"އެލްކްލާސިކޯ"ގެ ޤަރުނަކަށް ވުރެން ދިގު ތާރީޚަށް އަވަސް ކަޅިއެއް!

Loading

Facebook
Twitter
WhatsApp

ފުޓުބޯޅައަށް ލޯބި ކުރާ މީހެއް ނަމަ ”އެލް ކްލާސިކޯ“ އޭ ބުނެފިނަމަ އެއީ ކޯއްޗެއްކަން ނޭނގޭނެ މީހަކު ހަމަ ޔަގީނުންވެސް ވަރަށް މަދުވާނެއެވެ. ދުނިޔޭގެ ފުޓުބޯޅަައިގައި އެލްކްލާސިކޯ ނިސްބަތް ކުރެވެނީ، ކްލަބް ފުޓުބޯޅައިގެ ގަދަ ދެބާރު ކަމުގައިވާ ބާސެލޯނާ އާއި ރިއާލް މެޑްރިޑްގެ ކުރިމަތިލުން ތަކަށެވެ. މިއީ އެލްކްލާސިކޯ ފެށުނީއްސުރެން މިއަދާއި ހަމަޔަށްވެސް ކޮންމެ އަހަރަކުވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މެޗަށް ހަމަ ގައިމުވެސް ވާނެއެވެ.

”އެލްކްލާސިކޯ“ މި ނަން ފުރަތަމަ ބޭނުން ކުރަން ފެށުނީ ހަމަ އެކެނި ސްޕެނިޝް ޗެމްޕިއަންޝިޕްގައި މި ދެޓީމު ކުޅޭ މެޗްތަކަށް އެކެންޏެވެ. ނަމަވެސް ފަހަކަށް އައިސް މިދެޓީމުގެ މެދުގައި ކުޅެވޭ ކޮންމެ މެޗަކަށް ވެސް ”އެލްކްލާސިކޯ“ގެ ނަން ބޭނުންކުރެވެއެވެ. މިދެޓީމުގެ ކުރިމަތިލުންތައް އާއްމުކޮށް ފެނިގެންދަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި، ލަލީގާ އަދި ކޮޕަ ޑެލްރޭ ފަދަ ބޮޑެތި މުބާރާތްތަކުންނެވެ. އަދި މީގެ އިތުރުން އެކުވެރިކަމުގެ އެލްކްލާސިކޯ މެޗްތައްވެސް ކުޅެވިފައި އެބަ ހުއްޓެވެ.

އެލްކްލާސިކޯގެ މެޗެއް އެންމެ ފުރަތަމަ ކުޅެފައިވަނީ 1902 ވަނަ އަހަރުގެެ މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެއީ ”ކޮޕާ ޑެލަ ކްރޮނޭޝަން“ މުބާރާތުގެ މެޗެއްގައެވެ. އެމެޗް 3-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބާސާއިންނެވެ. އެންމެ ފަހުން މިދެޓީމު ބައްދަލު ކުރި މެޗް ރޭ ލަލީގާގައި ކުޅެވިގެން  ދިޔައިރު މިމެޗް 3-1 އަކުން ކާމިޔާބުކުރީ ރިއާލް މެޑްރިޑުންނެވެ. އެލްކްލާސިކޯގެ މެޗެއް ދެން އެންމެ އަވަހަށް އޮތީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.

މިހާތަނަށް އައިއިރު އެލްކްލާސިކޯގެ ޖުމްލަ 278 މެޗް ކުޅެފައި ވާއިރު، އޭގެ ތެރެއިން 245 މެޗަކީ މުބާރާތްތަކުގައި ކުޅުނު މެޗްތަކެވެ. އަދި ބާކީ 33 މެޗަކީ އެކުވެރި ކަމުގެ މެޗްތަކެވެ. މީގެ ތެރެއިން ވާދަވެރި މެޗްތަކުން އެންމެ ގިނައިން މޮޅުވެފައިވަނީ 97 މޮޅާއިއެކު މެޑްރިޑެވެ. އަދި ޖުމްލަ މޮޅަށް ބަލާއިރު 115 މޮޅާއި އެކު އެންމެ ގިނައިން މޮޅުވެފައިވަނީ ބާސެލޯނާއިންނެވެ. ބާސެލޯނާއިން ވަނީ އެކުވެރިކަމުގެ މެޗްތަކުން 19 މެޗް ކާމިޔާބުކޮށްފައެވެ.

އެލްކްލާސިކޯގެ މެޗްތަކުގައި އެންމެ ގިނައިން ކުޅުނު ކުޅުންތެރިޔަކީ މެޑްރިޑްގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއެވެ. އޭނާވަނީ 45 މެޗްގައި ކުޅެފައެވެ. އަދި އެލްކްލާސިކޯގައި އެންމެ ގިނަ ގޯލް ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަޤާމުގައި 26 ގޯލާއިއެކު އޮތީ ބާސާގެ ތަރި ލިއޮނެލް މެސީ އެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކުގެ ތެރެއިން އެންމެ ބޮޑު ތަފާތަކުން މެޗް ނިމުނީ 1943 ގެ ކޮޕާޑެލްރޭ ގެ މެޗެއްގައެވެ. މިމެޗް 11-1 ގެ ނަތީޖާއިން ކާމިޔާބުކުރީ މެޑްރިޑުންނެވެ.

އެލްކްލާސިކޯއަށް ޤަރުނަކަށް ވުރެން ގިނަ ދުވަސްވެފައި ވާއިރު އަދިވެސް އޭގެ ފޯރިއަކަށް ބަދަލެއް ނާދެއެވެ. ރޫހަށް ފަނޑުކަމެއް ނާދެއެވެ. ފުޓުބޯޅައަކީ އޭގެ ޒާތުގައި ވެސް ރޫހެކެވެ. ޖަޒުބާތެކެވެ.!

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް