އޮންލައިން ވިއުގަތަކުގައި އިޒްރޭލަށް ފުރައްސާރަކުރާ މީހުން ދެނެގަނެ ސައުދީ ސަރުކާރުން ހައްޔަރުކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ކުރަމުން ގެންދާ ހަނގުރާމައިގައި މީސްމީޑިއާގައި އިޒްރޭލާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތައް ސައުދީ އަރަބިއާއިން ހައްޔަރުކުރަން ފަށާފައިވާއިރު، ފަލަސްތީނަކީ ވަކި ސްޓޭޓެއްކަމަށް ނިންމައިފިނަމަ ޔަހޫދީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވަން ތައްޔާރަށް އޮތްކަން ސައުދީ ސަރުކާރުން ވަނީ ހަމަކޮށްފައެވެ.

މިގޮތުން، މީގެ 10 އަހަރު ދުވަސްކުރިން މީސްމީޑިއާގައި ކޮށްފައިހުރި ކޮމެންޓުތަކާއި ގުޅިގެންވެސް ސައުދީ ސަރުކާރުން މީހުން ހައްޔަރުކޮށްފައިވާއިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވާލުމަކީ ސައުދީ އަރަބިއާގެ ސަގާފަތެކެވެ. އެހެންނަމަވެސް، ރިޔާދުގައި ތިބި ޑިޕްލޮމެޓުންނާއި، އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން ބުނަނީ މިފަހުން ބަޔަކު ހައްޔރުކުރަން ފަށާފައިވަނީ ހަމާސްއިން އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން “ލާއިންސާނީ” ހަމަލާތަކުގެ ސަބަބުންކަމަށެވެ.

ހަމާސްއިން ދިން ހަމަލާއަށްފަހު، އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، ގިނަ ބަޔަކު ޒަޚަމްވެ، ކާބޯތަކެއްޗަށްޖެހި ވަނީ ހާލުގައި ޖައްސާފައެވެ. މިކަމުގެ ސަބަބުން އަރަބި ދުނިޔޭގެ އިތުރުން ހުޅަނގުގެ ގިނަ ހިސާބުތަކެއްގައި އެންޓި-އިޒްރޭލް ފިކުރުތަކެއް ފެތުރިފައިވާއިރު، އެމެރިކާގެ ޔުނިވަރސިޓީތަކުގެ ދަރިވަރުންވެސް ގެންދަނީ ނުރުހުން ފާޅުކޮށް މުޒާހަރާތައް ކުރަމުންނެވެ.

ސައުދީ އަރަބިއާ ފަދައިން، ސަރަހައްދީ ބައިވެރިން ކަމުގައިވާ ޖޯޑަނާއި މިޞްރުން މިކަމަށް ބިރުވެތިވާއިރު، އެމީހުން ގަބޫލުކުރާގޮތުގައި މިފްދަ ހަލަބޮލިކަމަކީ އޭގެ ސަބަބުން އިރާނާއި އެހެން އިސްލާމިސްޓް ޖަމާއަތްތަކަށް ހިތްވަރު ލިބޭނެ ކަންކަމެވެ. އެއީ މީގެ 10 އަހަރު ދުވަސްކުރިން ހިބގައިދިޔަ “އަރަބި ސްޕްރިންގް” ގެ ހަނދާންތައް އަދިވެސް ތާޒާކަންމަތީގައި އަރަބިދުނިޔޭގެ ސިކުނޑިތަކުގައި ހުރީތީއެވެ.

މިގޮތުން، ސައުދީ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ދަށުން ހިންގާ ވިޝަން 2030 ގައި ހިމެނޭ ކުންފުންޏެއްގެ އެގްޒެކެޓިވްއެއް ވެސް ހައްޔަރުކޮށްފައިވާއިރު، ވުޒާރާތަކުން ބުނާގޮތުގައި ޣައްޒާ މައްސަލައިގައި އޭނާ ފާޅުކުރި ޚިޔާލަކީ ބަލައިގަނެވޭ ޚިޔާލެއް ނޫނެވެ. ހަމައެއާއެކު، އިޒްރޭލަށް ދުވަހަކުވެސް މާފެއް ނެތްކަމަށް ބުނި ނޫސްވެރިޔަކުވެސް ހައްޔަރުކޮށްފައިވަާއިރު، ސައުދީގައި ހިންގާ އެމެރިކާގެ ފާސްޓްފުޑް ރެސްޓޯރެންޓްތައް ބޮއިކޮޓް ކުރުމަށް ގޮވި އާންމު ފަރުދެއްވެސް ހައްޔަރުކޮށްފައިވެއެވެ.

މީގެއިތުރުން، ހައްޔަރުކުރާ ފަރާތްތަކުގެ މައުލޫމާތާއި، އެފަރާތްތަކުގެ ހާލުވެސް ނުބެލޭއިރު، ސައުދީ އިންޓީރިއަރ މިނިސްޓްރީއާއި ދައުލަތުގެ ހިއުމަން ރައިޓްސް ކޮމިޝަނުން އެއްވެސް އެއްޗެއް ބުނުމަށް ވަނީ ދެކޮޅު ހަދާފައެވެ.

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް