ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 13 އިން 15 އަށް ދޫނިދޫގައި ކަމަށެވެ.
މި ޕްރޮގްރާމްގައި ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި ދެނެގަތުމާ އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭ ސަރަހައްދަށް ވަދެ ނުކުތުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށް ތަމްރީނު ދީފައި ވެއެވެ.
އަދި މިފަދަ ކުށްތައް ތަހުގީގު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ވެސް މި ޕްރޮގްރާމުގައި ކިޔަވައިދީފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުން 22 މުވައްޒަފުން މި ޕްރޮގްރާމުގައި ބައިވެރިވެފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އެން.އޯ.ޑީ.ސީ ގުޅިގެން ”ޓްރެއިނިންގ އޮން ސްޓެންތެންގ ކެޕޭބިލިޓީސް ޓު ޑިސްޓްރަޕްޓް މެރިޓައިމް ކްރައިމްސް އޭޒް ރިލޭޓެޑް ޓު ޓެރަރިސްޓް ތްރެޓްސް” ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެރިން ޕޮލިސްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް އެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، އިބްރާހިމް އަދުނާން އަނީސް ވަނީ މިފަދަ ކޯހެއްގެ މުހިންމު ކަމާއި، ކޯހުގެ ބައިވެރިންނަށް މި ކޯހުން ލިބުނު އިލްމާއި ހުނަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިގޮތުން ކޯހުގައި ދަސްވި ކަންކަން އަމަލީ މައިދާނުގައި ބޭނުން ހިފުމަށް ނަސޭހަތްތެރިވެފައި ވެއެެވެ.
މި ރަސްމިއްޔާތުގައި، މެރިން ޕޮލިސްގެ ޑިޕާޓްމަންޓުތަކުގެ އިސް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ ހެޑް އޮފް އޮފީސް މރ. އެންރީކޯ ބޮނިންސޭނާ އަދި ކޯހުގެ މުދައްރިބު މރ. ކެނެތް އަލްފެރޑޯ ޕެނިންގޓަން ބައިވެރިވެފައި ވެއެވެ.