ހެލްތު މިނިސްޓަރަކަށް އަޙްމަދު ނަސީމު ހަމަޖައްސަވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގައި ހުންނެވި އަޙްމަދު ނަސީމު ހެލްތު މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.

ހެލްތް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނަސީމް، އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ނަސީމަށް އެ މަޤާމުގެ ފަތްކޮޅު އިއްޔެގެ ވަގުތެއްގައި އަރުވާފައިވާ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމަށް ހުށައަޅާފައި މިވަނީ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ.

އަދި ވެންޓިލޭޓަރުތައް ހޯދުމުގައި މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ދަޢުލަތަށް ގެއްލުންވާ ގޮތަށް ޢަމަލު ކުރި ކަމުގެ ތުހުމަތު ވަނީ އަމީން އަށް ކޮށްފައެވެ. އަދި އެކަމަށް ދަޢުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ ހުށައެޅި މައްސަލައިގައި ދަޢުވާ ނުކުރަން ވަނީ ނިންމައިފައެވެ.

މަޤާމުން އިސްތިޢުފާ ދެއްވާކަން ހާމަކުރައްވައި އަމީން، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީފުޅުން އެއީ ރައީސް ޞާލިހާއި މަޝްވަރާތަކެއް ކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެއްކަން އެނގެއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަޤާމުން އިސްތިޢުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

އަމީންގެ ސިޓީގައި ލިޔުއްވައިފައި ވެއެވެ. ”އަޅުގަނޑު މަޤާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ޙާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ޙާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ޙާލަތުގައި މަސްލަޙަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަޤާމުން އިސްތިއުފާ ދިނުން ކަމަށް ޤަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަޤާމުން އިސްތިއުފާ ދިފީމެވެ،“

އަމީންއަކީ ރައީސް ޞާލިޙުގެ ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި ތިން ވަނަ ވަޒީރެކެވެ. ފުރަތަމަ އިސްތިއުފާ ދެއްވީ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފެވެ. އޭގެ ފަހުން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރުވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ނަމަވެސް އެ އިސްތިއުފާގެ ފަހަތުގައިވެސް ފޮރުވިފައިވަނީ ސަރުކާރުގެ ތެރެއިން އަދި އެމްޑީޕީގެ ތެރެއިން އައި ޕްރެޝަރުކަމަށް ސިޔާސީ ދާއިރާއިން އިވޭވާހަކަ ތަކުގައި ވެއެވެ. ފަހުން އެ މަޤާމަށް އެމްއާރްއެމްއިން ބޭފުޅެއްގެ ނަން ފޮނުވުމަށް ތައްޔާރުވެފައިވަނިކޮށް ރައީސް ވަނީ އެ މިނިސްޓްރީ އުވާލައްވާފައެވެ.

އަމީން އަދި އާތިފާގެ އިތުރުން ބޮޑެތި ތުހުމަތު ކުރެވުނު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން އަލީ އެކަން ނުކުރެއްވުމުން ރައީސް ވަނީ އޭނާ އެމަޤާމުން ވަކިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް