އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމަށް މަޢުރަޒެއް ބާއްވަނީ

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ އެ މަނިކުފާނުގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރި ކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒު، ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު“ގެ ނަމުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. 

އަދި މި މަޢުރަޒު 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވެވުމަށް ވަނީ ނިންމަވާފައެވެ.

މި މަޢުރަޒަކީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މަޢުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މަޢުރަޒު ކުރިއަށް ގެންދެވުމަށާއި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މަޢުރަޒު ބޭއްވުމަށްވެސް ނިންމަވާފައި ވެއެވެ. 

ހަމަ އެއާއެކު މި މަޢުރަޒު އިންތިޒާމްކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ ނިންމަވާފައެވެ. 

މީގެ އިތުރުންވެސް އަހަރުން އަހަރަށް މި މަޢުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް