މިނިސްޓަރ ނަސީމުގެ ޤާބިލު ކަމާއިމެދު ކުރީގެ މިނިސްޓަރ ދުންޔާ ސުވާލު އުފައްދަވައިފި

Loading

Facebook
Twitter
WhatsApp

އިއްޔެ ހެލްތު މިނިސްޓަރގެ މަޤާމަށް އައްޔަނު ކުރެވުނު އަޙްމަދު ނަސީމުގެ ޤާބިލު ކަމާއިމެދު ކުރީގެ ފޮރިން މިންސްޓަރ، ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ސުވާލު އުފައްދަވައިފިއެވެ.

ހެލްތް މިނިސްޓަރ ނަސީމުގެ ޤާބިލުކަމާއި މެދު ދުންޔާ ސުވާލު އުފައްދަވައި ފައިވަނީ އެކަމަނާ ކުރެއްވެވި ޓުވީޓެއްގައެވެ. މިކަމާއި ގުޅޭގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ޙާލަތުގައި ކުއްލި ގޮތަކަށް ހެލްތު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ނަސީމަކީ އެކަށީގެންވާ ބޭފުޅެއްކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ހަމަ އެހެންމެ މިނިސްޓަރުންގެ މަޤާމުތައް ވަކި ގޮތަކަށް ދެއްވުމުން، ކަންކަން ނިންމުމުގައި ރައްޔިތުންނަށް އޮތް އިޚްތިޔާރާއި ބާރާއިމެދުވެސް ސުވާލު އުފެދޭ ކަމަށާއި، މި ނިންމުމުގެ ސަބަބުން ސަރުކާރު ހިންގާ ކޯލިޝަނަށް ދެން ވާނީ ކިހިނެތްތޯ ދުންޔާ ވަނީ ސުވާލުކުރައްވާފައެވެ.

 

ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އިސްތިއުފާ ދެއްވުމުންނެވެ.

ނަސީމަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ނަޝީދުގެ އާއީލީ ބޭފުޅެކެވެ. ނަސީމް މި ސަރުކާރުގައި މިހާތަނަށް ހުންނެވީ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ.

ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަން ކުރައްވަމުން ގެންދެވި އަމީން މަޤާމުން ދުރުކުރަން ފާޅުގައު މަސައްކަތް ކުރެވުނުތަން ފެނިގެން ދިޔައެވެ. އެފަދަ ކަންތައްތަކަށް ފަހު ،އެމަނިކުފާނު އިސްތިއުފާ ދެއްވުމާއެކު، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށް ފުރުސަތު ދެއްވުމުން ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި ސަރުކާރަށް ކިޔާ ފާޑު ކިއުންތަށް މިވަނީ ބޮޑުވެފައެވެ.

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓް ފޯމުތަކުގައި މި ސަރުކާރަކީ ގޮނޑި ކޮއްކޮ ސަރުކާރެއް ކަމަށް ބުނެ ޢާންމުން ފާޑު ކިޔައިފައިވެއެވެ. އަދި ޢާއިލީ ވެރިކަމަކަށް ވެރިކަން ހެދުމަށް މަސައްކަތް ކުރާ ކަމަށްވެސް އަންނަނީ ބުނަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް