙަދީޘަކުން އަންގަވައި އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އޭގެ ތެރެއިން އަންނަނިވި ޙަދީޘްވެސް ވެއެވެ.

“أَنْهَكُوالشَّارِبَ وَأَعْفُوالِّلحى” (البخار: 5893)

ކަލޭމެން މަތިމަސްތައް ކޮށައި ކުރުކުރާށެވެ. އަދި ތުނބުޅިތައް ދިގުކުރާށެވެ. މިއެވެ. އަދި މިނޫންވެސް މިމާނައިގައިވާ ކިތަންމެ ބަސްފުޅުތަކެއް ޞައްޙަގޮތުގައި އައިސްފައި އެބަހުއްޓެވެ. ނަމަވެސް މިބަޔާން ދިގުވާތީ މިހާވަރުން ފުއްދައިލީއެވެ.

ކޮންމެއަކަސް ޢާންމުކޮށް ހުރިހާ ބަސްފުޅަކުންވެސް ލަފްޒު ތަފާތުވެފައި ހުރިނަމަވެސް ދެނީ ހަމަ އަމުރުގެ މާނައެވެ. ވީމާ އުޞޫލުލް ފިޤްހުގެ ޤަވާއިދުން ބަލާއިރު އެހެން ޙުކުމަކަށް ދަލީލުކުރާނޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ނެތްނަމަ އަމުރުން މުރާދުކުރެވޭނީ ހަމަ ވާޖިބުގެ މާނައެވެ. ވާޖިބަކީ ހަމައެންމެވެސް ދަންނަ ވާޖިބެވެ. ވީމާ ތުނބުޅިއަށްވުރެ މަތިމަސް ކުރުކުރުމަކީ ވާޖިބެކޭ ނުބުނެވޭނެ އެއްވެސް ގޮތެއް ނެެތެވެ. މިހެން މިކަން ހުރިއިރު ތުނބުޅިއަށްވުރެ މަތިމަސް ދިގުކޮށްފައި ނުވަތަ ތުނބުޅި ކަހާއޮމާންކޮށްފައި މަތިމަސް ދިގުކުރާ މީހާއަކީ އެންމެ ފުރަތަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅާ ޚިލާފުވުމުގެ ކުށްވެރިއެކެވެ. ދެވަނައަށް މާތްﷲ އޭނާ ހައްދަވާފައިވާ ފިޠުރަތާއި އިދިކޮޅަށް އުޅޭ މީހެކެވެ. އަދި ޞަޙީޙު މުސްލިމުގައި ވާފަދައިން ތިންވަނައަށް މަޖޫސީންނާއި އެއްގޮތްވެ އެމީހުންގެ މީހަކަށްވުމުގެ ނުބައިކަން ހުރި މީހެކެވެ.

އާދެ! މުސްލިމުންގެ ގޮތަކަށް ވާންވާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގޮތެވެ. އެކަލޭގެފާނުން އެންގެވި ގޮތެވެ. އެކަލޭގެފާނީ މުސްލިމުންނަށް މާތްﷲ ދައްކަވާފައިވާ އެންމެ ރަނގަޅު އަދި އެންމެ މޮޅު ނަމޫނާއެވެ. ފަހެ އެކަލޭގެފާނުގެ ބަސްފުޅު ޞައްޙަކޮށް ފެންނާން އޮވެފައި އެބަސްފުޅުގައި ވާގޮތަށް ޢަމަލުކުރީމާ މަޞްލަޙަތު ގެއްލި މީސްތަކުންގެ މެދުގައި ފިތުނަ އުފެދިދާނެކަމުގެ ބަހަނާގައި އެބަސްފުޅާ ޚިލާފުވާފަދަ ޢަމަލުތައް ހިންގުމަކީ މުސްލިމުންނަށް ހުއްދަކަމެއްނޫނެވެ.

2: إِغْفَاءُ الِّلحْيَة (ތުނބުޅި ބެހެއްޓުން)

މިއީ މިހާރަކަށް އައިސް މުސްލިމުންނޭ ކިޔައިގެން އުޅޭ ވަރަށްގިނަ ބަޔަކަށް ބޮޑުވެފައިވާ ކަމެކެވެ. ނަމަވެސް ކުރާނެ ކަމެއްނެތެވެ. މަތިމަސް ކުރުކުރުމަށް އައިސްފައި ހުރި ބަސްފުޅުތަކަށް ވުރެ ތުނބުޅި ދިގުކުރުމަށް އައިސްފައިހުރި ބަސްފުޅެއްގައިވެސް ހުރީ އަމުރުގެ ލަފްޒެވެ. އޭގެ ތެރެއިން ނަންބަރު އެކެއްގައިވާ ޙަދީޘްގައި ވެއެވެ. އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން އަލްއިމާމު މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ލިޔުއްވާފައިވާ މިއަންނަ ޙަދީޘްވެއެވެ.

أَنَّ النَّبِيَّ ﷺ أَنَّهُ أَمَرَ بِاءِحْفَاءِ الشَّوَارِبِ وَإِعْفَاءِ الَّلحْيَةِ (مسلم في كتاب الطهارة)

މާނައީ މަތިމަސް ކުރުކުރުމާއި ތުނބުޅި ދިގުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރުމެންނަށް އަމުރުކުރެއްވިއެވެ. މިއެވެ. މިމާނައިގައިވާ ވަރަށްގިނަ ޙަދީޘް އެބަހުއްޓެވެ. ނަމަވެސް މިހާވަރުން ކުރުކުރީއެވެ. މިމައްސަލައަކީ ބަޔަކަށް އޮޅުން ނުފިލާ އޮތަސް ނުވަތަ އޮޅުން ނުފިލާކަމަށް ހެދިޔަސް ޢަންމުކޮށް މުސްލިމުންގެ ތެރޭގައި ވަރަށް ސާފުކޮށް އަލިކޮށް ފެންނާންއޮތް ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިތަންމެ ބަސްފުޅަކުން އަމުރުކުރައްވާފައިވާ ކަމެކެވެ. އަމުރުގެ ޙުކުމް ހުރިގޮތް ކުރީ ނަންބަރުގައި ވަނީ ބަޔާންކުރެވިފައެވެ. ކޮންމެއަކަސް މަތިމަހަށްވުރެ ތުނބުޅި ދިގުކުރުމަކީ ކަނޑައެޅިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތައް ޢިބާރާތަކުން އަންގަވާފައިވާ ކަމެއްކަން އެނގިއްޖެއެވެ. ވީމާ މަތިމަހަށްވުރެ ތުނބުޅި ކުރުކުރާ ކޮންމެ މީހަކީ ނުވަތަ (އިސްތަށި ބުޑުތަކުން ލޭހިލޭވަރަށް) ތުނބުޅި ކަހައި އޮމާންކޮށްފައި މަތިމަސް ބަހައްޓާ ކޮންމެ މީހަކީ މަދުވެގެން ކުރީންވެސް ބަޔާންކުރެވުނު ތިން ނުރައްކަލަށް ހުށަހެޅިއްޖެ މީހެއްކަން ޔަޤީނެވެ. އެއީ އެންމެ ފުރަތަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅާ ޚިލާފުވުމުގެ ކުށްވެރިއެކެވެ. ދެވަނައަށް ﷲ ހައްދަވާފައިވާ ފިޠުރަތާ އިދިކޮޅަށް އުޅޭ ދެކޮޅުވެރިއެކެވެ. އަދި ތިންވަނައަށް މަޖޫސީންނާއި އެއްގޮތްވެ އޭގެ މީހަކަށް ވުމުގެ ނުބައިކަން ހުރި މީހެކެވެ.

އަޅުގަނޑުމެން އަބދާއި އަބަދު އިސްލާމްދީނަކީ ފިޠުރަތުގެ ދީނޭ ގޮވަމުން ދާއިރު ފިޠުރަތުގެ ނަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަންދެއްވައި ކުރުމަށް އަންގަވާފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައް ނުކޮށް ދޫކޮށްލާފައި ތިބުމަކީ އިސްލާމްދީނުގެ ތެރެއިން ބައެއް ދޫކޮށްލުން ކަމުގައި ނުވެނުދާނެކަން ކަށަވަރެވެ. އަދި ފިޠުރަތާވެސް އިދިކޮޅުވަނީކަން ޔަޤީންކުރުން ހުއްޓެވެ. ޖަނަވާރުވެސް އެސޮރު އެގޮތެއްގެ މަތީގައި ހައްދަވާފައިވާ ފިޠުރަތު ހިފަހައްޓާނެއެވެ. އިންސާނާ އެއަށްވުރެ ދަށްވުމީ ކޮޅުނެތްކޮލަށް ހިތާމަހުރި ކަމެކެވެ.

3: السِّوَاكُ: (ދަތް އުނގުޅުން)

ދަތް އުނގުޅުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއަޅުއްވައި އަންގަވާފައިވާ ކަމެކެވެ. ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިން އެއްކަމެއް ކަމުގައިވެސް މިކަން މިއޮތީ ވެފައެވެ. ދަތް އުނގުޅުމުގެ ފެންވަރު ބަޔާންކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅު ފުދެއެވެ. އަލްއިމާމު މުސްލިމާއި އަދިވެސް އެހެނިހެން ބޭކަލުން ރިވާކުރައްވާފައި ވެއެވެ.

قَالَ رَسُولُ للهِ ﷺ: “لَوْلاَ أَنْ أَشُقَّ عَلَى الْمُؤْمِنْينَ – عَلَى أُمَّتِي – لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ” (رواه مسلم: كتاب الطهارة)

މާނއީ، ރަސޫލުﷲ ޞައްލަﷲ ޢަލައިިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މުއުމިނުތަކުންނަށް ނުވަތަ ތިމަންކަލޭގެފާނުންގެ އުއްމަތުގެ މީހުންނަށް ދަތިވެ ބުރަކަމަކަށް ނުވާނެނަމަ ކޮންމެ ނަމާދެއް ކުރާއިރު (ކޮންމެ ނަމާދެއްގެ ކުރިން) އެމީހުން ދަތް އުނގުޅުމަށް ތިމަންކަލޭގެފާނު އެމީހުންނަށް އަމުރުކުރެއްވީމުހެވެ. މިއެވެ. ވީމާ މި ޙަދީޘްގެ މާނައަށް ބަލާއިރު ދަތް އުނގުޅުމުގެ މުހިއްމުކަމާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް އެދިވަޑައިގެންފައިވާވަރު ހާމަވެއެވެ. އެއީ ވާޖިބެއް ނޫނެވެ. ނަމަވެސް ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށްލޯބިފުޅު ކުރައްވާ ކަމެކެވެ. ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން މުސްލިމްރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. أَنَّ النَّبِيَّ ﷺ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ (رواه مسلم)

ޔަޢުނީ ހަމަކަށަވަރުން ނަބިއްޔުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެއަށް ވަދެވަޑައިގެންފިނަމަ ފުރަތަމަ ފައްޓަވާ ކަމަކީ ދަތްޕުޅު އުނގުޅުއްވުމެވެ. މިއެވެ. އަދި މިނޫންވެސް ދަތް އުނގުޅުމުގެ މުހިއްމުކަން ބަޔާންކޮށްދޭ ވަރަށް ގިނަ ޙަދީޘް އެބަހުއްޓެވެ. ނަމަވެސް މިހިސާބަށް ކުރުކޮށްލީމެވެ.

4: إِسْتِنْشَاقُ الْمَاء: (ނޭފަތަށް ފެންލުން)

ނޭފަތަށް ފެންލުމަކީ ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިން ވާކަމެކެވެ. ޚާއްޞަކޮށް ވުޟޫކުރާއިރު ނޭފަތަށް ފެންލައި އަދި ފެންފޮޅާލުމާއިމެދު ވަރަށް ގިނަ ޙަދީޘް ވާރިދުވެގެންވެއެވެ. ކިތަންމެ ޢިލްމުވެރިންގެ އަރިހުން އެއީވެސް ވުޟޫގެ ވާޖިބެކެވެ. އެންމެ ކުޑަމިނުންވެސް އެއީ ގަދަވެގެންވާ ސުއްނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅާއި ޢަމަލުފުޅުން ސާބިތުވާ ކަމެކެވެ.

“إِذَا تَوَضَّأِ أَحَدُ كُمْ فَلْيَجْعَلْ فِي أَنْفِهِ مَاءً ثُمَّ لِيَنْشر” (أبو داود: 14.)

މާނައީ، ކަލޭމެންކުރެ މީހަކު ވުޟޫކުރަންޏާ ފަހެ އެމީހެއްގެ ނޭފަތަށް ފެންލާށެވެ. ދެން އެފެން ބޭރަށް ފޯލައިލާށެވެ. މިއެވެ. އަދި ޞަޙީޙުލް ބުޚާރީގެ 159 ވަނަ ޙަދީޘްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވިގޮތް ބަޔާންކުރެއްވި އިރުވެސް ނޭފަތަށް ފެންލައްވާފައި ވާކަން ފެންނާން އެބައޮތެވެ. އަދި މިނޫންވެސް މިމާނައިގައިވާ ކިތަންމެ ޙަދީޘެކެވެ.

5: قَصُّ الأَظْفَارِ: (ނިޔަފަތި ކެނޑުން)

ނިޔަފަތި ކެނޑުމަކީވެސް ފިޠުރަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދެކެވެ. އަލްއިމާމުއްނަވަވީ ޞަޙީހު މުސްލިމުގެ ޝަރަހައިގައި ލިޔުއްވާފައިވއެވެ. ނިޔަފަތި ކަނޑަން ފަށާނީ ފުރަތަމަ ކަނާތްފަރާތުންނެވެ. ފުރަތަމަ ކަނާތުގެ ޝަހާދަތް އިނގިލިން ފަށައިގެން މެދުއިނގިލިން ކަނޑައި ކަށިއިނގިލިން ކަނޑައި ކުޑައިނގިލިން ކަނޑައިފައި ދެން ބޮނޑުއިނގިލިން ކަނޑާނީއެވެ. ދެން ވައަތުން ފަށާނީއެވެ. ވައަތުން ފަށާނީ ކުޑައިނގިލިންނެވެ. ކުޑައިނގިލިން ފަށައިގެން ތަރުތީބުން ކަނޑަމުން އައިސް ބޮޑު އިނގިއްޔަށް ނިންމާނީއެވެ. ދެން ފައިން ފަށާނީއެވެ. ފާށާނީ ކަނާތުގެ ކުޑައިނގިލިންނެވެ. ބޮޑުއިނގިއްޔަށް ނިންމާފައި ދެން ވައަތު ފައިގެ ބޮޑުއިނގިލިން ފަށައިގެން ކުޑައިނގިއްޔަށް ނިންމާނީއެވެ. މިއެވެ.

މިޒަމާނަކަށް އައިސް ބައެއް މުސްލިމު ކުދިންވެސް ޚާއްޞަކޮށް އަންހެން ކުދިން އެކުދިންގެ އިނގިލިތަކުގެ ނިޔަފަތި ވަރަށް ދިގުކޮށް ވަކިގަނޑުން ޝިކާރަކުރާ ޖަނަވާރު ފަދައިން އޫތަކެއްހެން ނުވަތަ ވަކިތަކެއްހެން ދިގުކޮށް ހުންނަތަން ފެނެއެވެ. އެކިކުދިން މިގޮތަށް ދިގުކޮށްފައި ހުންނަނީ އެކިވަރަށެވެ. ބައެއްކުދިން ދެއަތުގެ އިނގިލިތަކާއި ދެފައިގެ އިނގިލިތަކުގެ ނިޔަފަތި ވަރަށް ދިގުކޮށްފައި އެބަހުރެއެވެ. އަނެއްބަޔަކު އެއްއަތުގެ އިނގިލީގެ ނިޔަފަތި އަދި އަނެއްބަޔަކު އެއްނިޔަފަތިގަނޑު މިގޮތަށް އެކިވަރުވަރަށް ދިގުކޮށްފައި ހުންނާތީ ފެނެއެވެ. އަދި ބައެއް ފިރިހެން ކުދިންގެ ކިބައިންވެސް މިކަން ހިސާބަކަށް ފެނެއެވެ. ނަމަވެސް ޝައްކެއްވެސް ނެތި އެނގޭގޮތުގައި އެއީ ފިޠުރަތުގެ ސާފުގޮތާ އިދިކޮޅު ކަމެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެ މޮޅު ރަނގަޅު އަދި ރީތި ނަމޫނާގައިވާގޮތާ މުޅިން ތަފާތު ގޮތެކެވެ. އެކަލޭގެފާުނުންގެ އަމުރުފުޅާ މުޅިން ޚިލާފުކަމެކެވެ. އަދި އެއާއެކު އެކަމަކީ މުސްލިމު ނޫން މީހުންގެ ކިބައިން ދަސްކޮށްގެން އެމީހުންނާ އެއްގޮތްވާންވެގެން ކުރާކަމެއް ނަމަ ދެން މާބޮޑަށް ނުބައިވީއެވެ. އިސްލާމްދީނުގައި ކުރަން އަންގަވާފައި ނެތްކަމެއްވެސް މުސްލިމު ނޫން މީހުންނާ މުސްލިމުން އެއްގޮތް ކުރުމުގެ ނިޔަތުގައި ކުރުމަކީ ހުއްދަކަމެއް ނޫނެވެ. މިހެން ވީއިރު ދީނުގައި ވަކިގޮތަކަށް ކުރުމަށް އަންގަވާފައިވާ ކަމެއް އެގޮތަށް ނުކުރުމަކީ ކުށެކެވެ. އަދި މުސްލިމު ނޫން މީހުންނާ އެއްގޮަތްވުމުގެ މާނައިގައި ކޮށްފިނަމަ ދެކުށް އޮންނާނެކަން ކޮންމެ މީހަކަށްވެސް އެނގެން ވާނެއެވެ. ވީމާ ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ސަލާމަތް އެކުއްޖަކު ހޯދުމަކީ ބުއްދިވެރި ކަމެކެވެ. وَفَّقَنَا للهُ وَإِيَّاكُمْ لِمَايُحِبُّ وَيَرْضَاهُ

6: غَسْلُ الْبَرَاجِمِ: (ހަޑިމިލަ ދޮވެ ސާފުކުރުން)

އަލްއިމާމުއްނަވަވީ ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި މިލަފްޒުގެ ތަރުޖަމާ ލިޔުއްވާފައިވަނީ ވަރަށްވެސް ތަނަވަސްކޮށެވެ. ޢިލްމުވެރިންގެ ފަރާޓުން ރިވާކުރައްވައި ވިދާޅުވަނީ އެއީ ހުޅޫތަކުގެ ކަށިކޮޅުތަކުގެ މައްޗާއި ދެއިނގިލި ދެމެދުގައި އެކުލެވި ޖަމާވެފައިވާ ކުނި މިލައާއި އަދި ކަންފަތުގެ ކޮރުވަޅުގައި ހުންނަ މިލައާއި އަދި މިނޫންވެސް ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް ހުންނަ ހަޑިމިލަ ދޮވެ ސާފުކުރުމެވެ. މިއެވެ. ޝައްކެއްވެސް ނެތްގޮތުގައި ޠާހިރުކަމާއި ސާފުތާހިރުކަމަކީ އިސްލާމްދީނުގައި ނުހަނު ތަރުޙީބުދޭ ކަމެކެވެ.

7: حَلْقُ الْمَانَةِ: (ކުރިމަތިފަރާތް ބޭލުން)

ފިރިހެނާ އާއި އަންހެނާގެ ކުރިމަތިފަރާތުގެ ވަށައިގެންވާ އިސްތަށި ބާލައި ރަނގަޅަށް ސާފުކުރުމަކީ ކިތަންމެ ޙަދީޘަކުން އަންގަވާފައިވާ ކަމެކެވެ. ފިޠުރަތުގެ ކަންތައްތައް ބަޔާންކޮށްދެއްވުމަށް ވިދާޅުވެފައިވާ ހުރިހާ ޙަދީޘެއްގައި ޢާއްމުކޮށް މިކަން ބަޔާންކުރައްވާފައިވެއެވެ. ވީމާ ސާފުތާހިރުކަމަށްޓަކައި މިކަން ކުރުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވީތީ އެކަލޭގެފާނާ ތަބާވުމުގެ ގޮތުންނާއި އެކަލޭގެފާނުގެ އަމުރުފުޅު ތަންފީޛުކުރުމުގެ ގޮތުން ކޮންމެ މުސްލިމަކު މިކަންކުރުން ހުއްޓެވެ. އަދި މި ޙަދީޘްގެ އިރުޝާދަށް ބަލާފައި ބައެއް ޢިލްމުވެރިން ވިދާޅުވަނީ ފުރަގަސްފަރާތުގައިވެސް އިސްތަށި ހުރިނަމަ އެބައިވެސް ބާލައި ސާފުކުރަންވާނެކަމަށެވެ.

ދެންފަހެ މިކަންކުރަންވީ މައްދަތު ބަޔާންކުރައްވައި އަނަސްގެފާނުން ރިވާކުރައްވައެވެ.

“وُقِّتَ لَنَا فَي قَصِّ الشَّارِبِ وَتَقْلِيْمِ الأَظْفَارِ وَنَتْقُ الإِبْطِ وَحَلْقُ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِيْنَ لَيْلَةً” (رواه مسلم في كتاب الطهارة)

މާނައީ މަތިމަސް ކޮށުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތުން އިސްތަށި ލުއްސުމާއި ކުރިމަތިފަރާތް ބާލައި ސާފުކުރުމާއި މިކަންކަން ސާޅިސްރެއަށްވުރެ ދިގު މުއްދަތަކަށް ނުބެހެއްޓުމަށް ތިމަން ބޭކަލުންނަށް ވަގުތު ކަނޑައެޅިގެން ވެއެވެ. އެބަހީ ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމަ ވަގުތު ކަނޑައަޅުއްވައި ދެއްވިއެވެ. މިއެވެ. މިޙަދީޘްގައި ބަޔާންވެގެން އެވަނީ އެކަންކަން ނުކޮށް ބަހައްޓަންވާނެ އެންމެ ދިގު މުއްދަތެވެ. އޭގެ ކުރިން އެކަންކަން ކޮށް ސާފުކުރަން ވާނެއެވެ. ކޮންމެހެން ސާޅީސް ދުވަހުން އެއްދުވަހަކު އެކަން ކުރަންވީ ވާހަކައެއް ނޫނެވެ. ސުންނަތްވެގެންވާ ގޮތަކީ ކޮންމެތަނެއްވެސް ދިގުވީމާ ކުރުކުރުމެވެ. ސާޅީސް ރޭވަންދެން ހުރެއްޖެނަމަ މަޖްބޫރުވީއެވެ. وَللهُ أَعْلَم

8: اِنْتِقَاصُ الْمَاء: (އިސްތިންޖާކުރުން)

ޙަދީޘްގެ މިލަފްޒުގެ މިތަރުޖަމާއާއިމެދު ޢިލްމުވެރިންގެ މެދުގައި ހިސާބަކަށް ބަސްތަފާތެވެ. އެންމެ ގިނަ ބޭކަލުން ވިދާޅުވަނީ އެީ ބޮޑުކަމު ނުވަތަ ކުޑަކަމު ގޮސްފައި ތާހިރުވުމެވެ. އަދި އަނެއް ބަޔަކު ވިދާޅުވަނީ އެއީ އިސްތިންޖާ ކުރުމުގައްޔާއި ވުޟޫކުރުމުގައިވެސް ފެނުން އިސްރާފުނުކޮށް މަދު ފެންފޮދު ބޭނުންކުރުމެވެ. އެއީވެސް އެދެވޭ އަދި އަންގަވާފައިވާ ކަމެކެވެ.

ކޮންމެއަކަސް ޤަޟާޙާޖާކޮށްފައި ތާހިރުވުމަކީ ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުންނާއި އަދި ބަސްފުޅުން އެނގި ސާބިތުވެގެންވާ ކަމެކެވެ. އަދި އެއީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެ ކަމެކެވެ. އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤަޟާޙާޖާކުރައްވަން ވަޑައިގަންނަވަނީނަމަ ތިމަންކަލޭގެފާނާއި އަދި އެހެން ޣުލާމަކާ ދެމީހުން އެކަލޭގެފާނަށް ފެންހަމެއް ގެންގޮސްދެމެވެ. އެއީ އެކަލޭގެފާނުން އެއިން ތާޙިރުވެވަޑައިގަންނަވާށެވެ. 150 އަލްބުޚާރީ: މިއެވެ. އަދި ހިލަކޮޅުން ފޮއްސަވާކަމާއި، ފޮއްސެވުމަށްފަހު ދޮންނެވުމާއި މިހުރިހާ ވާހަކަތަކެއް ޙަދީޘް ފޮތްފޮތުގައި ވާރިދުވެގެން އައިސްފައިވެއެވެ. ދިގުވާތީ މިވަރުން ކުރުކުރީއެވެ.

9: نَتْفُ الإِبْطِ: (ކިހިލިފަތުގެ އިސްތަށި ލުއްސުން)

ކިހިލިފަތުގެ އިސްތަށި ލުއްސައި ސާފުކުރުމަކީވެސް ފިޠުރަތުގެ ގޮތުން ކުރަންޖެހޭ ކަމެކެވެ. ފިޠޫރަތުގެ ކަންތައް ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ޙަދީޘްފުޅުތަކުގައި އެތައް ރިވާޔަތަކުން މިކަންވެސް ބަޔާންކުރައްވައި އަންގަވާފައިވެއެވެ. އޭގެ ތެރެއިން ޞަހީޙުލްބުޚާރީގެ 5889 ވަނަ ޙަދީޘްވެސް ވެއެވެ. އެޙަދީޘްގައި ފިޠުރަތުގެ ފަސްކަމެއް ބަޔާންކުރެއްވުމުގެ ތެރޭގައި އެއްކަމަކަށްވަނީ ކިހިލިފަތުގެ އިސްތަށި ލުއްސުމެވެ.

ދަންނައެ، އިސްތަށި ލުއްސުމަކީ އެއީ އެންމެ މޮޅުގޮތެވެ. ނަމަވެސް ލުއްސުމަށް ކުޅަދާނަވެެގެން ނުވާ މީހާ ބޭލުމާއި އަދި ބިލެއް ހުނި ފަދަ އެއްޗެއް ހާކައިގެން ފިލުވައިލުންވެސް ހުއްދައެވެ. އެއީ ޢިލްމުވެރިންކުރެ ބައެއް ބޭކަލުންގެ ބަހެވެ. وَللهُ أَعْلَم

10: الْمَضْمَضَةُ: ( ކޯދޮވުން)

ކޯދޮވުމަކީވެސް ފިޠުރަތުގެ ތެރެއިން ލައްވާފައިވާ ކަމެކެވެ. އެއީ އަނގަ ތަޣައްޔަރުވާ ހިނދުގައްޔާއި އަދި ވުޟޫކުރާ ހިނދުގައްޔާއި އަދިވެސް އެފަދަ ވަގުތު ވަގުތުގައެވެ. އަދި އެއީ ވުޟޫގެ ސުއްނަތްތަކުގެ ތެރެއިންވެސް ހިމެނިގެންވާ ކަމެކެވެ.

ޝައްކެއްވެސް ނެތްގޮތުގައި އަނގަ ތަޣައްޔަރުވުމަކީ އަނގައިން ނުބައިވަސް ދުވާނެކަމެކެވެ. މުއުމިނުންނަކީ އަބަދުވެސް ﷲ އަށް ޛިކުރުކުރުން އެމީހުންގެ މައްޗަށް ޝަރުތުކުރައްވާފައިވާ ބައެކެވެ. ވީމާ އަބަދުވެސް އަނގަ ތާހިރުކޮށް ހުރުން ކޮންމެހެން ބޭނުމެވެ. އަދި އަނގައިން ނުބައިވަސް ދުވުމަކީ ކައިރީގައި ހުންނަ މީހާއަށް އުނދަގޫވެ އެމީހާ ނަފުރަތުކުރާނެ ކަމެކެވެ. އަދި މިހުރިހާ ކަމެއްގެ އިތުރަށް ދީނުގެ ފަރާތުން އެކަންކުރަން އެންގެވީމާ އިތުރު ދަލީލެއް އަދި އޭގެ ޙިކުމަތެއއް ހޯދާކަށް ނުވެސް ޖެހެއެވެ. ކިޔަމަންތެރިކަމާއެކު ކުރީމާ ނިމުނީއެވެ. އިސްވެދިޔަ ދިހަ ކަމަކީ މިބަޔާނުގެ އެންމެ ކުރީން ލިޔުނު ޙަދީޘްގައި ކަނޑައެޅިގެންވާ ދިހަކަމެވެ. އަދި މީގެ އިތުރަށް ޞަޙޫޙުލް ބުޚާރީގެ 5889 ވަނަ ޙަދީޘްގައި އިތުރު އެހެންކަމެއް އެބައޮތެވެ.

11: الْخِتَانُ: (ޚިތާނުކުރުން)

ޚިތާނަކުރުމަކީ ފިޠުރީގޮތުން ކުރަންޖެހޭ ކަމެކެވެ. މިކަމާއިމެދު އައިސްފައިހުރި ޙަދީޘްވެސް ކިތަންމެ ފޮތެއްގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއްޙަދީޘަކީ:

” خَمْسٌ مِنَ الْفِطْرَةِ: الْخِتَانُ وَالإِسْتِحْدَادُ وَنَتْفُ الإِبْطِ وَتَقْلِيْمُ الأَظْفَارِ وَقَصُّ الشَّرِبِ” (صحيح البخاري: 5889)

މިއެވެ. މާނައީ، ފިޠުރަތުން ކަނޑައެޅިފައިވާ ފަސްކަމެއް ވެއެވެ. އެއީ ހިތާނުކުރުމާއި، ކުރިމަތިފަރާތް ބޭލުމާއި، ކިހިލިފަތުން އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމާއި މިކަންކަމެވެ. މިއެވެ. މީގެ ތެރެއިން އެއްކަމަކީ ޚިތާނުކުރުމެވެ. ވީމާ ޚިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެންވާ ކަމަކަށް ވެއްޖެއެވެ. މުސްލިމުން ކުރަންޖެހޭ ކަމަކަށް ވެއްޖެއެވެ. ފަހެ ޚިތާނުކުރާނެ ގޮތަކާއި ކުރާނެ ވަރެއް އެކަމާބެހޭ ފޮތްފޮތުގައި ތަފްޞީލުކޮށް ހުންނާނެއެވެ. މިމަޒުމޫނަކީ މުސްލިމުން މިކަން ކުރާންޖެހޭނެކަން އަންގައިދޭން ލިޔާ ލިޔުމެކެވެ.

އިސްވެދިޔަ އެގާރަ ކަންތަކަކީ ޞައްޙަ ޙަދީޘުން އެއްވެސް އޮޅުމެއް ނެތި ސާފުސާފުކޮށް ސާބިތުވާ އެގާރަ ކަންތަކެވެ. އެއީ ފިޠުރަތުގެ ގޮތުން ކޮންމެ އިންސާނަކު އެކަންކަމަށް ފަރުވާތެރިވާންޖެހޭނެ ކަންކަމެވެ. ފަހެ މިކަންކަމާމެދު ޢިލްމުވެރިން ވާހަކަ ދައްކާފައި އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑު އެކަމުގެ ތެރެއަށް އަދި ވަންނާކަށް ނެތީމެވެ. މިމަޥްޟޫޢުގައި އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ ހަމައެކަނި މިބަޔާންވެދިޔަ އެގާރަ ކަންތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިކަންކަން ކުރުމަށް އުއްންމަތަށް އަނަގަވާފައިވާ ކަންތައްތަކެއްކަން ބަޔާންކޮށްދިނުމެވެ. ވީމާ މިކަންކަން އެކަލޭގެފާނުން އިރުޝާދުދެއްވާފައިވާ ފަދައިން ނުކުރާ މީހަކީ ﷲ އޭނާ ހައްދަވާފައިވާ ފިޠުރަތާއި އިދިކޮޅަށް އުޅޭ މީހެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ރަނގަޅު އަދި މޮޅު އެންމެ ހެޔޮ ނަމޫނާގައިވާ ގޮތާއި ޚިލާފުވެއްޖެ މީހެކެވެ. އަދި އެއީ އެކަލޭގެފާނަށް އިޙްތިރާމު ކުޑަކޮށްފި މީހެކެވެ. އަދި އޭގެ ތެރެއިން ބައެއް ކަންތައް ކޮށްފައި އަނެއްބައި ކަންތައް ނުކޮށް ހުރުމަކީވެސް ފިޠުރަތާއި ޚިލާފުކަމެކެވެ. މިސާލަކަށް އަންގަވާފައިވާގޮތަށް މަތިމަސް ކޮށާފައި ތުނބުޅި ކަހައި އޮމާންކޮށްފައި ހުރުމަކީ ފިޠުރަތާއި އިދިކޮޅު ވުމެވެ. ހަމައެފަދައިން އެންގެވިގޮތަށް ނިޔަފަތި ކަނޑާފައި ޚިތާނުނުކޮށް ހުރުމަކީ ފިޠުރަތާއި ޚިލާފުކަމެކެވެ.

ވީމާ މުސްލިމުންނަށް އެކަށީގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފައިވާ ފުރިހަމަ އިރުޝާދުގައިވާ ގޮތުގެމަތީން ތިމާމެންގެ ހުރިހާ ކަމެއްވެސް ކުރަމުން ގެންދިއުމެވެ.

އިސްލާމްދީނަކީ އެންމެ މާތްދީނެވެ. މުޙައްމަދުގެފާނަކީ އެންމެމާތް ރަސޫލާއެވެ. ކީރިތި ޤުރުއާނަކީ އެންމެމާތް ފޮތެވެ. މިއީ އަޅުގަނޑުމެން އެންމެން ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް ދީން މޮޅުކަމަކުން ކީރިތި ޤުރުއާން މާތްކަމަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާތްކަމަކުން އަދި އެކަލޭގެފާނުންގެ ބަސްފުޅު ތެދުކަމަކުން ފައިދާއެއް ކުރާނެ މީހަކީ ހަމަ އެފަރާތްތަކުން އިރުޝާދެއް ހޯދުނު މީހެކެވެ. އަދި އެގޮތަށް ޢަމަލުކުރެވުނު މީހެކެވެ. އެހެންނޫންނަމަ އެފަރާތްތައް މޮޅުވުމާއި ކީރިތިވުމުގެ ސަބަބުން އެމީހަކަށް ފައިދާއެއްނެތެވެ. ކިތަންމެ މީރު ފެނެއް ހުރިނަމަވެސް އަލާ ކެނޑޭނީ އެއިން އެތިކޮޅެއް ނަގައި ބޮއިލީމައެވެ.

وَفَّقَنَا للهُ وَإِيَّاكُمْ لِمَا يُحِبُّ وَيَرْضَاهُ

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ