ޕާކިސްތާން ގައި ދަންޖެހުން އިތުރުވާތީ އެކަމުގެ ކަންބޮޑުވުން އުފެދިއްޖެ

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގައި ދަންޖެހި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވަމުން ދާތީ އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ޚަބަރުތައް ބުނާ ގޮތުން އެގައުމުގައި ދުވާލަކު50-55 އާ ދެމެދުގެ އަދަދަކަށް   ދަންޖެހިގެން މީހުން މަރުވެއެވެ. އަދި މީގެ ތެރެއިން 70 އިންސައްތަޔަކީ 15 އަހަރާ 29 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ވެއެވެ. 

ނަފްސާނީ ސިއްހަތާބެހޭ މާހިރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ޕާކިސްތާންގައި ދަންޖެހުން މިހާރުވަނީ ހަތަރުވަނަޔަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށް ވެފައެވެ.

ޑަބްލިއުއެޗްއޯ އިން ނަގާފައިވާ ތަފާސް ހިސާބު ތަކަކުންވެސް ދައްކާ ގޮތުގައި 2019 ވަނަ އަހަރު އެކަނިވެސް ޕާކިސްތާންގައި ދަންޖެހިގެން 19،331މީހުން މަރުވެފައި ވެއެވެ. މީގެ ތެރެއިން 14،771 މީހުންނަކީ ފިރިހެނުން ކަމަށް ވާއިރު 4،560 އަކީ އަންހެނުންނެވެ.

ޒުވާނުން ދަންޖެހޭ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ތައުލީމީ އިމްތިހާންތަކުން އެދޭ ވަނަތައް ނުލިބުން، އާއިލީ މައްސަލަތައް އަދި މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ތައް ނުލިބުން ހިމެނެއެވެ.

ޕާކިސްތާންގެ ޝިފާ ކޮލެޖް އޮފް މެޑިސިން އިން އިންތިޒާމް ކޮށްގެން ދާދި ފަހުން ވަނީ ޕާކިސްތާން، މިސްރު، އިންޑޮނީޝިޔާ އަދި ވިއެޓްނާމްގެ ނަފްސާނީ ސިއްހަތުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން މިކަމުގެ މާހިރުންގެ ޑިބޭޓް އެއް ބާއްވާފައެވެ.

މާހިރުން ފާހަގަ ކުރައްވާފައިވާ ގޮތުގައި ޕާކިސްތާން ފަދަ ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމު ތަކުގައި ޒުވާނުންގެ 90 އިންސައްތަ އަށް ބޭނުންވާ ނަފްސާނީ އެހީ ނުލިބެއެވެ. މިހެން ދިމާވަނީ ރިސޯސް ނުވަތަ ވަސީލަތް ތައް ނެތުމުގެ ސަބަބުން ކަން އެފަރާތްތަކުން ފާހަގަ ކުރައްވާފައި ވެއެވެ.

ޕާކިސްތާންގެ ޒުވާނުންގެ ނަފްސާނީ ހާލަތު އެނަލައިޒް ކޮށް ނަގާފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އެކަން މެދުވެރިވާ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ސްޓްރެސް ގެ މައްސަލަ،އެންގްޒައެޓީ،ޑިޕްރެޝަން،ޑްރަގް އިސްތިއުމާލު ކުރުން،ދަންޖެހުން އެއީ އެހާ ބޮޑުކަމެއްގެ ގޮތުގައި ނުބެލުން، އަނިޔާ ގައި އުޅެން ދިމާވުން،ދިރިއުޅުމާއި މެދު އުންމީދު ގެއްލުން، ކަންކަމުގައި އެހީތެރިކަން ނުލިބުން،އަދި އަމިއްލަ ނަފްސަށް އިތުބާރު ނުކުރުން ހިމެނެއެވެ.

ޑރ. ޒަފަރު މިރުޒާ ކިޔާ މާހިރަކު ފާހަގަ ކުރައްވާފައިވާ ގޮތުގައި ޕާކިސްތާންގައި ސިޔާސީ އަދި އިގްތިސާދީ މައްސަލަތައް އެހާގިނަ ވެފައިވާ އިރު ކުޑަކުދިންގެ 40 އިންސައްތަ ކުދިންނަކީ ފައިދާހުރި ކާނާ ނުލިބި ހެދިބޮޑުވުމަށް ހުރަސް އެޅިފައިވާ ކުދިންނެވެ. މީގެ އިތުރުން އެތައް މިލިއަން ކުދިން ސޯޝަލް މީޑިޔާ ”ކްރައިސިސް“ގައި ބެދިފައި ވާއިރު ޒުވާނުންގެ ނަފްސާނީ ސިއްހަތު ރަގަޅުވާނީ ކިހިނެއްތޯ އޭނާ ސުވާލު އުފައްދަވާފައި ވެއެވެ.  

މި ޑިބޭޓް ގައި މާހިރުން ވަނީ ނަފްސާނީ ސިއްހަތުގެ މައްސަލަ ހުރިކަން ފާހަގަވާ މީހުން، ޚާއްސަކޮން ޒުވާނުން ލަދު ނުގަނެ އަވަހަށް އެހީ ހޯދުމަށް ގޮވާލައްވާފައެވެ.

ޝިފާ އިންޓަރނޭޝަނަލް ހޮސްޕިޓަލްގެ ސައިކިއޭޓަރީ ޑިޕާޓްމަންޓްގެ ހެޑް ޑރ އަބްދުލް ވައްހާބް ޔޫސުފް ޒާއީ ފާހަގަ ކުރައްވާ ފައިވާ ގޮތުގައި ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚުވާގެ މަލަކާންދް ސަހައްދުގަ އެކަނިވެސް 2018 ވަނަ އަހަރާ 2019 ވަނަ އަހަރާ ދެމެދު 1،600 މީހުން ދަންޖެހިގެން މަރުވެފައި ވެއެވެ.

މި ޑިބޭޓްގައި އިންޑޮނީޝިޔާ، އީޖިޕްޓް އަދި ވިއެޓްނާމްގެ މެންޓަލް ހެލްތު އެކްސްޕަރޓުން ވަނީ މައްސަލައާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާ އަދި މެންޓަލް ހެލްތު ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވޭ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް