މާލޭގައި ހުއްދަ ނުނަގާ މުޒާހަރާ ކުރެވޭ ގޮތަށް ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގައި ހުއްދަ ނުނަގާ މުޒާހަރާ ކުރެވޭ ގޮތަށް، އެއްވެ އުޅުމުގެ ޤާނޫނު އިސްލާޙް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އެއްވެ އުޅުމާއި މުޒާހަރާ ކުރުން ހަނިކުރާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހަށް ހުށަހެޅީ، ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. މިދިޔަ އަހަރު ޖާބިރު އެ އިސްލާޙް ހުށަހެޅުއްވި ނަމަވެސް، އޭނާ ވަނީ އެ އިސްލާޙު އަނބުރާ ގެންދަވާފައެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި އޭރު އެ ބިލު އޮތުމުން، ބިލު ހުށަހެޅުމަށްފަހު އަނބުރާ ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމިއެވެ.

ގިނަ ދުވަސްތަކެއް ފާއިތުވުމަށް ފަހު، މިއަދު އެބިލުގެ މަސައްކަތް މިއަދު ބޭއްވި ކޮމިޓީގައި މިވަނީ ނިންމާލައިފައެވެ. އެގޮތުން ބައެއް އިސްލާޙުތަށް އެޤާނޫނަށް ގެންނަން އެކޮމިޓީއިން ފާސްވިއެވެ.

ފާހަގަ ކޮށްލެވޭ ބޮޑު އިސްލާހެއްގެ ގޮތުގައި ގެނެސްފައި ވަނީ ކުރިން ޤާނޫނު އޮތް ގޮތަށް ހުއްދައަކާއި ނުލައި މާލޭގައި އެއްވެ އުޅޭވޭނެ ގޮތް ހެދުމެވެ. އެގޮތަށް އިސްލާޙު ހުށައެޅުއްވީ، ކެނދިކުޅުދޫ ދާއިރާ މެމްބަރު އަޙްމަދު ޢީސާއެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އިނގުރައިދޫ ދާއިރާ މެމްބަރު ޙަސަން އަޙްމަދެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާޤުންނެވެ.

ފާއިތުވި ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން އޭރުގެ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް، އެއްވެ އުޅުމުގެ ޤާނޫނަށް ގެނައި އިސްލާޙާއިއެކު، ފުލުހުންގެ ހުއްދައަކާއި ނުލައި، މާލޭގައި އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ.

އެހެން ކަމުން ކޮމިޓީން މިއަދު ފާސްކުރި ގޮތަށް މަޖިލިސް ތަޅުމުގައި އެ އިސްލާޙް ފާސްވެއްޖެ ނަމަ، ހުއްދައަކާ ނުލައި މާލޭގެ ގްރީން ޒޯންތަކަށް ފިޔަވާ ހުރިހާ ތަނަކަށްވެސް އެއްވެވޭނެއެވެ.

މީގެ އިތުރުން ދެން ކޮމިޓީގައި ގެނެސްފައިވާ އިސްލާޙަކީ ރިސޯޓުތަކުގައި މުވައްޒަފުން ތިބުމަށް ޙާއްސަކޮށްފައިވާ ސަރަހައްދުގައި މުޒާހަރާ ކުރުމަށް ހުރަހެއް ނެތް ގޮތަށް ގެނައި އިސްލާހެވެ. އެގޮތުން ކޮމިޓީގައި ޢީސް ހުށަހެޅުއްވީ، ރިސޯޓުތަކުގައި މުވައްޒަފުން ތިބުމަށް ޓުރިޒަމް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދު ފިޔަވާ ރިސޯޓުތަކުގެ އެހެން ސަރަހައްދުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް