މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މިއަދު މެންދުރު ފަހު މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ނިޔާވެފައި އޮތް މީހާގެ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ސައިންޓިފިކް އެނަލިސިސްތައް ހެދުމަށް ފަހުއެވެ.
އެގޮތުން އެ ތަފްސީލުތައް ހިއްސާކުރަމުން ފުލުހުން މިރޭ ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އައިމަން ކަމަށެވެ.
މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ ކުރިން ފުލުހުން ބުނީ މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އޭނާ އެންމެ ފަހުން ފެނުނު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން އޭރު ބުނީ މި މަހުގެ 16 ވަނަ ދުވަހުގެ 21:30 ގައި އޭނާ ދިރިއުޅޭ ގެއިންނެވެ.