ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅޭ އިސް މީހެއްކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ޕީއެންސީގެ ކައުންސިލް މެމްބަރުކަމުން ސަސްޕެންޑުކޮށްފިއެވެ.
ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ”ޑްރަގު ނެޓްވޯކް“ގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން މިވަނީ މިއަދު ޢާންމުކޮށްފައެވެ.
އެތަކެތީ ރާއްޖެއަށް އެތެރެކުރުމަށް އެންމެ އިސް ދައުރެއް އަދާ ކޮށްފައިވާކަމަށް ފުލުހުން ތުޙުމަތު ކުރައްވަނީ ޝަހީބު އިބްރާހިމަށާއި ހއ.ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއަށެވެ. މިމައްސަލައިގެ އިތުރުން 2019 ވަނަ އަހަރު ނޮވެމްބަރ މަހުގެ ތެރޭގައި އިރާނުގެ ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާއިވެސް ޝަހީބުއާއި ގުޅުމެއް ވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ޝަހީބަށް ކުރެވުނު މިތުހުމަތު ތަކާއި ގުޅިގެން ޕީއެންސީއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝަހީބަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރުމާއި ގުޅިގެން، އެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ޕީއެންސީގެ އަސާސީ ޤަވާއިދަށް ރިޢާޔަތްކޮށް، ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން އޭނާ ވަގުތީގޮތުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ޕީއެންސީގެ ކައުންސިލް މެމްބަރެއްގެ އިތުރުން ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަންވެސް ކުރި މީހެކެވެ. އަދި އެންމެ ފަހުން ބޭއްވުނު މަޖިލިސް އިންތިޙާބުގައި ވެސް ޝަހީބު ވާދަކޮށްފައިވެއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ހުލުމާލެ ފަޅުތެރޭގައި އޮތް ކަންނެލި ދޯނިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނަލް ކޯޓުން 10 ދުވަސް ޖަހައިފައިވެއެވެ. އަދި ހައްޔަރުކުރި އަޙްމަދު މޫސާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވެއެވެ. އަދި ޝަހީބު އިބްރާހިމް ހިމެނޭ ގޮތަށް ފަސް މީހަކަށް 15ދުވަސް ޖަހައިފައިވެއެވެ.