ނަމުގައި ރައްޔިތުންގެ މަޖިލިސް -2

Loading

Facebook
Twitter
WhatsApp

https://sandhaanu.today/39160/ އާއި ގުޅޭ…

މިހާ ހިސާބުން ރައްޔިތުންގެ ފައިދާއަށްޓަކައި ހަދާފައި ހުރި ބައެއް ގާނޫނުތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މައްޗަށްބަލާލުންވެސް ބޭނުމެވެ. އެންމެ ފުރަތަމަ ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ ބައެއް ގާނޫނުތަކަށް އަވަސް ކަޅިއެއް ހިންގާލަމާ ހެއްޔެވެ.                      

ރާއްޖޭގެ ރަންބިސް އަޅާކުކުޅު ޓްއަރިޒަމް ވިޔަފާރި ހިންގަމުން ގެންދާތާ ފަންސާސް އަހަރަށް ވުރެން ގިނަ ވެއްޖެއެވެ. މުޅި މާރކެޓްގައި ތިބި ބޮޑު މުސާރަ ލިބޭ ހުރިހާ މީހުންނަކީ ބިދޭސީންނެވެ. ފަންސާސް އަހަރުދުވަސްވީއިރު ދިވެހިން ތަމްރީނު ނުކުރެމުގެ ޒިންމާ އުފުލާނީ ސަރުކާރުން ނުވަތަ މަޖިލީހުން ހެއްޔެވެ؟ ދައުލަތް ހިންގަން ރައްޔަތުން ޙަވާލުކުރާ ސަރުކާރުންވެސް ގާނޫނަށް ތަބާވާން ޖެހޭނެއެވެ. އެކަންކުރުވުމަކީ މަޖިލީހުގެ ޒިންމާއެވެ.

ހަމައެކަނި އެއޮތީ ގާނޫނު ހަދާފައޭ ބުނުމަކުން ނުފުދެއެވެ.މިހެން ލިޔާއިރުވެސް ބަނޑޮސް އައިލެންޑް ފަދަ މަދު ބައެއް ރިސޯޓް ތަކުގެ އިސް މަގާމު ތަކުގައިވެސް ދިވެހިން ގިނަކަން ފާހަގަ ކުރަމެވެ. 

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ފޮރިން އިންވެސްމެންޓް ހިންގައެވެ. އެ ފަދަ އިންވެސްޓް މެންޓްތަކުގައި އެ ގައުމެއް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބިފައި އޮންނަންޖެހޭ މިންވަރު ލިޔުންތެރިޔާއަށްވުރެން މާބޮޑަށް މަޖިލީހުގެ މެމްބަރުންނަށް އެނގޭނެއެވެ. ހަމަގައިމުވެސް އެނގެންޖެހެއެވެ!

ފަންސާސް އަހަރު ފަހުން ގާނޫނެއް ހަދާފައި އޭގެ ފަސްއަހަރު ފަހުން ދިވެހިންނަށް މިތަން އިން ސައްތައިގެ ވަޒީފާ ކަށަވރުކުރަން ޖެހޭނެއޭ ބުނުމަކީ މި ގަރުނުގައި މީހުންދައްކާކަހަލަ ވާހައެއް ނޫނެވެ.           

ދެން ބަލާލަންޖެހޭ މުހިންމު އެއް ދާއިރާ އަކީ ތަޢުލީމީ ދާއިރާއެވެ. ދިވެހި ކޮންމެ ކިޔަވާ ކުއްޖަކު ދިވެހި ބަސް ދަސްކުރުމަށް ވަރަށް ބާރު އަޅުއްވާފައި ވެއެވެ. އެކަމަކު ނަތީޖާއަކީ ކޮބައިތޯ ބައްލަވަމުން ގެންދެވޭތޯއެވެ. ގާނޫނު ހެއްދެވުމަކުން ނުފުދެއެވެ.

އެ ގާނުނުތައް ތަންފީޒު ސަރުކާރުތަކުން ކުރެވެމުންދާ ގޮތަކާއި މިންވަރެއް ބެއްލެވުމަކީ މަޖިލީސް މެމްބަރުންގެ މަސްއޫލިއްޔަތެވެ. ގްރޭޑް 10 ނިމިގެން ނިކުންނަ ދަރިވަރަކު ކައިރީގައި ދިވެހި ބަހުން އެންމެ ސަފްޙާއެއް ލިޔަން ވިދާޅުމުން ލިބޭ ނަތީޖާއާ މެދު ސަހަރޯ ހީވާނެއެވެ. 

ބަސްމޮށުމުގެ ފެންވަރުވެސް ހުރީ ހަމައެގޮތަށެވެ. ގެއްލުމާއި ގެއްލުވާ ލުމާއި ނަގާލުން އޮޅިއްޖެއެވެ. އެއްޗެއްސޭ ބުނަން ބުނަނީ އެއްޗިސް އެވެ. ބުނުމާއި ދެންނެވުމާއި ވިދާޅުވުން އޮޅިއްޖެއެވެ. ށަވިޔަންޏާއި ޏަވިޔަނީގެ ބޭނުމެއް ނޭގެއެވެ. ތާ ގައި ސުކުން ކުރާނީތޯ ނުވަތަ އަލިފުގައި އިބިފިލި ޖަހާނީތޯ އޮޅިއްޖެއެވެ. މިހާރުގެ ޙާލަތަކީ މިއީނުންތޯއެވެ.                                                 

ސަބަބަކީ ކޮބައިކަން އެނގިވަޑައި ގަންނަވާނީ ބައްލަވަމުން ގެންދެވީމައެވެ. ފިލިޖެހުމާއި ސުކުން ކުރަން ދަސްނުވަނީސް ޅެން ފަރިހި ރައިވަރު ޝަރަޙަ ކުރަން ޖައްސައި އަދަބިއްޔާތު ކިޔަވާދޭން ފެށީމާ ދަރިވަރުންގެ ބޯ ގޮވަނީއެވެ. ދިވެހިބަސް ދަސްކުރުން ބުރައަކަށްވެ ޝައުގުވެރިކަން ނެތިގެން ދަނީއެވެ.            

މިއީ އެއްވެސް ބޭފުޅަކަށް އަމާޒުކޮށްފައިވާ ލިއުމެއް ނޫނެވެ. އަދި އެއީ އަޅުގަނޑުގެ މަގްސަދެއްވެސް ނޫނެވެ. ރައްޔިތުންގެ މަޖިލިސްއަކީ ރައްޔިތުންގެ ތަނަކަށްވެ ރައްޔިތުން ބޭނުންވާގޮތަށް ހިންގޭ މުއައްސަސާއަކަށް ވުމުގެ އެދުން ބޮޑުކަމުން އެއިން ކޮންމެވެސް މިންވަރެއް ސިކުނޑިން ބޭރުކޮށްލަން ބޭނުންވީއެވެ.

ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ އެންމެ ބާރުގަދަ މުއައްސަސާއެވެ. އެއީ ދިވެހިގެ މަމްދޫބުން ތިބޭރައްޔިތުންގެ މަޖލިސް ވީމައެވެ. ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ގައުމުގައި ވަކި މުއްދަތަކަށް ވެރިކަން ކުރާނެ ބޭފުޅަކުވެސް ކަނޑައަޅަނީވެސް ރައްޔިތުންނެވެ. 

ރައްޔިތުންގެ މަޖިލީސް ރައްޔިތުންގެ އަތުން ބީވެގެންގޮސް ސިޔާސީ ޕާރޓިގެ ޖަގަހައަކަށް ވެގެން ދިއުމަށް އެއްވެސް ދިވެހިރައްޔިތަކު ބޭނުން ނުވާނެކަން ޔަގީނެވެ. މަޖިލީސް އޮންނަން ޖެހޭނީ ރައްޔިތުންގެ ބާރުގެ ދަށުގައެވެ. ރައްޔިތުން އިންތިޚާބު ކުރައްވާ މެމްބަރުން ވަކިކުރުމުގެ ބާރުވެސް އެ ރައްޔިތުންނަށް ލިބިފައި އޮންނަން ޖެހޭނެއެވެ. އެއީ އެދާއިރާއެއްގެ ރައްޔަތުން 3/2ބައިގެ ޕޭޓީޝަނަކުން ނަމަވެސްއެވެ.

އެ މެމްބަރުންނަށް ދޭނެ މުސާރައާއި އިނާޔަތްވެސް ކަނޑައަޅުއްވާނީ ރައްޔިތުންނެވެ. އެމެމްބަރުންނަށް ރައްޔިތުން ލައްވާ އިއްޒަތްތެރި މެމްބަރު ކިއުއްވުމަށް ވުރެން އެ މެމްބަރުން ރައްޔިތުންނަށް މުޚާތަބު ކުރައްވާ އިރު އިއްޒަތްތެރި ރައްޔިތުންގެ ނަމުގައި މުޚާތަބު ކުރުންރީތިވެފައި އައުލާކަން މާ ބޮޑެވެ. 

އެ މެމްބަރުންނަކީ ރައްޔިތުންގެ ޚަޒާނާއިން މުސާރަ ލިބޭ ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތައް ކުރުން ވަގުތީ ގޮތުން ޙަވާލުކޮށްފައި ތިބި ބައެއްކަން އެ މެމްބަރުން ދަންނަން ޖެހޭނެއެވެ. 

ވެރިންނާއި ނޯކަރުންނަކީ ކޮންބައެއްކަން މެމްބަރުންނާއި ރައްޔިތުންނަށް ވެސް އެނގުން ބޭނުމެވެ. ގައުމުގެ މިނިވަންކަމާއި ފުދުންތެރިކަން ފުރިހަމަ މާނައިގާ ކަށަވަރު ކުރުމަށްޓަކައެވެ. މިވާހަކަ  ދައްކަން ޖެހެއެވެ. ބޭނުމަކީ ރައްޔިތުންނާއި މަޖިލީހާއި ސަރުކާރު ގުޅިގެން އެކަމަކު ފާރަވެރި ވުމާއެކު ކުރިއަށް ދިއުމެވެ. 

މިދޭތެރެއަކުން ގައުމެއްގެ ވެރިޔަކު ވިދާޅުވެފައިވާ ފަދައިންނެވެ. ރައްޔިތުންގެ ބަސް އަޑުއަހައިގެން މެނުވީ ރައްޔިތުން އެދޭ ގޮތެއް ނޭގޭނެއެވެ. ހަމައެފަދައިން މިނިވަން ކަމާއި ފުދުންތެރިކަން ބޭނުންވާނަމަ ރައްޔިތުންވެސް ޖެހޭނީ ބިރުފަހަނަޅާ ދާށެވެ. އަޅުވެތިކަމަށް ބޭނުން ކުރާ އަނެއް ބަހަކީ ވަކިބައެއްގެ މުށުތެރޭގައި ފިތިފައި ތިބެން ޖެހުމެވެ. އެއީ އިންސާނީ ތަބީއަތު އެންމެ ނުރުހޭ ކަންތަކެވެ. ނަމަވެސް މިއަދުގެ ޙަގީގަތަކީ އެއީއެވެ.      

Loading

2 Responses

  1. އަސްލުވެސް ނަމެއްގައި ރައްޔަތުންގެ މަޖިލިސް. ވިސްނާލަމާތޯއެވެ. 5 އަހަރުދުވަހުން މެމްބަރަކަށް މުސާރައަށް މިލިބެނީ 4.9 މިލިޔަން ރުފިޔާ. އެހެންވީއިރު ޕާޓީ ޕްރައިމަރީގައި ވާދަކޮށް ސްލޮޓް ހޯދަން 4 މިލިޔަން ޚަރަދު އޭގެ ފަހުން މަޖިލީސްގެ ވޯޓްގައި 5-12 މިލިޔަން ޚަރަދު ކޮށްގެން ރައްޔަތުންގެ ގެ (މަޖިލީހަށް) ވަންނާނެތޯ ރައްޔަތުންގެ މަމްދޫބެއް؟ ކޮންތާކުން އޭނާ އެޚަރަދުކުރަން ފައިސާ ހޯދީ. ދިންމީހަކު ހަމަ ހިލޭ އޭނާ މަޖިލިސްއަށް ވަނަން 5 މިލިޔަނުން ރުފިޔާ ދޭނެތަ؟ ރައްޔަތުންނަށް ރިޝަވަތުދީ ހެދުނުހާ ދޮގެއް ހަދައިގެން އެ މަޖިލިސްއަށް ވަންނަން ބޭނުންވަނީ އޭނާ ޚަރަދުކުރި 5-21 މިލިޔަންގެ ދިހަގުނަ 5 އަހަރުދުވަހުން ހެދޭނެތީތާއެވެ. ކިހިނެއް؟ ކަރަޕަޝަނާއި ފަސާދަ! ރައީސްމީހާއަށްވެސް މިކަން ރަނގަޅަށް އެނގޭ. ދެން ހުވާލައިދެނީ މާތްﷲ ގަންދީފާ. ސުބުޙާނައްﷲ. ކޯފާއެއް މިވެރީނަށް ނާންނަކަމާއެވެ!!

  2. ސަރުކާރާއި ސިޔާސީ ޕާރޓީ ތަކުގެ މުށުތެރޭގައި ތާށިވުމަކީ ކުޑަ ކޯފާއެއް ހެއްޔެވެ. ދުނިޔެ އިސްތިއުމާރު ކޮށްގެން އުޅުނު މީހުންގެ ފަރާތުން ފައިދާތަކެއް ލިބުނު އެ ގައުމުތަކުގެ ރައްޔިތުން ތަކެއްވެސް ތިއްބެވެ. ދިވެހި ރައްޔިތުންނަށް މިތިބެނީ ސަރުކާރާއި ސިޔާސީ ޕާރޓީތަކަށް ސަނާ ކިޔައި އަތް ޖެހުން ނޫން އެހެން ގޮތެއް ނެތް ހާލަތަކަށް ފައްތާފައެވެ. މިނިވަންކަމާއި ފުދުންތެރިކަން ބޭނުންވާނަަމަ ބިރުފަހަނަޅާ ދާން ޖެހޭނެއޭ ބުނަނީ ތެދެއްވީމައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް