ދާންދޫ ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ގއ. ދާންދޫ ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި މަޝްވަރާކުރައްވައިފިއެވެ.

މިކަމާ މަޝްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާއެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

އެގޮތުން މި ބައްދަލު ކުރެއްވުމުގައި ދާންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާއި ގެދޮރު އިމާރާތްކުރުމަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުން ހިމެނެއެވެ.

އަދި ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށްގެންދިއުމާއި މަޑުޖެހިފައިވާ ބައެއް މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ހޯދުން ހިމެނެއެވެ.

މީގެ އިތުރުން ޞިއްޙީ ޚިދުމަތާ ތަޢުލީމީ ދާއިރާގެ ވަސީލަތްތައް ތަރައްޤީ ކުރުމާއި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެންމެ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ކައުންސިލުން ވެސް އަބަދުވެސް ތަރައްޤީގެ ފިކުރުގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ.

ހަމައެހެންމެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް ވަނީ ދާންދޫ ކައުންސިލުގެ މެންބަރުންނަށް ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް