މޫދުގައި މަރުވެފައި އޮށްވާ ފެނުނު ޒުވާނާއޮތީ މަރާލާފައި ކަމަށް ތުހުމަތުކޮށް ތަޙުޤީޤު ފަށައިފި!

Loading

Facebook
Twitter
WhatsApp

އިއްޔެ ހެނދުނު އައިޖީއެމްއެޗާއި ދިމާލުން މޫދުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާއޮތީ މަރާލައިފާ ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަޙުޤީޤު ކުރަން ފަށައިފިއެވެ.

އިއްޔެ ހެނދުނު 10:40 ހާއިރު މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ.ވާދޫ އަށް ނިސްބަތްވާ 31 އަހަރުގެ ޒުވާނެއް ކަމަށްވާ ސިދުރަތުﷲ އަޙްމަދެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެސަރަހައްދުގައި އުޅުނު ޑައިވަރުންތަކަކަށް ކަމަށް ޢާއިލާގެ ފަރާތުން ބައެއް ނޫސްތަކަށް މަޢުލޫމާތު ދީފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ މަރުވެފައި އޮތް އިރު އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެގޮތުން ވާތު ލޯ ވަރަށް ބޮޑަށް ޒަޚަމްވެފައި ހުއްޓެވެ. އަދި ނޭފަތްވެސް ވަރަށް ބޮޑަށް ހަލާކުވެ މޫނުމަތިން ތަނެއް ފަޅައިގެން ގޮސްހުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަނގައިގެ ދަތްޕިލާ އެތެރެއަށް ވަދެފައި ހުރުމާއި، އަދި ބަނޑާއި ބުރަކަށިން ނޫފައި ގަނެފައި ހުރުމުގެ ނިޝާންތައް ފެންނަން ހުރިކަމަށް ޢާއިލާގެ ފަރާތުން ބުނެއެވެ. ހަމަ އެއާއިއެކު ވާތު ފައިން އިނގިއްޔެއް ބުރިވެފައި ހުރި ކަމަށަވެސް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެއެވެ. މި މަރަކީ ޤުދުރަތީ މަރެއް ނޫންކަމަށާއި، ސިދުރަތުﷲ އޮތީ ގަސްތުގައި މަރާލައިފާ ކަމަށް އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އޭނާގެ ޢާއިލާގެ ފަރާތުން ނޫސްތަކަށް ރިޕޯޓްކޮށްފައި ވާގޮތުގައި، އޭނާ އެންމެ ފަހުން ގެޔަށް އައީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އަދި އޭނާ ނިދަން ދަނީ އެހެން ތަނަކަށް ކަމަށާއި، އެންމެ ފަހުން ގެއަށް އައިއިރު، ނިދަން ދާ އެޕާޓްމެންޓުގެ ތަޅު ހަލާކުކޮށްލާފައި ހުރުމުން ގެސްޓްހައުސްއެއްގައި ނިދި ވާހަކަ ބުންޏެވެ.  އޭގެ ފަހުން ޢާއިލާއަށް އޭނާ ފެނިފައިވަނީ މަރުވެފައި އޮއްވާ ނެގި ފަހުންނެވެ.

މިމައްސަލައިގެ ތަޙުޤީޤަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު 9 އަކާއި 12 އާ ދޭތެރޭ ރަސްފަންނު ސަރަހައްދުގައި އުޅުނު މީހުންގެ ތެރެއިން މިކަމާއި ބެހޭ މަޢުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ނަންބަރު 9911009 އަކަށް ގުޅުއްވައިގެން މަޢުލޫމާތު ހިއްސާކުރެެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް