ޢާއިލާތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "ހާލު ކިހިނެތް" ޕްރޮގްރާމް ފަށައިފި

Loading

Facebook
Twitter
WhatsApp

ޢާއިލާތަކުގެ ހާލަތު ދެނެގަތުމަށް ސަރުކާރުން ކުރިއަށްގެންދާ ”ހާލު ކިހިނެތް“ ޕްރޮގްރާމް ފަށައިފިއެވެ. 

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މަޤުޞަދަކީ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލަތު ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީ ކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. 

މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މިއަދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ފަށާފައެވެ. 

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް އަވަސް އެހީތެރިކަން ހޯދަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ އެދިފައެވެ. 

މިގޮތުން ހާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށް ބުނެފައި ވެއެވެ. 

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މަސައްކަތް ކުރާނެ ކަމަށްވެސް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ. 

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އާއިލާތަކަށް ޒިޔާރާތްކޮށް ހޯދާ މަޢުލޫމާތުތަކަށް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާ ކުރުމަށް އެކިއެކި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހިތެރިކަން ފޯރުކޮށްދޭ ނިޒާމުތައްވެސް ހަރުދަނާ ކުރުމަށް ވަނީ ނިންމާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް