ޖިންނީގެ ޖަވާބު: ކަލޭމެންނަށް ތިނޫން ގޮތެއް ނެތެވެ!

Facebook
Twitter
WhatsApp
Dhivehi Vaahaka Maldives

އަތިރިމަތީގައި ހުރި ހޮޅު އައްޓެއްގެ މަތީގައި އޮށޯވެލައިގެން އޮވެ ދެ ރަހުމަތްތެރިން ވާހަކަދައްކަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ ވާހަކަ ވެސް ނިމޭ ފަދައިން މިއަދުގެ ވާހަކަ ވެސް ނިމުނީ ސިޔާސަތުގައި ޖެހިގެންނެވެ. އެކަކު ބުނި އަޑު އިވުނެވެ. “މަނިކުބޭއެވެ. ތަރައްގީގެ ވާހަކަ އިވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އަހަރުމެންގެ ކަންތައްތައް ހިންގަން މިތެބެނީ ހައްތަހާ ވެސް ހަމަ ވަރުގަދަ ޑިކްޓޭޓަރުންނެވެ. ކޮންމެ ނަމެއް ކިޔަސް ވެހެވެ. ތަފާތު އަނގަތަކުން ތަރައްގީގެ ވާހަކަތައް ގޮވާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް، އަހަރުމެންގެ ހަޔާތަކަށް، އާންމު ދިރިއުޅުމަކަށް، މާ ބޮޑު ބަދަލެއް ނާދެއެވެ. ދުވަހުން ދުވަހަށް ކާނޭ އެތިކޮޅެއް ހޯދުން ވެސް އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. އުޅެން މިޖެހެނީ ޖަލު ގޮޅިފަދަ ގޮޅި ގޮޅީގައެވެ. ދެމަފިރިންނާއި ދަރިން މިއުޅެނީ ހަމަ ކުޑަ ކޮޓަރިގަނޑެއްގައެވެ. ކައިބޮއި ނިދާ ހަދަން ޖެހިފައި އޮތީ ހަމަ މި ކޮޓަރިގަނޑުގެ ތެރޭގައެވެ. ކުދިވެރިން ކިޔަވަން ވެއްޖިއްޔާ ދާން މިޖެހެނީ މާ ދުރުދުރު ހިސާބަށެވެ. ރުފިޔާއަކަށް ލިބޭ ޑިސްޕިރިން ގުޅަގަނޑެއް ހޯދަން ޖެހިއްޖެ ނަމަ، ދަރަންޏަށް ނޫނީ ސަލާންޖަހައި އާދޭސްކޮށްގެން ނަމަވެސް، ހާހެއްހާ ރުފިޔާ ހޯދައި އެދީފައި ކުއްޔަށް އެއްޗެއް ހިފައިގެން އަހަރުމެންނަށް މި ޖެހެނީ ކޮންމެ ވެސް އެހެން ރަށަކަށް ދާށެވެ. އަޅެ މަނިކުބޭ ނިކަން ބުނެބަލާށެވެ. ޑިކްޓޭޓަރުންގެ ކިބައިން އަހަރުމެން ސަލާމަތްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މިނޫން ގޮތެއް އަހަރުމެންނަށް ހަމަ ނެތީ ހެއްޔެވެ؟ އަހަރުމެންގެ ހާލަތު ބަދަލުވެދާނެ ހެއްޔެވެ؟”

ލާނެއް މިޒާޖެއްގެ މަނިކުބޭ ބުންޏެވެ. “ތި ސުއާލު ކުރަންވީ އަހަންނަކާ ނޫނެވެ. ތިހުރި ބޮޑު ނިކަގަސް ބުޑަށް ކޮންމެ ރެއަކު ޖިންނިއެއް ފައިބާ ވާހަކަ، ސިއްރު ސިއްރުން، ރަށުތެރޭ ދައްކާތީ އަޑު އެހީމެވެ. އަދި އެކަން ދަންނަ މީސްމީހުން އެ ޖިންނިއާ ބައްދަލުކޮށް އެމީހުން ބޭނުންވާ ކަންތައްކުގެ ވާހަކަ އަހަޔޯއޭ ވެސް ކިޔާ އަޑު މަ އެހީމެވެ. އަހައްމަދު ވެސް ނިކަން މިރޭ އިޝާނަމާދުން ފައިބައިގެން ނިކަގަސް ބުޑަށް އަޅެ ގޮސް ޖިންނިއާ ބައްދަލުކޮށް އޭނައާ ތިސުއާލު ކޮށްބަލާށެވެ. ފަހަރެއްގާ ރަނގަޅު، ސާފު ޖަވާބެއް ވެސް ލިބިދާނެ ނޫން ހެއްޔެވެ؟”

ގަބޫލުކުރަން ދަތިކަމުގައި ވިޔަސް އަހަންމަދު ގަސްދުކުރީ އަޖުމަ ބަލާލުމުގެ ގޮތުން އިޝާ ނަމާދަށް ފަހު ނިކަ ގަސް ދޮށަށް ދާށެވެ. އަދި މަނިކުބޭ އެބުނާ ޖިންނި ފައިބައިފި ނަމަ އެއްކަލަ ސުވާލުކޮށްލާނީ އޭ ވެސްހިތާ ހިތާ ބުންޏެވެ.

އިޝާނަމާދަށް ފަހު، ހަލުވި ހިނގުމެއްގައި ނިކަގަސް ދޮށަށް ގޮސް އަހައްމަދު މަޑުކޮށްލިއެވެ. އިރުކޮޅަކުން ގަހުގެ ފަތްތައް ހެލިލި އަޑު އިވުނެވެ. ދެން ފެނުނީ ދޫދޫ ހުދު ހެދުމެއް ލައިގެން ހުރި އެއްޗެއް ގަހުން ފޭބިތަނެވެ. އެއެއްޗެއްގެ ބޮލުގައި ހުދު ފަގުޑިއެއް ވެސް އޮތެވެ. އަނދިރިކަމުން ތަންދޮރު ރަނގަޅަށް ވަކިވާ ގޮތެއް ނުވެއެވެ. ކުޑަކޮށް ބިރުގަނެ ޖެހިލުންވެ ހުރެ އަހައްމަދު އެއެއްޗެއްގެ ކައިރިއަށް ޖެހިލިއެވެ. އަދި ސަލާން ގޮވާލުމަށް ފަހު، ސުއާލު ކޮށްލިއެވެ. “އޭ ޖިންނި ރަސްގެފާނެވެ! އަހަރުމެންގެ މައްޗަށް އަމުރު ހިންގަން އަބަދުވެސް ޑިކްޓޭޓަރުން ތިބެނީ ކީއްވެ ހެއްޔެވެ؟ އަހަރުމެންނަށް ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކަމެއްގެ ވެސް ފުލުގައި ތިބުމަކީ ހަމަ އަހަރުމެންނަށް އޮތް ގޮތް ހެއްޔެވެ؟”

ސަލާން ބަލައިގަތުމަށް ފަހު، ޖިންނި ބުނި އަޑު އިވުނެވެ. “އާނއެކެވެ. ކަލޭމެންނަށް ހުރީ ހަމަ ތިގޮތެވެ. ކަލޭމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. ކަލޭމެންގެ ވެރިންނަށް އަބަދުވެސް ތިބޭނީ ޑިކްޓޭޓަރުންނެވެ. ތަރައްގީއޭ ކުރިއެރުމޭ ޑިމޮކުރަސީއޭ އިސްލާމް ދީނޭ ނޫނީ އެހެން އެއްޗެއް ކިޔަސް ކަލޭމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. ކަލޭމެން ތިބޭނީ ހަމަ ތި ތިބި ގޮތަށެވެ. ކަލޭމެން ދެމި ތިބޭނީ ވެރިންނަށް ލީޑަރު ތަސްބީހަ ކިޔުމުގައްޔާއި މަހާނަ މައްޗަށް މަޑިޔަށް ޖެހުމުގައެވެ. ކަލޭމެން ދަންނަ ގައުމީ ޚިދުމަތަކީ އެއެވެ.”

ދެން އަހަންމަދަށް ބުނެވުނެވެ. “އެއީ ކީއްވެ ހެއްޔެވެ؟”

އަނެއްކާވެސް ޖިންނި ބުނި އަޑުއިވުނެވެ. “މާތްކަލާނގެ ކަލޭމެންގެ ކޮންމެ މީހަކަށް ވެސް އަމިއްލަ ސިކުނޑިއެއް ދެއްވިއެވެ. ވިސްނާ ފިކުރުކުރުމަށެވެ. ނަމަވެސް، މީހެއްގެ އެހީއަކާ ނުލައި ކަލޭމެންނަށް އޭގެ ބޭނުމެއް ކުރެވޭކަމަކށް ނުވެއެވެ. ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވުމުގެ ފުރުސަތު، އެހެން މީހުންނަށް، ކަލޭމެން އެންމެންހެން ދެއެވެ. ދީނީ ކަންކަމާ މެދު ކަލޭމެންނަށް ގޮތް ކިޔައިދީ ކަލާމެންގެ ސިކުނޑިތަކަށް ސަވާރުވެ މީހުން ތިބެއެވެ. ސިޔާސީ ގޮތް ކިޔާއިދޭން ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވެ މީހުން ތިބެއެވެ. އެހެންވެ، މާތްކަލާނގެ ދެއްވި ސިކުނޑި ބޭނުންކޮށްގެން، މިއިން އެއްވެސް މީހަކު ބުނާއެއްޗެއް، އެއެއްޗެއް ބުނާ މީހެއްގެ މޫނަށް ނުބަލައި، އެ ބުނާ އެއްޗެއްގެ ރަނގަޅު ނުރަނގަޅު، ހެޔޮ ނުބައި ކަނޑައަޅާލައި، އޭގެ އަގުވަޒަން ކުރަން ދަސްކުރާކަށް ކަލޭމެން ނޫޅެއެވެ. ދެން ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ކަލޭމެންގެ ސިކުނޑީގައި ކަސްތަޅު އެޅުމެވެ. ކަލޭމަންނަށް އަމިއްލައަށް ވިސްނަން ދަސްނުވުމެވެ. އަޅެ ނިކަން ބުނެދީބަލާށެވެ. އަމިއްލަ ސިކުނޑި ބޭނުންނުކޮށް، އަމިއްލައަށް ނުވިސްނައި ދުނިޔޭގައި އެއްވެސް ބަޔަކަށް ކުރިއެރުމެއް ލިބުނު ހެއްޔެވެ؟”

އަހައްމަދު ނޫން ނުލިބޭނެތާއޭ ބުންޏެވެ. ދެން ޖިންނީގެ ވާހަކަ އިތުރަށް ކުރިއަށް ގެންދާ އަޑު އަހައްމަދަށް އިވުނެވެ.

“ކަލޭމެން އަޅެ ނިކަން ކަލޭމެންގެ އަމިއްލަ ކައިރި މާޒީއަށް ބަލާލަބަލާށެވެ. އެކަކު ކަލޭމެންގެ ބޮލަށް ސަވާރުވީ ޖުމްހޫރިއްޔަތޭ ކިޔާފައެވެ. އޭގެ މާނައާ ދޭތެރޭ ކަލޭމެން ވިސްނީމު ހެއްޔެވެ؟ އެންމެން ބައިވެރިވާ ވެރިކަމެކެވެ. ނަމަވެސް ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ކަލޭމެންގެ އަމިއްލަ މީހަކު ބުނިފަދައިން އެ ބުނާ ޖުމްހޫރިއްޔަތެއްގައި ވެސް އޮތީ މުސްތަބިއްދު ކަމެވެ. އެވީ ވަރުގަދަ ‘ޑިކްޓޭޓަރޝިޕް’އަކަށެވެ. އޭނާ ގެނައި ޖުމްހޫރިއްޔަތު އޮތްހާ ހިނދަކު ކަލޭމެން އޭނާއަށް ސަނާކިޔުމުގައި ތިއްބެވެ. އޭނާ ވެއްޓުމުން އޭނާއާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި ހެއްޖެވެ.”

“ދެން އައީ ވެސް ހަމަ އެހާ ވަރުގަދަ ޑިކްޓޭޓަރެކެވެ. މުސްތަބިއްދު ވެރިޔެކެވެ. ކަލޭމެންނަށް ވިސްނޭނީ ހަމަ އެކަނި ބާރުގެ ބަހުރުވައޭ ބުނެ، ސީދާ ބާރުގެ ބޭނުކޮށް ވިއްސަކަށް އަހަރު ކަލޭމެންގެ ސިކުނޑިތައް ބަންދުކޮށްގެން ގެންގުޅުނެވެ. ކަލޭމެން ތިބީ ހަމަ ކުރިން ވެސް ތިބި ގޮތުގައެވެ. އޭނާގެ ބާރު އޮތްހާ ހިނދަކު އޭނާއަށް ސަނާކިޔުމުގައެވެ. އޭނާ ދިޔުމުން، ހެއްދެވިހާ ހުތުރު އެއްޗެއް އޭނާއާ ދިމާއަށް ކަލޭމެން ގޮވިއެވެ.”

“ދެން ވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. މިފަހަރު ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވީ ދީނުގެ ނަން ބޭނުންކޮށްގެންނެވެ. އެތައް ދަސް އަހަރު އެ ގޮނޑީގައި އިނދެފައި ދިޔައިރު ކަލޭމެންގެ ކަންތައްތައް އޮތީ ކިހިނެއް ހެއްޔެވެ؟ ތަން އޮތީ ދަރަނިވެރިވެފައެވެ. އަމިއްލަ ބިންތައް ވަކި ބައެއްގެ ފައިދާއަށްޓަކައި ވިއްކާލެވިފައެވެ. ޝަރުއީ ނިޒާމު ހަލާކުވެފައެވެ. ބޮޑެތި ކުށްތައް ކުރަމުން ދިޔަ މީސްމީހުން، އެއީ ގާތް ތިމާގެ މީހުންނަށް ވުމުން، އެކުށް ކުށަކީ ކުށަކަށް ނުވިއެވެ. އެއްދުވަހު ޓީވީއަށް އަރާފައި މިވެނި މީހަކު އެކުރީ ބޮޑު ކުށެކޭ ބުނާނެއެވެ. އަނެއް ދުވަހު ހަމަ އެމީހާ ހުދު ކަފަ ކޮޅަކަށްވެ، އޭނާއަށް ދައަލުތުގެ ވަޒީރުކަން ދޭނެއެވެ. ދީން ދިފާއުކުރަށް އައި ވެރިޔާގެ ދައުރުގައި ފަސާދައިގެ އަމަލުތައް ހުރިހާ ގައުމީ މުއައްސަސާތަކެއްގައި އާންމުވިއެވެ. ދެން ކަލޭމެން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ޚުޝާމަދުކުރުމުގައި ދެމިތިބީއެވެ. މީގެ އިތުރުން، އަދިވެސް، ކަލޭމެންގެ ތެރެއިން އެތައް ބަޔަކު، އެމީހުންގެ ސިކުނޑިތަކަށް، އޭނާ ސަވާރުވެ އިނުމުގެ ފުރުސަތު އަދިވެސް އޭނާއަށް ދެއެވެ!”

ދެން އައީ ޑިމޮކުރަސީގެ އަސާ ބޭނުންކޮށްގެން ވެރިކަމުގެ ގޮނޑިއަށް ވާސިލުވުމުގެ ދުވަސްތަކެވެ. ކަލޭމެން މައިތިރިކޮށް ކަލޭމެންގެ ބޮލަށް ސަވާރުވާން ކޮންމެ ކަހަލަ އަސައެއް ބޭނުން ކުރިއަސް ނަތީޖާ އެއްގޮތެވެ. ނިމެނީ ހުރިހާ ބާރެއް އެކެއްގެ އަތް މައްޗަށް ޖަމާވެގެންނެވެ. ކަލޭމެންގެ ރަށުގައި ވެރިކަމުގެ ގޮނޑިއަށް ވާސިލުވާން ކޮންމެ މަގަކުން ހިނގަން ގަސްދުކުރިއަސް ގޮސް އެރެނީ ޑިކްޓޭޓަރެއްގެ ދާން މައްޗަށެވެ. ބޮލުގައި އެޅެނީ ޑިކްޓޭޓަރެއްގެ ތާޖެކެވެ. ޖުމްހޫރިއްޔަތޭ ކިޔަސް، ދީނޭ ކިޔަސް، ޑިމޮކުރަސީއޭ ކިޔަސް ތަފާތުވަނީ ނަމެވެ. ހަގީގަތް ހަމަ އެކައްޗެކެވެ!”

“ފިހާރައެއްގެ ވަތްގަނޑާ ހަވާލުކޮށް، އެއްފަހަރު، އެ ބަލަހައްޓަން ނޭނގުނު ސޭޓަކަށް، ދެވަނަ ފަހަރަށް، ހަމަ ބުއްދި ހުރި މީހަކު ފިހާރައިގެ ވަތްގަނޑު ހަވާލުކޮށްފާނެ ހެއްޔެވެ؟ ނޫނީ އެއްފަހަރު ފިހާރައިގެ ވަތްގަނޑު ހުސްކޮށްލި ސޭޓަކަށް ދެވަނަ ފަހަރަށް ސޭޓުކަން ހަވާލުކުރާން އުޅެފާނެ ހެއްޔެވެ؟ މިފަދަ ކަންކަން ކަލޭމެން އަމިއްލައަށް ކުރާއިރު، ނުވަތަ ކުރަން އުޅޭ އިރު، މާތްﷲ ކަލޭމެންނަށް ދެއްވި ސިކުނޑީގެ ބޭނުންކުރަން ކަލޭމެންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ކަލޭމެންނަށް ހީވާ ކަހަލައެވެ. މޮޔައެއް ވެރިކަމަށް ނުގެނެވިއްޖިއްޔާ ދެން ގެންނަން ޖެހޭނީ ޚިޔާނަތްތެރިއެކެވެ. ޚިޔާނަތްތެރިއަކު ވެރިކަމަށް އިސްނުކުރެވިއްޖިއްޔާ ދެން ވެރިކަމަށް ގެންނަން ޖެހޭނީ ހަމަ މޮޔައެކެވެ. މި ދެގޮތް ނޫން ގޮތެއް ވެސް އޮވެދާނެކަން ކަލޭމެންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މި ދެގޮތް ނޫން ގޮތެއް ހޯދަން އުޅެން ކަލޭމެންގެ ސިކުނޑިތައް ނުކުޅެދެނީ ކީއްވެ ހެއްޔެވެ؟”

“ވައްކަމާއި ފަސާދައިގެ އަމަލުތައް އިހުގައި ހިންގިއިރު، އެފަދަ އަމަލުތައް ހިންގި މީހުން ވެސް އެއަމަލުތަކަކީ ނުރަނގަޅު، ގާނޫނާއި އަދި އަޚުލާގީ ހަމަތަކާ ވެސް ޚިލާފު އަމަލުތަކެއްގެ ގޮތުގައި ދުއްޓެވެ. މިހާރު މިފެންނަނީ މިހުރިހާ ކަމަކީ ވެސް ގާނޫނީ އިމުގެ ތެރޭގައި ތިބެގެން ކުރެވިދާނޭ އަދި ކުރެވޭ ކަމެއްގެ ގޮތުގައެވެ. މުޅި ގައުމު ވިއްކާލުން ވެސް އެއީ ހަމަ ގާނޫނީ އިމުގެތެރޭން ކުރެވިދާނޭ ކަމެކެވެ. ބަނގު ރަލުގެ ނަން ރުކުރަލުގެ ނަމަށް ބަދަލުކޮށް އެކަމާ ބެހޭ ގާނޫނެއް ފާސްކޮށްގެން ބަނގުރާ ހުއްދަ ކުރެވޭ ގޮތަށެވެ. ރިޝްވަތާއި ވައްކަން، އެއީ ކޮމިޝަން ނުވަތަ ޚިދުމަތުގެ އުޖޫރަކަމުގައި ބުނެ އެކަންކަން ހުއްދަކުރެވޭ ގޮތަށެވެ. ބަދަލުދިނުމޭ ކޮމްޕެންސޭޝަނޭ ކިޔައި ގާނޫނުގެ ހިޔާވެހިކަން ހޯދައިގެން، ދައުލަތުގެ ޚަޒާނާއަކީ، ތިމާގެ މެޓާ ޖާޑިއެއް ކަމުގައި ހަދައި، ބޭނުންވި ހިނދެއްގައި އެޖާޑިއަށް އަތްބާނައި ބޭނުން ވަރަކަށް މެޓާނަގައި ތިމާއަށާއި ތިމާގެ ގާތް މީހުންނާއި އައުވާނުންނަށް ބައިއަޅައި މެޓާ ބެހޭ ގޮތް ހެދޭ ގޮތަށެވެ. ތިމާމެންގެ އަމިއްލަ ވެރިކަމުގެ ގޮނޑި ދިފާއުކުރުމަށްޓަކައި ބޭރު ގައުމުގެ އަސްކަރީން ބައިތިއްބައި އެމީހުންގެ މަރުކަޒުތައް ގާއިމުކޮށް، އެއަށް ތަފާތު އެހެން ނަންނަން ދެވި، ގާނޫނާއި ގަވާއިދުތަކަށް ގަދަކަމުން ނަމަވެސް ފައްތާ ގޮތަށެވެ.” ކޮންމެ ބަޔަކުވެސް އެބަޔަކު ހިތާވާގޮތެއް ހެދުމުން ހަމަރަގަޅުނޫންހެއްޔެވެ!

މިހުރިހާ ކަމެއް ކަލޭމެންގެ ލޯމަތީ އަބަދުމެ ހިނގަމުންދާއިރު ކަލޭމެން ތިތިބީ ކަލޭމެންގެ އަމިއްލަ ސިކުނޑި ބޭނުން ނުކުރުމުގެ އިތުރުން، ކަލޭމެންގެ ޒަމީރުގެ ކޮށުމުގެ އިޙުސާސު ވެސް ކެނޑިފައެވެ. ތިމާގެ ބޮލަށް ތިމާ އަމިއްލައަށް ސަވާރުކުރުވާފައި ބޭންދި މީހާ ޖަހާ ބެރަށް ނަށާން އާދަވެފައި ވާތީއެވެ. އެއީ މޮޔަޔަކަށް ވިޔަސް ވެހެވެ. ޚިޔާނަތްތެރިއަކަށް ވިޔަސް ވެހެވެ. ތިމާގެ އަމިއްލަ އެދުން ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރާ ބަޔަކަށް ވިޔަސް ވެހެވެ. ދެން ނިކަން ބުނެބަލާށެވެ! ކަލޭމެން، މިގޮތުގައި ތިބި އިރު، ކަލޭމެން، ކަލޭމެންނަށް މާތްކަލާނގެ ދެއްވި ސިކުނޑީގެ ބޭނުން ނުކޮށް ތިބި އިރު، ތިނޫން ގޮތެއް އޮންނާނެ ހެއްޔެވެ؟ މިހާ ދުވަސްވީ އިރުވެސް، ތިމާމެންގެ އަމިއްލަ ސިކުނޑި ބޭނުންކުރަން ނޭނގުނު ބަޔަކަށް ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ތިމާމެންގެ އަމިއްލަ ހާލަތު ތިމާމެން އެންމެން ވެގެން އަމިއްލައަށް ބަދަލުކުރަން ނޫޅޭ ބަޔެއްގެ ހާލަތު ބަދަލުވެދާނެ ހެއްޔެވެ؟ ކީރިތި ގުރުއާނުގައި ވެސް އޮވޭ ނޫން ހެއްޔެވެ؟ ‘އެބައެއްގެެ ޙާލަތު އެބަޔަކު އަމިއްލައަށް ބަދަލުކުރަން ނޫޅޭ ބައެއްގެ ޙާލަތު މާތްﷲ ބަދަލެއް ނުކުރައްވަތެވެ.’ އެހެންވީމާ އަދި ވެސް އެއް ފަހަރު ބުނަމެވެ. ކަލޭމެންނަށް އޮތީ ހަމަ ތިގޮތެވެ. ޑިކްޓޭޓަރުންގެ ބާރުގެ ދަށުގައި އެމީހުން ހެދި ގޮތެއް ހަދާން ތިޔަހެން ތިބުމެވެ.”

ދެން، އަހައްމަދު، ބޯ ކަހަމުން ކަހަމުން، ގޭ ދޮށަށް ދާން ހިނގައިގަތެވެ. އޭނާ ގޮސް އޮބައިލުމުން، ހެމުން ހެމުން، މަނިކުބޭ، ޖިންނީގެ ހެދުން ބަދަލުކޮށް އޭނާގެ ފަގުޑި ބޮލުން ނަގައި އަހައްމަދު ގެއަށް ދިޔުމުގެ ކުރިން، އޭނާގެ ގެއަށް ދިޔުމަށްޓަކައި، އެހެން މަގަކުން، އަޅައި އިތިކޮށް ދުއްވައިގަތެވެ. އަހައްމަދު ކުރެން ޖިންނީގެ ޖަވާބު އޮޅުން ފިލުވާލައި ހީ ސަމާސާ ކޮށްލުމައްޓަކައެވެ.

2 Responses

  1. އަސްލުވެސް ޑރ ގެ ލި؛ޔުންވުން ބަރާބަރު. ދިވެހިންގެ ގިނަ މީހުންނަކީ ކިޔަވައިގެން ތިބި މޮޅު މީހުންކަމުގައިވީނަމަވެސް ތަންދޮރުނުދަންނަ މަގުމަތީ ސަކަރާތްޖަހަން އުޅޭ ދޮގުގެ އަހުލުވެރިންގެ ބަސް ވަރަށް ފަސޭހައިން ގަބޫލުކުރެތެވެ. މީހަކު ވާހަކައެއް ހަމަ ދައްކާލާއިރަށް އެފޯރީގައި އޭނާ އެދެއްކިވާހަކައެއްގެ ތެދުދޮގު ބެލުމެއްއނެތި ހުސްބުޅީގަންނާނެއެވެ. އާދޭހެވެ! ތީ ހަމަ މިގައުމުގ ޙާލަތެވެ. ދެންތިބި ބޮޑުން ބޭނުމީ ކޮންފޯޓް ޒޯންގައި ތިއްބަވައިގެން ބަދަލު އަންނާށެވެ. ބައިވެރިވެގެން ހެޔޮބަދަލެއްގެންނަން ކަމުވޮށިގެންވާ މީހުން އެގައުމެއްގައި މަސައްކަތް ނުކުރަންޏާ ދެންވާނެ ހަައެތި މިއޮތީވެފައެވެ.

  2. އަބަދުވެސް ހެޔޮބަދަލަށް އެދޭމީހުން މިހާގިނައިރު ހެޔޮބަދަލު އާންމުމީހާއަށް ނުފެންނަނީ ކީއްވެތޯ މަވެސް އަމިއްލައަށް ސުވާލުކުރަމެވެ. ކޮންމެވޯޓަކާ ދިމާކޮށް އެ ގޮވާގޮވެލިފަދި އަޑުއަހަމެވެ. ވޯޓްލާންވެސް ނިކުންނަމެވެ. މިހާރު އެވަނީ މިފަހަރުގެ ޖަޒީރާއަށް ވޯޓްދެވިފައެވެ. ވޯޓް ދެވި ވެރިކަމަށް ގެނެވިއްޖެއެވެ. ވެރިކަމަށް އިސްކުރިއަސް މަޖިލިސް ނުލިބި ރައްޔިތުންގެ ވެރިކަން ނުކުރެވޭނޭ ބުނެގެން އެމަޖިލިސްވެސް އެ އޮތޯ ގަނޑުކޮށް ދީފައެވެ. އަދިވެސް ރައްޔިތުންނާހަމައަށް ހިނިތުމެއްނޭދެއެވެ. ދެންމިހާރު ގުޅައިފާ ހުރިހާ ކައުންސިލްއެއް ލިބުނީމާ ހުރިހާ ރަށަކަށް ހިނިތުންއަންނާނޭ ހުރިހާކަމެއް އޯކޭ ވާނެކަމަށް އެބަބުނެއެވެ. އެކަމާ ވިސްނަމުން ދަނިކޮށް ތި ޖިންނީގެ ޖަވާބު ކިޔާލާފަ ދެވަނަ ވިސްނުމެއްވެސް އަތުވެއްޖެއެވެ. ޝުކުރިއްޔާ!

ފަހުގެ އަޕްޑޭޓް