ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކޮށް ގުގުރާ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ބޮޑުބަޔަކަށް (މ އަތޮޅުން ބ އަތޮޅަށް) އޮރެންޖު ސަމާލު ނެރެފައިވާތީ، އާއި ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
މީގެ އިތުރުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެދިފައެވެ.
ހަމައެހެންމެ ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެދިފައެވެ.