ހެލްތް މިނިސްޓަރ އަމީން މަޤާމުން އިސްތިއުފާ ދެއްވައިފި!

Loading

Facebook
Twitter
WhatsApp

ހެލްތް މިނިސްޓަރ އަމީން މިރޭ އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މަޢުލޫމާތު ލިބޭގޮތުގައި އަމީން ވަނީ އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރޭ ރައީސް ޞާލިޙަށް ފޮނުވައިފައެވެ.

މިނިސްޓަރ އަމީން އިސްތިއުފާ ދެއްވިއިރު ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުޙުމަތުތަކެއް ކުރެވިފައެވެ. އެގޮތުން އަމީންގެ މައްޗަށް އޭސީސީން ތުހުމަތު ކޮށްފައިވަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމެއްގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުން ވާނެ ގޮތަށް އަމަލުކޮށްފައި ވާ ކަމަށް ވެސް ވަނީ އޮޑިޓް ރިޕޯޓްތަކުންނާއި އޭސީސީގެ ތަޙުޤީޤުން ހާމަވެފައެވެ. އެފައިސާގެ އަދަދު ގާތްގަނޑަކަށް 30 މިލިޔަނެއްހާ ރުފިޔާއަށް އަރައެވެ. ވެންޓިލޭޓަރުތަކުން އަދިވެސް ލިބުނީ މަދު އަދަދެއްގެ ވެންޓިލޭޓަރު ތަކެކެވެ. އަދި މިއީ އެންމެ އެކަށޭނަ، ގެންނަން ބޭނުންވި ވައްތަރުގެ ތަކެތި ނޫންނަކަމަށް ވަނީ އަޑުތައް އަރައިފައެވެ.

މިކަންކަމާއި ގުޅިގެން އަމީންގެ އިތުރުން ބިޑް ކޮމިޓީގެ 10 މެންބަރަކަށްވެސް ވަނީ ދައުވާކުރަން ފޮނުވައިފައެވެ. ނަމަވެސް ޕީޖީ އޮފީހުންވަނީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އޭސީސީއިން ދައުވާކުރަން ފޮނުވާފައިވަނީ ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި އެ ގާނޫނުގެ 512ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 313 ވަނަ މާއްދާގެ (ހ)ގެ (1) އަށް ރިޢާއަތް ކޮށްފައެވެ.

މިމައްސަލައިގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ މެދުގައި އިއްޔެ ވަނީ އަމީންގެ މައްޗައް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނަގައިފައެވެ. މިވޯޓް އަމީންއާއި އެއްކޮޅަށް ނިމުމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

މިކަން މިގޮތަށް ނިމުމުން އެމްޑީޕީގެ 24 މެންބަރަކު ސޮއިކޮށް އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވަނީ މަޖިލީހަށް ވައްދައިފައެވެ. އަމީން މިނިސްޓަރ ކަމުން އިސްތިއުފާ ދެއްވީ މިމައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް